ގާނޫނު ފާސްވާނެ ދުވަހަކަށް މަރުގެ ހުކުމް ތަންފީޒުނުކޮށް މަޑެއް ނުކުރާނަން – އުމަރު

ގާނޫނު ފާސްވާނެ ދުވަހަކަށް މަރުގެ ހުކުމް ތަންފީޒުނުކޮށް މަޑު ނުކުރާނެ ކަމަށާއި ހުކުމްތައް ތަންފީޒުކުރުމަކީ ހޯމް މިނިސްޓްރީގެ ވާޖިބެއް ކަމަށް ހޯމް މިނިސްޓްރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
އުމަރު މިހެން ވިދާޅުވީ ރާއްޖޭގައި މަރުގެ ޙުކުމް ތަންފީޒުކުރުމާ ގުޅޭ ކަންކަން އިންތިޒާމްކުރުމުގެ އަމުރުގައި މިއަދު ސޮއިކުރެއްވުމަށްފަހު ފަހު ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުންނެވެ.
ޢުމަރު ވިދާޅުވީ، ޤާނޫނުގައި ބުނާ ގޮތުން ހުކުމް ތަންފީޒު ކުރުމަކީ ހޯމް މިނިސްޓަރަށް ލިބިގެންވާ އިހްތިޔާރެއް ކަމަށާއި އެހެންކަމުން، ޤާނޫނު ފާސް ވަންދެން މަޑު ނުކުރާނެ ކަމަށެވެ.
"ޤާނޫނެއް ފާސްވެގެން މަރުގެ އަދަބު ތަންފީޒު ކުރެވެން އަންނަންދެން އަޅުގަނޑުމެން މަޑެއް ނުކުރާނެ. ސަބަބަކީ ހޯމް މިނިސްޓަރަށް ލިބިގެންވާ އިޚްތިޔާރެއް ހުކުމް ތަންފީޒު ކުރުމަކީ." ޢުމަރު ވިދާޅުވިއެވެ.
ޢުމަރު އިތުރަށް ވިދާޅުވީ، މަރުގެ އަދަބު ތަންފީޒު ކުރުމަށް މިހާރު އަމުރުކޮށްފައިވާ އިރު، މިއަދަށް ފަހު ޤާނޫނެއްގައި މަރުގެ ހުކުމާއި މެދު ގޮތެއް ބުނެފައިވާ ނަމަ، އަމަލު ކުރެވޭނީ ފަހުން އައި ޤާނޫނަކަށް ކަމަށެވެ.
"ފަހުން ޤާނޫނެއް އައިސްފިއްޔާ، އެ ޤާނޫނަކަށް އަޅުގަނޑުމެން ޢަމަލު ކުރާނީ. މިހާރު އަޅުގަނޑުމެން އަމަލުކުރުމަށް ގަސްދުކުރެވިފައިވާ ޕްރޮސީޖާރ އަކީ މހާރު ޑްރާފްޓް ކުރެވިފައިވާ ޤާނޫނާއި އެއްގޮތަށް ހެދިފައި އޮތް ޕްރޮސީޖާރ އެއް." ހޯމް މިނިސްޓަރ ޢުމަރު ނަސީރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ މަރުގެ ޙުކުމް ތަންފީޒު ކުރާނީ ޝަރުއީ ހުރިހާ މަރުހަލާއެއް ވެސް ނިމި ސުޕްރީމް ކޯޓުން މީހަކު މެރުމަށް ޙުކުމް ކުރުމުން ކަމަށެވެ.
"ސަރުކާރުން ޝަރުޢީ ދާއިރާގެ އެއްވެސް މައްސަލައެއް އަވަސް ކުރަން ނުވަތަ ލަސްކުރަން މަސައްކަތެއް ނުކުރާނަން. އަދި މިއަދުގެ އަމުރުގައި އޮތް ފަދައިން ސުޕްރީމް ކޯޓުން މައްސަލަ ނިންމުމުން އަޅުގަނޑުމެން ތަންފީޒު ކުރާނީ." ޢުމަރު ވިދާޅުވިއެވެ.
އުމަރު ވިދާޅުވި ގޮތުގައި މަރުގެ ހުކުމް ތަންފީޒުކުރުމާ ބެހޭ ގޮތުން އިތުރު އަމުރެއް ނުނެރޭނެ އެވެ. ދެން އަމުރު ނެރޭނީ ހުކުމް ތަންފީޒުކުރާ މީހާ މަރުގެ ގޮނޑީގައި ބޭންދުމަށް ފަހު އެ މީހެއްގެ މައްޗަށް މަރުގެ ހުކުމް ތަންފީޒްކުރުމަށް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. މިނިސްޓަރު އަދި ވިދާޅުވި ގޮތުގައި މަރުގެ ހުކުމް ތަންފީޒުކުރެވޭނީ މާފުށީ ޖަލުގައި އެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ 18 އަހަރުން ދަށުގެ ކުއްޖެއްގެ މައްޗަށް މަރުގެ ހުކުމެއް އަތުވެއްޖެ ނަމަ އެކުއްޖާއަށް 18 އަހަރު ވަންދެން ހުކުމް ތަންފީޒު ކުރުން ފަސްކުރެވޭނެ ކަމަށެވެ.
މަރުގެ އަދަބު ދިނުމަށް ހުކުމްކޮށްފައިވާ މީހުންގެ ހުކުމުގެ މައްސަލަތައް ސުޕްރީމް ކޯޓުގައި ދިގުލައިގެންދާތީ އެކަމާއި ބެހޭގޮތުން ނޫސްވެރިޔަކު ސުވާލުކުރެއްވުމުން އުމަރު ވިދާޅުވީ އެ މައްސަލަތައް އަވަސް ކުރުމަށް ވެސް އަދި ލަސްކުރުމަށް ވެސް ސަރުކާރުން މަސައްކަތްނުކުރާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ