70،000 އަށް ވުރެ ގިނަ ރައްޔިތުން އަޅުގަނޑަށް ވޯޓުދިން - ގާސިމް

އިލެކްޝަން ކޮމިޝަންގެ ވަގުތީ ނަތީޖާގައި ޖުމްހޫރީ ގުޅުމަށް ލިބުނު ވޯޓުގެ އަދަދަކީ ރަނގަޅު އަދަދެއް ނޫން ކަމަށާއި ދިވެހި ރައްޔިތުން ޖުމްހޫރީ ގުޅުމަށް 70،000 ވޯޓު ދިން ކަމަށް ވިސްނިވަޑައިގަންނަވާ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިރޭ ވިދާޅުވެއްޖެ އެވެ.
މ.ކުނޫޒުގައި މިރޭ ޖުމްހޫރީ ގުޅުމުން ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ގާސިމް ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުން ހިންގާފައިވާ ބޮޑު ޖަރީމާ ދުވަހަކުވެސް މައާފް ނުކުރާނެ ކަމަށާއި މީގެ 20 އަހަރު ކުރިން މަރުވެފައިވާ މީހުން ލިސްޓުގައި ޖަހާފައިވާ މައްސަލައަކީ ވަރަށް ބޮޑު ޖަރީމާއެއް ކަމަށާއި އިލެކްޝަނުން ޒިންމާ އަދާނުކުރެވޭ ކަމުގައިވަނީނަމަ އިސްތިއުފާ ދީފަ ދާން ޖެހޭނެ ކަމަށެވެ.
"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އަޅުގަނޑުމެންނަށް ލިބުނީ 50،000 ވޯޓެއް ނޫން، އަޅުގަނޑު ގަބޫލުކުރާ ގޮތުގައި 70،000 އަށް ވުރެ މަތީގައި އޮންނަން ޖެހޭނެ،" ގާސިމް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ ގައުމެއްގައި ހަމަޖެހުން ބިނާވެގެން އަންނަނީ ކޮންމެ ބަޔަކުވެސް އެބަޔަކާއި ހަވާލުކުރެވިފައިވާ މަސްއޫލިއްޔަތު ގާނޫނު އަސާސީ ގައިވާ ގޮތުގެ މަތިން އިހްލާސްތެރިކަމާއިއެކު އަދާކޮށްގެން ކަމަށާއި އެއީ އިލެކްޝަނުން ވިޔަސް ނުވަތަ އެހެން ފަރާތަކުން ވިޔަސް އެގޮތަށް އަމަލު ކުރަން ޖެހޭނެ ކަމަށެވެ.
އިލެކްޝަންސް ކޮމިޝަނަކީ ރައްޔިތުންގެ އިތުބާރު އޮތް ތަނެއްގެ ގޮތުގައި އޮންނަން ޖެހޭނެކަން ފާހަގަކުރައްވާ ގާސިމް ވިދާޅުވީ ޖުމްހޫރީ ގުޅުމުން ކޯޓަށް މައްސަލަ ހުށަހަޅާއިރު އިންސާފުގެ މަގުން ދާން ބޭނުންވާ ކަމަށެވެ. އަދި ޖުމްހޫރީ ގުޅުމުގެ ވެރިކަމެއްގައި ގަރާރު ފާސްކޮށްގެން ހައި ކޯޓާއި ސުޕްރީމް ކޯޓު އުވާލަން ނުނިންމާނެ ކަމަށެވެ.
"އަޅުގަނޑުމެންގެ ހައްގު ހައި ކޯޓުން ވެސް އަދި ސުޕްރީމް ކޯޓުން ވެސް ލިބިގެންދާނެ ކަމަށް ޝައްކެއް ނުކުރަން،" ގާސިމް ވިދާޅުވި އެވެ.
ގާސިމް ވަނީ ޖުމްހޫރީ ގުޅުމުން ހުށަހަޅައި މައްސަލަ ކޯޓުން އަވަސް ކޮށްދިނުމަށް އެދިވަޑައިގަންނަވާފައެވެ. އަދި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު ވަހީދުވެސް ގާނޫނީ ޒިންމާ ނަންގަވައި ސަލާމަތީ ބާރުތަކުން ފަނޑިޔާރުން ހިމާޔަތްކޮށްދިނުމަށް ގާސިމް އެދިވަޑައިގެންނެވި އެވެ.
ގާސިމް ވަނީ ކުރިއަށް އޮތް ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމު ހުވާކުރައްވާނީ އޭނާ ކަމަށް ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ