ފުލުހުން ފަހަތަށް ޖެހުމުގެ އެޓިޑިއުޓް ގެންގުޅޭތާ 10 ވަރަކަށް އަހަރުވެއްޖެ - މިނިސްޓަރު އުމަރު

ބަޔަކު އެއްޗެކޭ ބުނެފާނެތީ ފުލުހުން ފަހަތަށް ޖެހުމުގެ އެޓިޑިއުޓް ގެންގުޅޭތާ 10 ވަރަކަށް އަހަރުވެއްޖެ ކަމަށާއި ރައްޔިތުންނަށް އަމާން މުޖުތަމައުއެއް ގާއިމުކޮށްދިނުމުގައި ހުރިހާ ފުލުހުންގެ މަސައްކަތްކުރުމަށް މިނިސްޓަރ އޮފް ހޯމް އެފެއާޒް އުމަރު ނަސީރު މިއަދު ވިދާޅުވެއްޖެ އެވެ.
އުމަރު ނަސީރު މިހެން ވިދާޅުވީ ފުލުހުން އަސާސާ ތަމްރީން ކޯހުގެ 24 ވަނަ ބުރު ނިމި ދަސްވެނިންނަށް ލިޔުން ދިނުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.
އިސްކަންދަރު ބިލްޑިންގގައި ބޭއްވި ރަސްމިއްޔާތު ޝަރަފަވެރިކޮށްދެއްވާ ވާހަކަދައްކަވަމުން މިނިސްޓަރު އުމަރު ވިދާޅުވީ ކުށުގެ ވެށި ވަރަށް ބޮޑު ބަދަލުވެފައިވާ ކަމަށާއި މިހާރުގެ ހާލަތު އޮތް ގޮތުން ފަހަތަށް ނުޖެހި ގާނޫނުގައި ބުނާ އެންމެ ވަރުގަދަ އިހުތިޔާރުތައް ބޭނުންކޮށްގެން ކުށްވެރިން ހުއްޓަވަން ޖެހިފައިވާ ކަމަށެވެ.
އުމަރު ވިދާޅުވީ ފުލުހުން ފަހަތަށް ޖެހިގެން ގާނޫނު ތަންފީޒުނުކުރެވޭނެ ކަމަށާއި ގާނޫނު ތަންފީޒުކުރެވޭނީ ފާޑުކިޔުންތަކާ ވެސް ކުރިމަތިލައި އަދި އެހެނިހެން ލަފްޒުތައް ބޭނުންކުރީމާ އެއާ ވެސް ކުރިމަތިލާ ކުރީ ސަފަށް ޖެހި ގާނޫނު ތަންފީޒުކޮށްގެން ކަމަށެވެ.
"ފުލުހުންނާ ދިމާއަށް ދިއްކުރެވޭ ކޮންމެ އިނގިއްޔަކަށް، އަޑުއަހައިގެން އަދި ކޮންމެ މީހަކު ބުނާ ކޮންމެ ކަމެއް އެ ގޮތަށް ކޮށްގެންނެއް ގާނޫނު ތަންފީޒެއް ނުކުރެވޭނެ." މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ސަރުކާރުން ބޭނުންވަނީ ގާނޫނުގެ އެންމެ ދިގު އަތް ބޭނުންކޮށްގެން ކުށްވެރިންނާއި ދެކޮޅަށް މަސައްކަތްކޮށް ވީހާ ވެސް ގިނަ ކުށްވެރިން ހިފާ ހައްޔަރުކުރުމަށް ކަމަށާއި ފުލުހުންނަށް އަމާޒުވާ ފާޑު ކިޔުންތަކަށް ކުރިމަތިލައްވާނެ ކަމަށެވެ.
އުމަރު ނަސީރު ދެއްކެވި ވާހަކަފުޅުގައި މި ކޯހުގައި އުގަންނައިދިން ތަކެތީގެ ބޭނުން ހިފައި ރައްޔިތުންނަށް އަމާން މުޖުތަމަޢުއެއް ޤާއިމްކޮށްދެއްވުމުގައި ހުރިހާ ފުލުހުންގެ މަސައްކަތްކުރުމަށް އެދިލެއްވިއެވެ.
އަދި މިނިސްޓަރ ވަނީ ކުށުގެ ބިރުވެރިކަމުން ރައްޔިތުން ސަލާމަތްކޮށް އަމާން މުޖުތަމަޢުއެއް ގާއިމްކުރުމުގައި ހުރިހާ ފުލުހުންވެ ގާނޫނީ އިމުގެ ތެރެއިން ޕްރޯ އެކްޓިވްކޮށް މަސައްކަތްކޮށް ގައުމުގެ ވެށި ކުށުގެ ބިރުވެރިކަމުން ސަލާމަތް ކޮށްދިނުމަށް އެދިވަޑައިގަންނަވާފައެވެ.
މިރަސްމިއްޔާތުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ސައުދީ ދެއްކެވި ވާހަކަފުޅުގައި ފުލުހުންގެ ޚިދުމަތް މުޅި ރާއްޖެއަށް ފެތުރެމުންދާއިރު ފުލުހުންގެ މިވަނީ ބަދަލުތަކެއް ގެންނަން ޖެހިފައިވަކަމަށާއި ފުލުހުން މަސައްކަތްކުރާނީ ގާނޫނު އަސާސީ އާއި ގާނޫނުތަކާއި ފުލުހުންގެ ކޯޑް އޮފް ކޮންޑަކްޓާއި ކޯޑް އޮފް އެތިކްސް އާއި އެއްގޮތް ވާގޮތުގެ މަތިންކަމަށް ވިދާޅުވިއެވެ.
މިރަސްމިއްޔާތުގައި ފުލުހުންގެ އަސާސީ ތަމްރީން ކޯހުގެ 24 ވަނަ ބުރުގެ ބައިވެރިންގެ ތެރެއިން ވަނަ ވަނައަށް ފަރާތްތަކަށް ވަނީ ތަށްޓާއި ހަނދާނީ ލިޔުން ދީފައެވެ. މިފަރާތްތަކަށް ތަށްޓާއި ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ ހޯމް މިނިސްޓަރެވެ.
ފުލުހުންގެ އަސާސީ ތަމްރީން ކޯހުގެ 24 ވަނަ ބުރުގެ ސްކޮޑް ބެސްޓް ވަނަތަކަށް ބަލާލާއިރު އާނެއްލާ ސޮޑުން އެންމެ މޮޅު ދަރިވަރަކަށް ހޮވިފައިވަނީ ޕޮލިސް ކޮންސްޓަބަލް އަޙްމަދު ރިފްޝާންއެވެ. އަދި ރަންވިއްކާ ސްކޮޑުން އެންމެ މޮޅު ދަރިވަރަކަށް ހޮވިފައިވަނީ ޕޮލިސް ކޮންސްޓަބަލް އިސްމާޢީލް ޝަފީޤް އެވެ.
މި ތަމްރީން ކޯހުން ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް ހޮވިފައިވަނީ ޕޮލިސް ކޮންސްޓަބަލް އަޙްމަދު ރިފްޝާންއެވެ. އޭނާއަކީ މި ތަމްރީން ކޯހުގެ އިންޑޯ އަދި އައުޓް ޑޯ މާއްދާތަކުންވެސް އެއް ވަނަ ދަރިވަރެވެ.
މިރަސްމިއްޔާތުގައި ތަމްރީން ކޯހުގެ ހުރިހާ ގޮތަކުން އެންމެ މޮޅލު ދަރިވަރަށް ކޮމިޝަނަރ އޮފް ޕޮލިސް ދެއްވާ އެކްސެލެންސް އެވޯޑް ވަނީ ހަވާލުކޮށްފައެވެ. މި އެވޯޑަށް ހޮވުނު ޕޮލިސް ކޮންސްޓަބަލް އަޙްމަދު ރިފްޝާނަށް އެވޯޑް ހަވާލުކޮށްދެއްވީ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ސައުދީއެވެ.
އިންސްޓިޓިއުޓް ފޮރ ސެކިއުރިޓީ އެންޑް ލޯ އެންފޯސްމަންޓް ސްޓަޑީޒްއިން މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ 08 ވަނަ ދުވަހުން ފެށިގެން 4 މަސް ދުވަހުގެ ނިޔަލަށް ޅ. މަޑިވަރުގައި ކުރިއަށް ގެންދިޔަ މި ތަމްރީން ކޯހުގައި ބައިވެރިވި 80 ފުލުހުންގެ ތެރެއިން 73 ފުލުހަކު ވަނީ ކޯސް ފުރިހަމަކޮށްފައެވެ. މި ތަމްރީން ކޯހަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ ލެވަލް 4 ގައި އެކްރެޑިޓްކޮށްފައިވާ ކޯހެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ