ފަނޑިޔާރު ބާރީ އާއި ދ. ޖުޑިޝަލް ދާއިރާގެ މެޖިސްޓްރޭޓް އަބްދުއްރައްޒާގު ވަކިކުރަން ފާސްކޮށްފި

ޖުވެނައިލް ކޯޓުގެ ފަނޑިޔާރު އަބްދުލް ބާރީ ޔޫސުފާއި ދ. ޖުޑިޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް އަބްދުއްރައްޒާގު މުހައްމަދު މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުން މިއަދުގެ ފާސްކޮށްފި އެވެ.  ގާޒީ ބާރީއާ ގުޅޭގޮތުން ކޮމިޝަނުން ބަލާފައިވަނީ އެމްއެމްޕީއާރްސީ މެދުވެރިކޮށް ހިޔާނާތްތެރިވި ފައިސާއިން އޭނާ މާލީ މަންފާ ހޯދާފައިވާ ކަމަށް ބުނެ ހުށަހެޅުނު މައްސަލައާއި، މެއި 2014 އިން ފެބްރުއަރީ 2018 އަށް ގާޒީ ބާރީ އަމަލީގޮތުން ވިޔަފާރީގެ ތެރޭގައި ހަރަކާތްތެރިވިކަމާއި، އެ މުއްދަތުގައި ޖޭއެސްސީއަށް ހުށަހަޅާފައިވާ އެސެޓް ޑިކްލަރޭޝަން ފޯމުތަކުގައި، މިވިޔަފާރިން ލިބުނު އާމްދަނީ ހާމަކޮށްފައިނުވާކަމަށް ބުނެ ތަހުގީގުކޮށްފައިވާ މައްސަލައެވެ.ގާޒީ ބާރީ މިހާރުވެސް ހުންނެވީ ޖޭއެސްސީން ބެލި މި މައްސަލަތަކާއި ގުޅިގެން ސަސްޕެންޝަންގަ އެވެ. ގާޒީ ބާރީގެ ވަކިކުރުމުގެ މައްސަލައިގެ އިތުރުން ދ. އަތޮޅު ޖޫޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް އަބްދުއްރައްޒާގު މުހައްމަދު ފަނޑިޔާރުކަމުގެ މަގާމުން ވަކިކުރުމުގެ މައްސަލަވެސް ޖޭއެސްސީން މަޖިލީހަށް ވަނީ ހުށަހަޅާފައެވެ. އެ މައްސަލަ ޖުޑީޝަރީ ކޮމިޓީގައި ދިރާސާކޮށް ނިންމީ، ކޮމިޝަންގެ ނިންމުން ރަނގަޅު ކަމަށެވެ. އެހެން ކަމުން އޭނާވެސް މަގާމުން ވަކުކުރަން ފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުން ވަނީ ފާސްކޮށްފައެވެ.މި ދެބޭފުޅުން ވެސް ވަކިކުރީ މިއަދު ނެގުނު ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 62 މެންބަރުންގެ އަގުލަބިއްޔަތުންނެވެ. ބާރީ މަގާމުން ވަކި ކުރަން ނުފެންނަކަމަށް ވޯޓު ދެއްވީ އެންމެ މެންބަރެކެވެ.  މަޖިލީހުން ބާރީ އަދި އިސް މެޖިސްޓްރޭޓް އަބްދުއްރައްޒާގު ވަކިކުރަން ފާސްކުރުމާއެކު އެދެބޭފުޅުން މަގާމުން ވަކިވީ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ