ފަތުރުވެރިކަމުގެ ސިނާއަތުގައި އަންހެނުން އިތުރަށް ބާރުވެެރިކުރުމަށް މަޝްވަރާ ކޮށްފި

ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި އަންހެނުން ބާރުވެެރިކުރުމަށް މަޝްވަރާ ކޮށްފިއެވެ.
މި މަޝްވަރާތައް ކޮށްފައިވަނީ، ވޯލްޑް ޓޫރިޒަމް އޯގަނައިޒޭޝަން (ޔޫއެންޑަބްލިޔުޓީއޯ)ގެ އޭޝިއާ އެންޑް ފެސިފިކް ރީޖަނަލް ޑިރެކްޓަރު ހެރީ ހޮންގް އާއެކު ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ބޭއްވި ބައްދަލުވުމުގައެވެ. މި ބައްދަލުވުމަކީ، ޔޫއެންޑަބްލިޔުޓީއޯގެ އެގްޒެކެޓިިވް ކައުންސިލް 113 ވަނަ ބައްދަލުވުމުގައި ބައިވެރިވުމަށް މިނިސްޓަރު މައުސޫމް ސްޕެއިންގެ މެޑްރިޑަށް ކުރައްވާ ދަތުރާއި ގުޅިގެން ބޭއްވި ބައްދަލުވުމެކެވެ.
މި ބައްދަލުވުމުގައި މަޝްވަރާ ކުރި ކަންތައްތަކުގެ ތެރޭގައި މިއަހަރު ސްރީލަންކާގައި ބޭއްވުމަށް ހަމަޖައްސާފައިވާ ރާއްޖެއިން ޗެއާކުރާ ޔޫއެންޑަބްލިޔުޓީއޯގެ ރީޖަނަލް ކޮމިޝަން ފޯ ސައުތު އޭޝިއާގެ ބައްދަލުވުމާ ގުޅިގެން ރާއްޖޭގައި އިވެންޓެއް ބޭއްވުމާއި ފަތުރުވެރިކަމުގެ ތެރެއިން އަންހެނުން ބާރުވެރިކުރުވުމާއި ފަތުރުވެރިކަމުގެ ލާބައާ މަންފާ ސީދާ ރައްޔިތުންނަށް ލިބޭނެ ގޮތްތައް ދެނެގަނެ ހައްލު ހޯދުމުގައި އެ ޖަމިއްޔާއިން ވެވިދާނެ އެހީ ހިމެނެއެވެ.
މީގެ އިތުރުން ރާއްޖޭގެ ފަތުރުވެރިކަމުގެ ރަންޔޫބީލް ފާހަގަކުރުމުގެ ގޮތުން 2022 ވަނަ އަހަރު ހިންގުމަށް ރާވަމުން އަންނަ ހަރަކާތްތަކުގައި ޔޫއެންޑަބްލިޔުޓީއޯގެ ބައިވެރިވުމާއި އެއްބާރުލުން ހޯދުމަށްވެސް މި ބައްދަލުވުމުގައި މަޝްވަރާކުރިއެވެ.
މި ބައްދަލުވުމުގައި ޔޫއެންޑަބްލިޔުޓީއޯގެ ރީޖަނަލް ޑިޕާޓްމަންޓް ފޯ އޭޝިއާ އެންޑް ފެސިފިކްގެ ސީނިިއާ ޕްރޮޖެކްޓް ސްޕެޝަލިސްޓް ލީ ޔަންގް އާއި ޓޫރިޒަމް މިނިސްޓްރީގެ އެގްޒެކެޓިވް ޑިރެކްޓަރު ފަޟީލާ އަލީ ބައިވެރިވެވަޑަައިގެންނެވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ