ފުވައްމުލަކުގައި ފުލުހަކު އަސްލުވެސް މީހެއްގެ އަނތްބެއް ކައިރިޔަށް ވަންތަ؟ ނުވަތަ ފްރޭމް ކުރީތަ؟

މިއަހަރު ފެށުނުތަނާހެން ރާއްޖޭގެ ނޫސްތަކާއި ސޯޝަލްމީޑިއާގެ ސުރުހީތައް ހިސާރުކޮށްފައި އޮތީ ފުލުހަކު އަންހެނެއް ގާތަށް ވަދެ އޮއްވައި ރަށު ރައްޔިތުން އެއްވެގެން އޭނާ ނެރުނު ވާހަކައެވެ. ދޭތެރެ ދޭތެރެއިން ފުލުހުންނޭ ކިޔައިގެން އިންތިހާއަށް ކަންބޮޑުވާން ޖެހޭ މި ފަދަ ވާހަކަތައް އިވެއެވެ. ގައުމީ ހިދުމަތުގައި ތިބޭ ބައެއްގެ އެ ފަދަ ކޮންމެ ކަމަކީ މުޖުތަމައު މާޔޫސް ކުރުވާނޭ، ކަންބޮޑު ކުރުވާނޭ ކަމަކަށް ނޫނީ ނުވެއެވެ.
އެހާދިސާއަށް މާ ގިނަ ދުވަސްތަކެއް ނުވަނީސް އިވެން ފެށި އަޑަކީ އެކަމުގައި ބައެއްގެ ނުބައި ރޭވުން ޝާމިލުވާ ކަމަށާއި އެމީހުންގެ އަމާޒަކީ ފުލުސް މީހާ "ދުއްވާލުން" ކަމަށް ބުނެ ބައެއް މީހުން ދައްކާ ވާހަކަ އެވެ. ބައެއް މީހުން ބުނާ ގޮތުގައި، ބައެއްގެ ޒާތީ ހަސަދައެއް ފުލުސްމީހާގެ މައްޗަށް ފިލުވައިލީ އެވެ.
ކޮންމެއަކަސް އެ ވާހަކަތައް އެންމެ ބާރަށް އެނބުރެނީ ސޯޝަލްމީޑިއާގެ އެއް ޕްލެޓްފޯމް ކަމަށްވާ ފޭސްބުކުގަ އެވެ.
މީހުން ބުނެ އުޅެތެވެ. ކޮނުނު ވަރަކަށް ފަސްގިނަވާނެ އެވެ. އާއެކެވެ. މިވާހަކަތައްވެސް ކޮނުނު ވަރަކަށް ފަސް ގިނަވި އެވެ. މި ފުލުސްމީހާގެ ހަގީގަތް ބަލައިއިރު އޭނާ އަކީ މީހަކާ އިނދެގެން ދެ ދަރިން ލިބި އަނބިމީހާއާ އެކީ އުފާވެރި ދިރިއުޅުމެއް އުޅެމުން އަންނަ މީހެކެވެ. ޖެހިލުން ކުޑަ މީހެކެވެ. ބުނަން ބޭނުންވާ އެއްޗެއް މޫނަކަށް ކަނދުރާއަކަށް ނުބަލައި ބުނާ މީހެއްކަން އޭނާގެ ޕްރޮފައިލް ހާވައިލުމުންވެސް އެނގެ އެވެ. އޭނާގެ ގާތް މީހުންނާއި ދަންނަ މީހުންވެސް މިކަމަކަށް ދެކޮޅެއް ނުހަދަ އެވެ. ލިބިދާނެ އަނިޔާއަކަށް ވެދާނެ ބަދުނާމަކަށް ނުބަލާނެ އެވެ. ކުރަން ފެށިކަމެއް ކުރާނެ މީހެއް ކަމަށް އޭނާގެ ދަންނަ މީހުން ބުނެ އެވެ.
"އެބުނާ ފުލުސް މީހާ އަކީ އަހަރެން ޕާސަނަލީ ދަންނަ މީހެއް ނޫން. އެކަމަކު އެއް އަވަށެއްގައި މިހެން އުޅޭ އިރު އޭނާ އަކީ ޖެހިލުން ކުޑަ މީހެއްކަން އެނގޭ. ބުނަން ބޭނުން ކޮންމެ އެއްޗެއް ބުނާނީ އެމީހަކާ ދިމާލަށް. އޭނާ އަންހެނެއް ކައިރިއަށް ވަންނާނޭ ބުނާކަށް ނޭނގެ. ޔަގީން ވަނީ އެފަދަ ގޮތަކަށް ނުވަންނާނެ ކަން. ވަރަށް އިހުތިރާމް ކުރެވޭ ވަރުގެ ފުލުހެއް އެއީ." އަންހެނެއް ކައިރިއަށް ވަނޭ ބުނާ ފުލުސް މީހާއާ އެއް އަވަށެއްގައި އުޅޭ މީހަކު "ވަން" އަށް ކިޔައިދިނެވެ.
އަވަށު މީހެއްވީމަ މިހެން ބުނެފާނޭ ހިތަށް އެރި އެވެ. އިތުރަށް ހާވައިލުމުން ފުވައްމުލަކު ސިޓީގައި ދީނީ އިލްމު ފެތުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ، މީހުންގެ ލޯތްބާއި އިހުތިރާމް ލިބިފައިވާ މީހަކު ޖަހާފައިވާ ޕޯސްޓެއް ފެނިއްޖެ އެވެ. އެ ޕޯސްޓުގައި ބުނެފައިވަނީ ފުވައްމުލަކު އެ ބުނާ ފުލުސް މީހާ ހިލޭ އަންހެނެއް ގާތަށް ވަދެފާނެ ކަމަށް ގަބޫލު ނުކުރާ ކަމަށެވެ. އަދި އެހެން މީހަކު ޖަހާފައިވާ ޕޯސްޓެއްވެސް ފެނުނެވެ. އެ ޕޯސްޓުގައި ވެސް ބުނެފައިވަނީ ފުވައްމުލަކުގައި ހިނގި ހާދިސާ އަކީ ބަޔަކު ރާވައިގެން ހިންގާފައިވާ ޖަރީމާއެއް ކަމަށެވެ.
ފުވައްމުލަކަށް ނިސްބަތްވާ މީހަކު އޭނާގެ ފޭސްބުކުގައި ލިޔެފައިވާ ޕޯސްޓެއް---
ދިވެހިންނަކީ ނިކަން ނުބެހޭ ކަންކަމާ ބެހޭ ހިތްވާ ބައެކެވެ. އިތުރަށް ހާވައިލުމުން ފެނުނީ މިކަމުގެ ތުހުމަތު ކުރެވޭ އަންހެން މީހާ އޭނާގެ ދިފާއުގައި ދައްކާފައިހުރި ވާހަކަތަކެވެ.
އޭނާ ބުނެފައިވަނީ ފުވައްމުލަކުގައްޔާއި މުޅި ސޯޝަލް މީޑިއާގައި ދެކެވެމުންދާ ވާހަކަތަކަކީ ބައެއްގެ އަބުރު ކަތިލަން، ވަކި ގޮތަކަށް މަންޒަރު ދެއްކުމަށް ބަޔަކު ކުރި ކަމެއް ކަމަށެވެ. އަދި އެރޭ އޭނާ އަށް ކުރެވުނު ކަމަކީ ފުލުސްމީހާގެ ފުރާނަ ސަލާމަތް ކުރުން ކަމަށްވެސް އޭނާ ބުންޏެވެ. ނަމަވެސް މިކަމުގެ ސަބަބުން އޭނާ އާއި އެ ފުލުސް މީހާގެ އަބުރު ކަތިލައި މުޅި ދިރިއުޅުން ހަލާކު ކުރުވަން ބަޔަކު މަސައްކަތް ކުރި ކަމަށްވެސް އޭނާ ވަނީ ބުނެފަ އެވެ.
ކޮންމެގޮތެއްވިޔަސް ވައްކަން ކުރުމަށްފަހު ވަގުކަލޭގެ އެކަމަށް އެއްބަސް ނުވާނެޔޭ މީހުން ބުނެ އުޅެތެވެ.
މި އަންހެން މީހާގެ ހަގީގަތް ހޯދުމަށް އޭނާގެ ފިރިމީހާއާ ވާހަކަ ދެއްކުމުން، "ވަން" އަށް މައުލޫމާތު ދެމުން އޭނާ ބުނީ ހަގީގަތާ ހިލާފަށް އޭނާގެ އަންހެނުންގެ ވާހަކަ އެކި ގޮތްގޮތަށް ދެކެވި އޭނާގެ އަބުރު ކަތިލަމުންދާތީ އެކަމާ ވަރަށް ކަންބޮޑުވާ ކަމަށެވެ. އަދި މިކަމުގެ ސަބަބުން ނަފްސާނީ ގޮތުންވެސް އޭނާ އަށް އަސަރުކޮށްފައިވާ ކަމަށް ބުންޏެވެ.
ނަން ނުޖެހުމަށް ޝަރުތުކޮށް ފިރިހެން މީހާ ބުނީ ސޯޝަލް މީޑިއާގައްޔާއި ބައެއް ނޫސްތަކުގައި ދެކެވޭ ވާހަކައަކީ އެއްވެސް ހަގީގަތެއް އޮތް ވާހަކައެއް ނޫން ކަމަށެވެ. އެ ބުނާ ފުލުސް މީހާ އަކީ އެ އަވަށަށް ނިސްބަތްވާ ފުލުހެއް ކަމަށާއި އެރޭ އޭނާ ދިޔައީ މަސްތުވާތަކެތީގެ ވިޔަފާރީކުރާ ކަމަށް ބަޔަކު ކުރި ރިޕޯޓަކާ ގުޅިގެން އެ މީހުންނަށް ފާރަލަމުން ކަމަށެވެ. ނަމަވެސް އެ ބަޔަކަށް އެކަން އެނގި އޭނާ އަށް ހަމަލާދޭން މަސައްކަތް ކުރުމުން އޭނާ ހިމާޔަތަށް އެދި އެގެއަށް ވަނީ ކަމަށެވެ. އަދި އެރަށު ޕޮލިސްޓޭޝަނަށް ގުޅައިގެން އެ މައުލޫމާތު ދިނުމުން އެމީހުން އޭނާއަށް ހިމާޔަތްދީ ގެންދިޔައީ ކަމަށެވެ.
"ހަގީގަތުގަ އެކަން ވީ ގޮތަކީ މިއީ. އޭނާ (ފުލުސް މީހާ) އަކީ އެހެން އުޅޭ މީހެއް ނޫން. އަޅުގަނޑުގެ އަންހެނުންނަށްވެސް އަޅުގަނޑު ފުރިހަމަ އިތުބާރު އޮވޭ. އެއީ ކަނޑައެޅިގެން ދޮގެއް. އަޅުގަނޑުގެ އަންހެނުންނަށްވެސް އަދި ގޭ މީހުންނަށްވެސް ކުރެވުނު ކަމަކީ އޭނާގެ ފުރާނަ ސަލާމަތް ކޮށްދިނުން. އެކަމަކު އޭނާ މިރަށުން ބޭރުނުވެގެން އުޅޭ ބަޔަކު ތިބީމަ އެމީހުން މޮޅު ވާހަކައެއް ހަދައިގެން އެގޭ ދޮށަށް އެއްވީ. ދެން ފުލުހުން އައިސް އޭނާ ނެރެގެން ދިޔަތަން ވީޑިއޯ ކޮށްފަ އަންހެނެއް ކައިރިއަށް ވަނީއޭ ކިޔައިގެން ވާހަކަ ދެއްކީ." އޭނާ ބުންޏެވެ.
މިކަމާ ގުޅޭ ގޮތުން، ފުވައްމުލަކު ސިޓީ ކައުންސިލް ގެ ނައިބު ރައީސް މުހައްމަދު ޟިރާރު "ވަން" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެކަމުގެ މާބޮޑު ތަފްސީލެއް ދެއްވަން އެނގިވަޑައިގަންނަވާނީ ފުލުހުންގެ ތަހުގީގު ނިމުމުން ކަމަށެވެ. ނަމަވެސް އެނގޭހާވެސް ކަމަކީ އެއީ ކަނޑައެޅިގެން ދޮގު ކަމަށާއި އެއީ ބަޔަކު ރާވައިގެން ހިންގާފައިވާ ބޮޑު ޖަރީމާއެއް ކަމަށެވެ.
"އަޅުގަނޑަކަށް އަދި ނޭނގޭ ތިކަމުގެ މާބޮޑު ތަފްސީލެއް ދޭކަށް. ފުލުހުން ތަަހުގީގު ކުރަމުންދާކަން އެނގޭ. އެއަށްފަހު އެއްޗެއް ބުނަންވެސް އެނގޭނީ. އެކަމަކު ބުނަން ކެރޭނެ އެއީ ކަނޑައެޅިގެން ދޮގެއް ކަން. އެއީ ހަމަ ބަޔަކު ރާވައިގެން އޭނާ މިރަށުން ފޮނުވުމަށް ހިންގި ބޮޑު ޖަރީމާއެއް. އޭނާ (ފުލުސްމީހާ) އަކީ ޖެހިލުން ވާނެ މީހެއް ނޫން." އޭނާ ވިދާޅުވި އެވެ.
މި މައްސަލާގައި ތުހުމަތުވާ ފުލުސްމީހާގެ ގާތް މީހަކު ބުނީ އެ ފުލުސް މީހާ ފުވައްމުލަކު ޕޮލިސްޓޭޝަނުގައި މަސައްކަތް ކުރުމަށްފަހު ކޯހެއް ލިބުމުން ސްރީލަންކާ އަށް ދިރިއުޅުން ބަދަލުކޮށް ކިޔެވުން ނިންމައި އަލުން އަނެއްކާވެސް އެ ސްޓޭޝަނުގައި މަސައްކަތް ކުރުމަށް ދިޔަ ކަމަށެވެ. އަދި އޭނާ އެރަށަށް ދިޔަތާ މަދު ދުވަސް ކޮޅެއްގެ ތެރޭގައި އެ ސިޓީގައި އޭނާ ނިސްބަތްވާ އަވަށުގައި މަސްތުވާތަކެތި ބޭނުންކޮށް އެކަމުގެ ވިޔަފާރި ކުރަމުންދާ ގިނަ ބަޔަކު ހައްޔަރުކޮށް އެ މީހުންގެ ވެހިކަލްތަކުން އެއްޗެހި ހޯދައި އެ ވެހިކަލްތައް ގާނޫނުގެ ތެރެއިން ޓޯ ކުރަމުން ދިޔަ ކަމަށެވެ.
"މި ވީޑިއޯތަކާއި ފޮޓޯތަކާއި މި ވާހަކަތައް ދެކެވުނު ރެއަކީ އޭނާގެ އައިލާގެ މީހަކު މަރުވެގެން އެކަމުގައި އޭނާގެ އަވަށުގައި އުޅުނު ރެޔެއް. އޭނަ ދިރިއުޅެމުންދަނީ އެހެން އަވަށެއްގަ މީހަކާ އިނދެގެން ވަކިން. އެކަމަކު އެ ރޭ އޭނާގެ އުފަން އަވަށަށް އައިސް ޖަނާޒާގެ ކަންކަމުގައި ހުއްޓާ އޭނައަށް މައުލޫމާތު މި ލިބުނީ މަސްތުވާތަކެތީގެ ވިޔަފާރިތަކެއް ބަޔަކު ހިންގަން އުޅޭ ކަން. ޖަނާޒާގެ ކަންކަން ނިންމާފަ އޭނަ ދިޔައީ އަވަހަށް އެ ސަރަހައްދަށް. ދަނިކޮށް މީގެން މީހަކަށް ފެނިގެން އޭނައަށް ހަމަލާދޭން ރާވައި އޭނާ ފަހަތުން އަޅުވާލީ. ދެން އެންމެ ކައިރީގަ ހުރީ މި އަންހެން މީހާގެ ގެ. އެ ގެއަށް އޭނާ ވަނީ ފުރާނަ ސަލާމަތްކުރަން. ވަދެފަ އޭނަ ފުލުހުންނަށްވެސް ގުޅީ. މި ފުލުސް މީހާ ވަން ތަން ފެނިގެން އެގޭ ދޮށަށް މި ގުރޫޕް އެއްވެ އަޑުގަދަކޮށް މިވާހަކަތައް ހަދައިގެން ދެއްކީ." ކަންވީ ގޮތް ރަނގަޅަށް އެނގޭ ކަމަށް ބުނާ މީހަކު "ވަން" އަށް މައުލޫމާތު ދެމުން ބުންޏެވެ.
މީގެ އިތުރުން އޭނާ ބުނީ މަސްތުވާތަކެތީގެ މިފަދަ ބޮޑެތި ނެޓްވޯކްތައް އަތުލާ މައްސަލާގައި އޭނާއަށް އެކި ގޮތް ގޮތުން މީގެ ކުރިންވެސް އިންޒާރުތައް ދީފައިވާ ކަމަށާއި އެގޮތުން މަރާލާނެ ކަމަށާއި ސައިކަލުގައި ރޯކޮށްލާނެ ކަމުގެ އިންޒާރުވެސް މީގެ ކުރިން ދީފައިވާ ކަމަށް އެ ފުލުސް މީހާ ބުނެފައިވާ ކަމަށެވެ. އަދި މިކަމާ އޭނާ އެއްވެސް ފަރުވާލެއް ނުބަހައްޓާ ކަމަށާއި އޭނާ ކުރި ހުވާމަތީގައި ދެމިހުރުމަށް ހިތްވަރު ކުރި ކަމަށެވެ.
"ބައެއްގެ ނުބައި ރޭވުމުގެ ސަބަބުން ބަލި ދަރިފުޅާއި ދުރަށް ދާން ބޭނުން ނުވެ ހުރި ކުށެއް ނެތް ފުލުސްމީހާ މި ޖެހުނީ އަނބިދަރިންނާއި ދުރަށްދާން. ރަށުގަ ބަހައްޓަން ޖެހޭ ހުންނަން ޖެހޭ ވަރުގެ ފުލުހެއް ބަޔަކު ބޭނުންވި ގޮތަށް ރަށުން ބާލަން ޖެހުނީ." އެ ފުލުސްމީހާގެ ގާތް މީހަކު ބުންޏެވެ.
ފުލުހުންގެ ގާނޫނު ބުނާ ގޮތުންނަމަ މިފަދަ މައްސަލައެއް ފެންމަތި ވެއްޖެ ނަމަ އެ މައްސަލަ ތަހުގީގު ކުރަން ޖެހެ އެވެ. އެހެން ކަމުން މި މައްސަލަ ތަހުގީގު ކޮށް ނިމެންދެން އެ ފުލުސް މީހާގެ ފޯނާއި އެ އަންހެން މީހާގެ ފޯނު ކޯޓު އަމުރެއްގެ ދަށުން ފުލުހުން އަތުލައިފައިވާ ކަމުގެ މައުލޫމާތު "ވަން" އަށް ވަނީ ލިބިފަ އެވެ. އަދި އެ ފުލުސް މީހާ މިހާރު އައްޑޫސިޓީ ހުޅުމީދޫ ޕޮލިސްޓޭޝަނަށް ބަދަލު ކޮށްފައިވާ ކަމުގެ މައުލޫމާތު ވެސް ވަނީ ލިބިފަ އެވެ.
ފުލުހުން ބުނީ މިދިޔަ ޑިސެމްބަރު މަހުގެ 18 ވަނަ ދުވަހު ފުވައްމުލަކުގައި ފުލުހެއްގެ މައްޗަށް ބަޔަކު ކުރި ތުހުމަތުތަކާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބެލުމަށްފަހު އެ މައްސަލަ ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑުން ތަގުގީގު ކުރަމުން އަންނަ ކަމަށެވެ.
ކޮންމެއަކަސް މި ކަމުގައި މި ލިބުނީ މައްސަލައިގެ ވަށައިގެން ތިބި މުހިންމު ބައެއް މީހުންގެ މައުލޫމާތެވެ. ގިނަ ބައެއްގެ ވާހަކައިން މި އެނގެނީ މި އީ ރޭވުމެއް ކަމެވެ. ފްރޭމް ކުރުމެއް ކަމެވެ. އަސްލު ހަގީގަތް އެނގޭނީ ފުލުހުންގެ ތަހުގީގު ނިމުމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ