މޯލްޑިވް ގޭސްއިން ގޭސް ވިއްކާ މިންވަރު ދެބައިކުޅަ އެއްބަޔަށް ލިމިޓްކޮށްފި

ރާއްޖެއަށް ގޭސް އެތެރެކުރާ ސަރުކާރު ކުންފުނި މޯލްޑިވް ގޭސްއިން އާންމުކޮށް ގޭސް ވިއްކާ ވަރަށްވުރެ މަދުން އަނެއްކާވެސް ވިއްކަން ފަށައިފިއެވެ. މޯލްޑިވް ގޭސްއިން މި ބަދަލު ގެނެސްފައިވާއިރު މެދުއިރުމަތީގައި މިހާރު ކުރަމުން އަންނަ ހަނގުރާމައިގެ ސަބަބުން ތެލާއި ގޭސް ލިބުން ގިނަ ގައުމުތަކަކަށް ވަނީ ދަތިވެފައެވެ. އޭގެ ތެރޭގައި އަވައްޓެރި އިންޑިއާ އާއި ސްރީލަންކާ ވެސް ހިމެނެއެވެ. ސަރުކާރުގެ ވިޔަފާރި ކުންފުނި އެސްޓީއޯގެ ދަށުން ހިންގާ މޯލްޑިވް ގޭސްއިން މިހާރު ވަނީ، އާންމުކޮށް ވިއްކަމުން އައި 10 ކިލޯގެ ގޭސް ފުޅިއެއްގެ ބަދަލުގައި، އެ އަދަދުގެ ދެބައިކުޅަ އެއްބައި ކަމަށްވާ ފަސް ކިލޯގެ ގޭސް ވިއްކަން ފަށައިފައެވެ. އެހެންކަމުން މިހާރު 10 ކިލޯގެ ގޭސް ފުޅިއެއް ވިއްކަނީ އެއަށް ފަސް ކިލޯއަށް ގޭސް އަޅައިގެންނެވެ. މޯލްޑިވް ގޭސްއިން މިއަދު ބުނީ، މިހާރު ލިބެންހުރީ ފަސް ކިލޯގެ ގޭސް އަޅާފައިވާ ފުޅިއެއް 100 ރުފިޔާއަށް ކަމަށެވެ. "އެއީ މިހާރު ހުރި ވަރު އިނގޭތޯ ލިބެން މި ވަގުތަށް، [ގޭހުގެ] ޝޯޓޭޖެއް އައީމަ،" މޯލްޑިވް ގޭސްގެ އޮފިޝަލު ވިދާޅުވިއެވެ. މި ބަދަލު ގެނައި ސަބަބު ސާފު ކޮށްލަން, އެ ކުންފުނީގެ ވެރިއަކަށް ގުޅުމުން ފޯނަށް ޖަވާބު ނުދެއްވާތީ އެ ސަބަބު ވަނީ ސާފުވާ ގޮތް ނުވެފައެވެ. ގޭހުގެ ސަޕްލައިއަށް އަންނަ ބަދަލުތަކަކާ ގުޅިގެން ރާއްޖެއަށް ގޭސް އެތެރެކުރާ މޯލްޑިވް ގޭސްއާއި ވިލާ ގޭސްއިން އަބަދުވެސް ކޮންޓްރޯލް ކޮށްގެން ގޭސް ވިއްކުމަކީ ކުރިން ވެސް ކުރާ ކަމެކެވެ. https://sun.mv/217757 މޯލްޑިވް ގޭސްއިން ގޭސް ވިއްކާ މިންވަރު ލިމިޓް ކޮށްފައިވާއިރު, ތެލާއި ކާޑުގެ ބާވަތްތަކާއި އަސާސީ ތަކެތި ލިބުމުގައި ދަތިކަމެއް ކުރިމަތި ނުވާނެ ކަމަށް މި ފަހުން ވެސް ރައީސް ޑރ. މުޙައްމަދު މުއިއްޒާއި އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު ވަނީ ވިދާޅުވެފައެވެ. ފާހަގަކުރެވޭ ގޮތުގައި މި ރަމަޟާން މަސް ފެށުމުގެ ކުރިން ވެސް މޯލްޑިވް ގޭސްއިން ވަނީ ގޭސް ވިއްކާ މިންވަރު މަދުކޮށްފައެވެ. އަދި ޑެލިވަރީ ވެސް ވަރަށް ބޮޑަށް ލަސްވެގެން ދިޔައެވެ. އެކަމާ ގުޅިގެން، މޯލްޑިވް ގޭސްގެ މުވައްޒަފުންތަކެއް ނަން ނުޖަހާ ގޮތަށް މި ނޫހަށް އޭރު ބުނީ، އެ ކުންފުނިން ސްޓޮކް ހުސްވެފައި ހުންނަތާ ގިނަ ދުވަސްތަކެއް ވެއްޖެ ކަމަށާއި އޭރު ގޭސް ވިއްކަމުން ދިޔައީ، ތިލަފުށީގައި ބޮޑު ސްޓޯރޭޖެއް ހުންނަ ވިލާ ކުންފުނިން ގަނެގެން ކަމަށެވެ. https://sun.mv/217706 މީގެ ކުރިން މޯލްޑިވް ގޭހާ ގުޅުން ހުރި ކޮރަޕްޝަނުގެ މައްސަލަތަކެއް ފެންމަތިވެފައިވެއެވެ. އެގޮތުން، އޮކްޓޯބަރު 2024ގައި އޯޑަރުކުރި އަށްލައްކަ ޑޮލަރުގެ ގޭސް ޝިޕްމަންޓްގެ ތެރެއިން އެޑްވާންސްގެ ގޮތުގައި ދެއްކި 250،000 އެއްހާ ޑޮލަރު ގެއްލުނު މައްސަލައެއް ބަލަމުން އަންނަކަން މިދިޔަ އޭޕްރިލް މަހު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ވަނީ ބުނެފައެވެ. މިދިޔަ އެމްޑީޕީ ސަރުކާރުގައި ވެސް އެ ކުންފުނީގެ ވެރިންނަށް ތިއްބެވި ބޭފުޅުން ކޮރަޕްޝަން ހިންގި ކަމަށް ތުހުމަތުކުރެވޭއިރު، މޯލްޑިވް ގޭސްއާ ގުޅުންހުރި މަނީ ލޯންޑްރިންގެ މައްސަލައެއް ބަލާ ކަމަށް އޭރު ފުލުހުން ވެސް ބުނެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ