އިޤުރާރުވީމޭ ލޯބިން - 13

"އެހާ މުހިންމެއް ނޫން." އެހެން ބުނެލާފައި ރިހާމް ފޯނު ކަނޑާލާފައި ސައިލެންޓަށް ލަމުން ޖީބަށް ލިޔެވެ. އެ މަންޒަރު ފެނުނު ދާނިޔާގެ ތުންފަތް މަތީގައި ކާމިޔާބުގެ ހިނިތުންވުމެއް ދުވެލިއެވެ. މިހާރުން ފެށިގެންވެސް އޭނައަށް ކާމިޔާބު ވާނެކަމުގެ ކޮޅުމަތި ފެންނަން ފަށައިފިއެވެ. ރިހާމް މަޑުމަޑުން އެ ދަނީ އޭނަގެ އަނބިމީހާއާ ދުރުވަމުންނެވެ. އެ ދެމީހުންގެ ކައިވެނީގެ ކުރިން ރިހާމް އޭނަގެ އަނބިމީހާއާ މެދު ފަރުވާކުޑަ ކުރާކަމުގައިވާނަމަ، ކައިވެނީގެ ފަހުން އެގުޅުން އެކީ ކަނޑުވައިލުމަކީ މާ އުނދަގޫކަމަކަށް ނުވާނެކަމުގައި ދާނިޔާ އޭނަގެ ހިތަށް ވިސްނައިދިނެވެ. މިހާރު ރިހާމް އޭނަގެ އަންހެނުން ވަރިނުކުރާނެކަމަށް ބުނި ނަމަވެސް، ޙާލަތު ބަދަލުކޮށްލުމަކީ ނާދިރުކަމެއް ނޫނެވެ. މީގެ ކުޑައިރުކޮޅެއް ކުރިން ދާނިޔާއަށް ލިބުނު ނުތަނަވަސްކަން ކުޑަކޮށް ކުޑަވެލިއެވެ. އޭނަ ރިހާމްއާ ވާހަކަ ދެއްކިއެވެ. "އަހަންނަށް އޯކޭއޭ ފޯނު ނެގިޔަސް، ކޮންމެ ގޮތެއް ވިޔަސް އެއީ ރިހާމްގެ އަންހެނުންނެއްނު." ދާނިޔާ އެހެން ބުނެލީ ހަޤީގަތުގައި ރިހާމް ބުނާނެ އެއްޗެއް ބަލާލުމުގެ ބޭނުމުގައެވެ. "އަހަރެން މިބުނީނު މިވަގުތު އެ ކޯލު ނެގުން މުހިންމެއް ނޫނޭ." ރިހާމް ދެވަނަ ފަހަރަށް ތަކުރާރުކޮށްލިއެވެ. އެއާއެކު ދާނިޔާގެ ހިނިތުންވުން ފުޅާވެލިއެވެ. އޭނަ ބިއްލޫރިގަނޑުން ބޭރު ބަލައިލީ ތުންފަތަށް ވެރިވި، ވިހަ ހިނިތުންވުން ރިހާމްއަށް ފަރުދާކޮށްލުމުގެ ބޭނުމުގައެވެ. "ދުއްވާލާފަ ދޯ ގެއަށް ދާނީ..." ދާނިޔާ އެހެން ބުނެލީ އޭނަ ރިހާމްއާއެކު، ވަގުތުކޮޅެއް ހޭދަކޮށްލަން ބޭނުންވީތީއެވެ. ރިހާމްވެސް އެކަމާ އެއްބަސްވިއެވެ. ދާނިޔާއާއެކު ވަގުތު ހޭދަކުރުމަށް މިހާރަކަށް އައިސް އޭނަވެސް ލޯބިކުރެއެވެ. ދާނިޔާގެ ގާތުގައި ހުންނައިރު އައިރާގެ ފޯނު ކޯލެއް އައުމުން ނަގާހިތްނުވަނީވެސް އެހެންވެގެންނެވެ. އައިރާއާމެދު ނާއިންސާފުން ކަންތައްކުރެވޭކަމުގައިވެސް ރިހާމް ވިސްނަން ބޭނުން ނުވާފަދައެވެ. ***** ހެނދުނު އައިގޮތަށް އީލާފް އެކީގައި އުޅުނީ ޒަހްރާންމެން ގޭގައެވެ. ކެއީ އޯޑަރުކޮށްގެން ގެނެސްގެންނެވެ. ކުނި ކޮތަޅު ހިފައިގެން ތިރިއަށް ގޮސް ޑަސްބިނަށް ލާފައި ޒަހްރާން މައްޗަށް އެރިއެވެ. ލިފްޓުން ފޭބުމާއެކު އޭނައަށް މަޑުޖެހެވުނެވެ. އައިރާ އުޅޭ އެޕާރޓްމެންޓުގެ ދޮރަށް ބަލައިލެވުނެވެ. އައިރާ ނުކުމޭތޯ އޭނައަށް މަޑުކޮށްލެވުނީއެވެ. އިއްޔެ އޭނައާ އައިރާއާ ދިމާވިއެވެ. ކުނި ކޮތަޅު ހިފައިގެން ދެމީހުންނަށް އެޕާރޓްމެންޓުން ނުކުމެވުނީ އެއް ގަޑިއެއްގައެވެ. އެހެންނަމަވެސް އެ ދެމެދުގައި މާ ގިނަ ވާހަކަތަކެއް ނުދެކެވެއެވެ. މިއަދުވެސް ޒަހްރާން މިގަޑީގައި ނުކުތީ އައިރާ ފެނިދާނެކަމުގެ އުންމީދުގައެވެ. އެހެންނަމަވެސް، މާޔޫސްވީ އައިރާގެ ސޫރަ ފެނުމުގެ ނަސީބު މިއަދު އޭނައަށް ނުލިބުމުންނެވެ. ކޯޑު ޖަހާލާފައި އެޕާރޓްމެންޓަށް ވަނުމަށްފަހު، އޭނަ ގޮސް ސޯފާގައި އިށީނދެލިއެވެ. ފޯނާ ކުޅެން އިން އީލާފްއަށް ގޮވާލުމަށްފަހު، ޒަހްރާން ވާހަކަ ދެއްކިއެވެ. "ކުޑަބެ ވާހަކައެއް އަހާލަންތަ؟" ޒަހްރާން ސުވާލުކޮށްލުމާއެކު، އީލާފް ބޯ ޖަހައިލިއެވެ. "އީލު ހަމަ އަސްލުވެސް އޭނަ ދެކެ ފޫހިވީތަ؟" ޒަހްރާން އައިރާގެ ނަން ނުކިޔެއްކަމަކު، އީލާފްއަށް އެ ދައްކަނީ އައިރާގެ ވާހަކަކަން ގެނެގަނެވުނެވެ. "އައިރާދޯ. އައި... އައި ޑޯންޓް ނޯ... ފެނުނީމަ ހުންނަ ގޮތުން ދެރަވެސް ވޭ. އެކަމަކުވެސް..." އީލާފްއަށް ބުނެވުނެވެ. "އޭނަ މަންމަ އެއީ ކޮންމެ ކަހަލަ މީހަކަށް ވިޔަސް ކޮބާ އޭގަ އޭނަގެ ކުށަކީ..." ޒަހްރާނަށް ބުނެވުނެވެ. އޭނަގެ ހިތަށް ސިފަވެގެން ދިޔައީ އައިރާގެ ކަރުނަވީ ދެލޮލެވެ. އީލާފްއަށް ބުނާނެ އެއްޗެއް ނޭނގިފައި އިނދެވުނެވެ. "އެއީ އައިރާގެ ފޯލްޓެއް ނޫނެއްނު." ޒަހްރާން އަނެއްކާވެސް ބުނެލިއެވެ. "ކުރިން ދުވަހަކު ތިހެންވެސް ހިތަށް އެރިއޭ. އެކަމަކު އެނގޭތަ؟ ކުރިން ދުވަހަކު ވެސް މިގެއަށް އައިއިރު، އެ އެޕާރޓްމެންޓަށް ކޮންމެވެސް ފިރިހެނަކު ވަތްތަން ދެކުނިން." އީލާފް ކުރީގެ މަންޒަރެއް ހަނދާންކޮށްލަމުން ބުނެލިއެވެ. "ފިރިހެނަކު؟" ޒަހްރާނަށް އަމިއްލަ ނަފްސަށް ބުނެވުނެވެ. އެއާއެކު އޭނަގެ ހަނދާނަށް އައީ އެންމެ ފުރަތަމަ ދުވަހު އޭނައަށް އެ އެޕާރޓްމެންޓަށް ވަންނަނިކޮށް ފެނުނު ޒުވާނާއެވެ. އެއީ އައިރާގެ ކާކު ހެއްޔެވެ؟ ފިރިމީހާ ހެއްޔެވެ؟ އާއިލާގެ މީހަކު ހެއްޔެވެ؟ ނޫނީ އައިރާ އެ ދުވަހު ބުނި ރިހާމް ހެއްޔެވެ؟ "ވެދާނެއެއްނު އާއިލާ މީހެއްކަމަށް." އައިރާއާ މެދު ހިތުގައި ކިލަނބުކަމެއް ބާއްވަން ޒަހްރާންގެ ހިތް އޭނައަށް ހުއްދަ ދޭން ބޭނުންނުވާފަދައެވެ. އޭނައަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ. "އެހެން ނޫނަސް ކުޑަބެ ކީއްވެ އޭނަގެ ލައިފްއާ މެދު ތިހާ އިންޓަރރެސްޓް ވަނީ... އޭނަ އެކަނި އުޅޭތީ ދޯ. އެކަމު އީލު ބުނަންތަ ވާހަކައެއް؟ އެކަހަލަ މީހުންނާ ނުވާނެ ގާތްވާކަށް." އީލާފް އޭނަގެ ވިސްނުން ހާމަކޮށްލިއެވެ. އެއަށްފަހު ފޯނަށް ސަމާލުކަން ދިނެވެ. ޒަހްރާންވެސް އޭނަ އެބަ އަންނަމޭ ކިޔާފައި ގޮސް ވަނީ ކޮޓަރިއަށެވެ. ދޮރު ލައްޕައިލުމަށްފަހު ދެކޮޅަށް ހިނގެން ފެށިއެވެ. އޭނައަށް މިވަނީ ކީއްހެއްޔެވެ؟ އީލާފް އެބުނި ހެން އައިރާއާ މެދު އޭނަ އެހާ ޝައުޤުވެރިވަނީ ކީއްވެގެން ހެއްޔެވެ؟ އޭނަގެ ހިތަށް އުނދަގޫވަނީ ކީއްވެހެއްޔެވެ؟ މީގެ ކުރިން އެހެން އަންހެން ކުއްޖަކާ ދޭތެރޭ ޝައުޤުވެރިނުވާ މިންވަރަށް އޭނަ އައިރާއާ މެދު ޝަޢުޤުވެރިވަނީ ކިއްވެހެއްޔެވެ؟ އެ އަންހެން ކުއްޖާގެ ކަރުނަވީ ދެލޯ އަބަދުމެ ސިފަވަނީ ކީއްވެހެއްޔެވެ؟ އައިރާގެ އެޕާރޓްމެންޓަށް އިތުރު މީހަކު ވަތްކަން އެނގުމުން ހިތަށް ނުތަނަވަސްކަން ވެރިވަނީ ކީއްވެހެއްޔެވެ؟ ޒަހްރާނަށް އޭނަގެ މެއާ ދިމާލުގައި އަތް ޖައްސާލުމަށްފަހު، ފިޔަވަޅުތައް މަޑުކޮށްލެވުނެވެ. އަދި ދެލޯ މަރާލައިގެން ހުރެވުނެވެ. ހީވީ މޭގެ ތެޅުން އިޙްސާސްކޮށްލަން ބޭނުންވެފައި ހުރިހެންނެވެ. އޭނަގެ ހިތުގައި އުފެދުނު ސުވާލުތަކަށް ޖަވާބު ހޯދަން މަސައްކަތްކުރާ ހެންނެވެ. ***** ރިހާމް މިއަދުވެސް އައިރާގެ ކައިރިއަކަށް ނާދެއެވެ. އިއްޔެ ރޭ ވެސް ވަރަށް ދަންވެފައި ހުއްޓާ އައިސް ވަދެލާދާފައި ދިޔައީއެވެ. ގުޅުމުން ފޯނެއް ވެސް ނުނަގައެވެ. ރިހާމްއާ މެދު އައިރާގެ ހިތް ޝަކުވާއިން ފުރިގެން ދިޔައެވެ. އޭނައާ މެދު އެގޮތަށް ރިހާމް ކަންތައްކުރަނީ ކީއްވެހެއްޔެވެ؟ ރިހާމް އަނެއްކާ އިތުރު މީހަކާ ގުޅުން ބާއްވަނީ ހެއްޔެވެ؟ އޭނައާ މެދު އެހާ ފަރުވާކުޑަކުރަނީ އެހެންވެގެން ހެއްޔެވެ؟ އައިރާ އޮތީ އެނދުގައި އޮށޯވެލައިގެންނެވެ. އޭރު ގަޑިން ނުވައެއް ޖަހަނީއެވެ. އެފަދަ ވިސްނުންތަކުން ސިކުނޑި ފުނިޖެހުމުގެ ނަތީޖާއެއްގެ ގޮތުން އޭނަގެ ދެލޮލުން ކަރުނަ ހިލުނެވެ. އަތުގެ ނުފުށުން ދެލޯ ފުހެލުމާއެކު، ފަތިސް ނަމާދު ބަންގިއަށް ފޯނު އެލާރމްކޮށްލާފައި ނިދޭތޯ އޭނަ މަސައްކަތްކުރިއެވެ. އައިރާ ވަނީ ވަރުބަލިވެފައެވެ. ގޭތެރޭގެ މަސައްކަތް ކޮށްގެނެއް ނޫނެވެ. އެހެންނަމަވެސް، ވިސްނާ ވިސްނާ ސިކުނޑިއަށް ބާރު ބޮޑުވަމުން ދިޔައީތީ މީހާގެ ހަށިގަނޑަށް އެކަމުން އަސަރުކުރަނީއެވެ. އެހެންކަމުން މާގިނަ އިރެއްނުވެ އޭނައަށް ނިދިއްޖެއެވެ. ބޭރުގައި އުޅެފައި ޒަހްރާން އައިސް ލިފްޓް ލޮބީއަށް ވަތްއިރު، ބާރަޖަހާ ބޮޑުވެއްޖެއެވެ. އޭރު އެތަނުގައި ކުރިންވެސް އޭނައަށް ފެނުނު ޒުވާނާ ހުއްޓެވެ. ޒަހްރާންގެ ހިތަށް އުނދަގުލެއް ވިއެވެ. އެހާ ދަންވަރު އޭނަ އެ ދަނީ އައިރާ ކައިރިއަށްކަން އެނގޭތީއެވެ. ލިފްޓު އައުމުން ޒަހްރާންވެސް އޭނައާއެކު ލިފްޓަށް އެރިއެވެ. ހަތްވަނަ ފަންގިފިލާއަށް ފައިބަމުން އެ ޒުވާނާ ގޮސް ވަނީ އައިރާ އުޅޭ އެޕާރޓްމެންޓަށެވެ. ޒަހްރާންވެސް ގޮސް އެޕާރޓްމެންޓަށް ވަނުމަށްފަހު، ދޮރު ލައްޕައިލިއެވެ. ރިހާމް އެތެރެއަށް ވަތްއިރު މުޅި ގޭތެރެއަށް ފެތުރިފައިވަނީ އަނދިރިކަމެކެވެ. އޭނަ އެއްފަރާތުގައި ހުރި ސްވިޗްބޯޑުގައި އަތް ޖައްސާލާފައި ލައިޓް ދިއްލައިލިއެވެ. އެއަށްފަހު، ގޮސް، ކޮޓަރީގެ ދޮރު ހުޅުވާލާފައި އެތެރެއަށް ވަނެވެ. އޭނަ އެއައީ އިއްޔެ ރޭ އެގޭގައި ބޭއްވުނު ވޮލެޓު ބަލައެވެ. ފާޚާނާއަށް ވަދެލަންވެގެން ވޮލެޓު ނަގާ ބޭއްވުމަށްފަހު، އޭނަ ދިޔައީ ހަނދާންނެތިގެން އެ ނުލައެވެ. ޑްރެސިން ޓޭބަލް މަތީގައި އޮތް ވޮލެޓު ފެނުމުން އެ ނަގައިގެން ނުކުންނަންވެގެން ދާން އުޅެފައިވެސް އޭނަ އައިރާއަށް ބަލައިލިއެވެ. އެނދުގެ ސައިޑް ޓޭބަލް މަތީގައި ހުރި ލޭމްޕު ދިއްލާލައިގެން އައިރާ އޮތީ ނިދާފައެވެ. އޭސީގެ ފިނި ކޮޓަރިތެރެއަށް ފެތުރިފައިވާއިރު، އައިރާ އޮތްގޮތުން އޭނަ އޮތީ ފިނިވެފައިކަން ރިހާމްއަށް ދެނެގަނެވުނެވެ. އޭރު ގައިމަތީގައި އަޅާފައި އޮތް ކުއިލްޓު ވަނީ އައިރާގެ ގައިމަތިން ސޮހިގެން ތިރިއަށް ގޮސްފައެވެ. އައިރާގެ ފަން އިސްތަށިތައް ކޮންމެވެސް ވަރަކަށް އޭނާގެ މޫނުމައްޗަށް ވެސް ވެއްޓިފައި ވެއެވެ. ލާފައިވަނީ އަތްދިގު ގޮޅި ޖެހި ގަޔަށް ދޫ ނައިޓީއެކެވެ. ރިހާމްއަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ. އޭނަ އައިރާގެ ކައިރިއަށް ގޮސް ހުއްޓުނެވެ. އެއަށްފަހު ކުއިލްޓު ނަގަމުން އައިރާގެ ގައިގައި އެ އަޅާލަދޭންވެގެން އުޅުނެވެ. އެވަގުތު އައިރާ ކުޑަކޮށް ހަރަކާތްކޮށްލާފައި އޭނަގެ މޫނުމައްޗަށް ވެއްޓިފައިވާ އިސްތަށިތައް އެއްފަރާތްކޮށްލަން އުޅެލި ގޮތުން ރިހާމް ދުރުވެލިއެވެ. އެހެންނަމަވެސް ދެވަނަ ސިކުންތުގައި އޭނަ ކުޑަކޮށް ގުދުވެލާފައި އައިރާގެ މޫނުމަތީން އިސްތަށިތައް އެއްފަރާތް ކޮށްލަދިނެވެ. އެއާއެކު އައިރާގެ ދޮން މޫނު އޭނައަށް ފެނިލިއެވެ. އެ ދެލޯ ކައިރީގައި ދުޅަކަމެއް ވިއެއްކަމަކު، އެ ރީތިކަމަކަށް ބަދަލެއް ނާދެއެވެ. އޮރެންޖު އަލިކަމުގެ ތެރެއިން އެ މޫނު ފެންނަނީ ހުވަފެނީ ގޮތަކަށެވެ. އެހާ ކައިރިން އައިރާގެ މޫނު ރިހާމްއަށް އެ ފެނުނީ އެތަކެއް ދުވަހެއް ފަހުންނެވެ. އެ ރީތިކަމުގެ ސަބަބުން އޭނަގެ ހިތަށް ގޮތެއް ވެލިއެވެ. ފަހަރުގައި އެހާ ދުވަސްފަހުން އެގޮތަށް އައިރާގެ މޫނަށް ބަލާލަން ފުރުސަތު ލިބުނީމާ ކަމަށްވެސް ވެދާނެއެވެ. އޭނަ މަޑުމަޑުން އައިރާގެ ކޯތާފަތުގައި ބީހިލިއެވެ. ރިހާމްއަށް އޭނާގެ އިޙްސާސްތައް ހިންދައިލުން އުނދަގޫވިއެވެ. އައިރާއަށް ސިހިފައި ދެލޯ ހުޅުވައިލެވުމާއެކު، އޭނަގެ ލޮލުގައި ފުރަތަމަވެސް އަޅައިގަތީ އޭނައާ ދިމާލަށް ގުދުވެލައިގެން އޮތް ރިހާމްއެވެ. މޭގައި އަޅައިލި އަތް ދުރުކޮށްލަމުން އައިރާ ދެލޯ މަރާލާ ފުންނޭވާއެއް ދޫކޮށްލިއެވެ. "ރި... ރިހާމް... މިގަޑީގައި؟" އައިރާއަށް ކުޑަކޮށް ތެދުވެވުނެވެ. އޭނަ ދެލޯ ފުހެލިއެވެ. "ވޮލެޓު ބަލާ މިއައީ." ރިހާމް ބުނެލިއެވެ. އައިރާ ބޯ ޖަހައިލުމަށްފަހު، އިސްޖަހައިލިއެވެ. ރިހާމްއަށް އައިރާގެ މޫނުން ނަޒަރު ވަކިކޮށްލާކަށް ނޭނގުނެވެ. އޭނައަށް އެންމެފަހުން އެނދުގައި އިށީނދެވުނެވެ. އަދި އައިރާގެ އަތުގައި ހިފައްޓައިލެވުނެވެ. އައިރާއަށްޓަކައި ހިތުގައިވަނީ ލޯބިކަމެއް ނޫނީ އެހެން ޖަޒުބާތުތަކެއް ކަމެއް އޭނައަކަށް ނޭނގުނެވެ. އައިރާ ގެނެސް އަތުތެރެއަށް ލުމަށްފަހު ރިހާމް އައިރާގެ ގައިގައި ބައްދައިލިއެވެ. އެހާ ދުވަސްފަހުން ރިހާމްގެ ފަރާތުން ފެނުނު އެ އަމަލާއެކު އައިރާއަށްވެސް ރިހާމްގެ ބުރަކަށީގައި އަތް އަޅުވާލެވުނެވެ. ރިހާމްގެ އަތުގެ ބީހުންތައް އައިރާއަށް އިޙްސާސްވީ އޯގާތެރި ފިރުމުންތަކެއްގެ ގޮތުގައެވެ. އެހާ ދުވަސްފަހުން ލޯބިވާ ފިރިމީހާގެ ފަރާތުން ސަމާލުކަން ލިބުމުން އެ ހިތަށް ހަމަޖެހުމެއް ލިބިގެން ދިޔައެވެ. ކުރީގެ ރިހާމް އޭނައަށް ލިބުނީކަމުގައި އައިރާއަށް ހީކުރެވުނެވެ. ***** ސައިޑް ޓޭބަލް މަތީގައި ޗާރޖަށް ޖަހާފައި އޮތް ފޯނުގެ ރިންގާއެކު ޒަހްރާނަށް ހޭލެވިއްޖެއެވެ. އެއްލޯ މެރިފައިވާ ޙާލު އޭނަ ފޯނަށް އަރާފައިވާ ނަމަށް ބަލައިލިއެވެ. އަޔާޝްކަމުން ކަންފަތުގައި ފޯނު ޖައްސައިލުމާއެކު ލޯ މަރައިލިއެވެ. "ކީކޭ ދޮންބޭ؟" ޒަހްރާން ބުނެލިއެވެ. އޭރުވެސް އޭނަގެ އަޑުގައިވަނީ ނިދި ބަރުކަމެކެވެ. އެހެންޏާ ހުންނަވަރަށް ވުރެ އެ އަޑު ބަރުވެފައިވަނީވެސް އެހެންވެގެންނެވެ. "ރެން. ނިދަނީތަ؟" އެކޮޅުން އަޔާޝް ސުވާލުކޮށްލިއެވެ. "ހޫމް..." ޒަހްރާނަށް ބުނެވުނެވެ. އޭރުވެސް އޭނަ އޮތީ ދެލޯ މަރާލައިގެންނެވެ. "ކިހިނެއްވީ؟" "ބައްޕަ ހޮސްޕިޓަލަށް ގެނެސްގެން އުޅޭތީ މި ގުޅާލީ..." އަޔާޝް ބުނެލިއެވެ. ޒަހްރާނަށް ދެލޯ ހުޅުވައިލެވުނީ ދެނެވެ. އޭނަ ތެދުވެ ހެޑްބޯޑުގައި ލެނގިލުމާއެކު މޫނުގައި އަތް އުނގުޅައިލިއެވެ. "ހޮސްޕިޓަލަށޭ؟" ޒަހްރާނަށް ސުވާލުކޮށްލެވުނެވެ. ބައްޕައަށް ކަމެއް ވީކަމަށް ހީކޮށް ހިތަށް ނުބައި ގޮތެއްވެގެން ދިޔައެވެ. "ހުން އައިސްގެން. ޑޮކްޓަރު ބުނީ މިހާރު މިއުޅޭ ވައިރަލް ފީވަރ ހެންނޭ ހީވަނީ..." އަޔާޝް ބުނެލިއެވެ. "އެބަ ދަން..." ބައްޕަ އޮތް ހޮސްޕިޓަލް އޮޅުން ފިލުވާލުމަށްފަހު ޒަހްރާން ގަޑިއަށް ބަލައިލިއެވެ. އެގާރަ ޖަހާ ބޮޑުވެއްޖެއެވެ. އޭރުވެސް އޭނަ އިނީ ނިދި އައިސްގެން ގޮސް ހަލާކުވެފައެވެ. ރޭގައިވެސް ރަނގަޅަށް ނިދުނީއެއް ނޫނެވެ. ލޮލު ފިޔައެއް ޖަހާލެވޭ ވަރުވީ، ދިހައެއްވެސް ޖެހިފަހުންނެވެ. ނިދި ހަރުވެލިހެން ހީނުވެ އަޔާޝްގެ ފޯނުން ހޭލައްވާލައިފިއެވެ. އެނދުން ތެދުވެގެން ދެލޯ އުގުޅަމުން ގޮސް އޭނަ ފާޚާނާއަށްވަދެ ފެންވަރާ ތާޒާ ވެލިއެވެ. އަޅިކުލައިގެ އަތްދިގު ޓީޝާޓަކާއި، ކަޅުކުލައިގެ ސޯޓެއްލަމުން، ޑްރެސިންޓޭބަލް މަތީގައި އަތުރާލެވިފައިވާ އޭނައަށް އެންމެ ކަމުދާ ސެންޓު ފުޅިތަކުގެ ތެރެއިން އަރްމާނީ ކޯޑު ސެންޓުފުޅި ނަގާ ގަޔަށް ބުރުވާލުމާއެކު، މުޅި ކޮޓަރިތެރެއަށް އޭގެ ހިތްގައިމު މީރުވެސް ފެތުރިގެން ދިޔައެވެ. ***** ހެނދުނު އައިރާއަށް ހޭލެވުނީ ތަންކޮޅެއް ލަހުންނެވެ. ހިނިތުންވެލާފައި ބަލައިލެވުނީ ކައިރީގައި އޮތް ރިހާމްއަށެވެ. ތެދުވެގެން ފާޚާނާއަށްވަދެ ތާޒާވެލައިގެން އައިރާ ނުކުތީ، ސައި ތައްޔާރުކުރުމަށެވެ. ކުޅި މަސް ހަދާފައި ރޮށި ވެސް ފިހުނެވެ. ސައި ތައްޔާރުކޮށްފައި ބަލައިލިއިރު، އެގާރަޖަހަނީއެވެ. އޭނަ ރިހާމްއަށް ގޮވަންވެގެން ކޮޓަރިއަށް ވަތްއިރު ރިހާމް އުޅެނީ ފާޚާނައިގައެވެ. ސައި ތައްޔާރުވެއްޖެކަމަށް ބުނެފައި އައިރާ ނުކުތެވެ. ލަސްތަކެއްނުވެ ރިހާމް ވެސް ކޮޓަރިން ނުކުމެއްޖެއެވެ. އައިރާ ހިނިތުންވެލުމުންވެސް އޭނަ ހިޔެއް ނުލިއެވެ. މޫނުމަތީގައި ކޮންމެވެސް ވަރަކަށް ނުރުހުންތެރިކަމުގެ އަސަރުތައް ހުރިހެން އައިރާއަށް ހީވިއެވެ. "ސައިބޯން ވީނު." އާދައިގެ ގޮތަކަށް އައިރާ ބުނެލިއެވެ. "ސައިބޮވޭތަ؟ ގަޑިން ވީ އިރު ނުފެނޭތަ؟ ގޮވާލަކަށްވެސް ނޭނގޭ ދޯ." ރިހާމް ރުންކުރުވިއެވެ. އޭނަ އަތުކުރީގައި ގަޑި އަޅާލަމުން، ވާހަކަ ދެއްކިއެވެ. "އަހަރެން ހީކުރީ މިއަދު ސަރުކާރު ބަންދު ދުވަހެއްވީމަ ރިހާމް އޮފީހަށް ނުދާނެކަމަށް." އައިރާ ބުނެލިއެވެ. "އޮފީސް ނޫނަސް ކުރަންޖެހޭ ކަންތައްތައް ހުރެދާނެ ދޯ." ރިހާމްއަށް ނުރުހިފައި ބުނެވުނެވެ. "ސައި ބޮއިގެން ދާންވީނު؟" ރިހާމް ދޮރާ ދިމާލަށް ހިނގައިގަތުމުން، އަނެއްކާވެސް އައިރާ ވާހަކަ ދެއްކިއެވެ. "ނެތް މަޑުކުރެވޭކަށް.... ދަނީ." ރިހާމް ނުކުމެ ދޮރުޖެހިއެވެ. އައިރާ ވަގުތުން މާޔޫސްވިއެވެ. އޭނައަށް ގޮސް އިށީނދެވުނީ ސޯފާގައެވެ. މޫނު ދެއަތުން ފޮރުވާލުމާއެކު، ފުންނޭވާއެއް ލެވުނެވެ. އޭނައަށް ކުރެވުނީ ކުށްހީއެއްހެއްޔެވެ؟ ރިހާމް އޭނަ ދެކެ ލޯބި ނުވަނީހެއްޔެވެ؟ ކަރުނަތައް ހިންދައިލަން އައިރާ މަސައްކަތްކުރިއެވެ. ރިހާމް ނުކުތް ގަޑިއަކީ ޒަހްރާންވެސް ގެއިން ނުކުތް ވަގުތެވެ. ޒަހްރާނަށް ރިހާމްއަށް ބަލައިލެވުނެވެ. އޭނަ އަމިއްލަ އިޙްސާސްތައް ކޮންޓްރޯލްކުރަން މަސައްކަތްކުރިއެވެ. ލިފްޓް އައުމާއެކު ލިފްޓަށް އަރައިގެން ދެމީހުން ތިރިއަށް ދިޔައެވެ. ޒަހްރާން ވެސް ތިރިއަށް ގޮސް ޕާކިން ލޮޓްގައި ހުރި ސައިކަލަށް އަރައިގެން މާލެ ދިޔުމަށްޓަކައި، ދުއްވާލިއެވެ. ހައިވޭއާއި ބްރިޖުގައިވެސް އޭނަ ސައިކަލު ދުއްވީ ފުދޭވަރަކަށް ބާރަށެވެ. ހޮސްޕިޓަލާ ހިސާބަށް އާދެވުމުން ސައިކަލު ޕާކުކޮށްލާފައި އޭނަ، އަޔާޝްއަށް ގުޅައިލިއެވެ. "ރެން ކޮންތާކު ތިހުރީ؟" އަޔާޝް ސުވާލުކޮށްލިއެވެ. "ލިފްޓު ލޮބީ ކައިރީގައި." ޒަހްރާން ބުންޏެވެ. އޭނަ ވަށައިގެން ބަލައިލިއެވެ. "ދޮންބެވެސް މިހުރީ ތިރީގަ. ތިތާ މަޑުކުރޭ. އެބަދަން." އެހެން ބުނެލާފައި އަޔާޝް ފޯނު ބޭއްވިއެވެ. "އޯކޭ!" ޒަހްރާން ވެސް ފޯނާ ކުޅެން އެތަނުގައި މަޑުކޮށލިއެވެ. އިރުކޮޅެއްނުވެ ކައިރިއަށް އައިސް މަޑުކޮށްލި އަޔާޝް އޭނަގެ ކޮނޑުގައި ޖަހާލަމުން ހިނގާށޭ ބުނެލިއެވެ. "މިހާރު ރަނގަޅުތަ؟" ޒަހްރާން މުރާދާ ބެހޭގޮތުން ސުވާލުކޮށްލިއެވެ. "އާނ. ހުންގަނޑު ކުޑަކޮށް މައިތިރިވެއްޖެ." އަޔާޝް ބުނެލިއެވެ. "މިހާރު ދެން އިންޖެކްޝަން ޖަހާފަ އައިވީ ގުޅާފަ އޮތީ. ހީވަނީ ވައިރަލް ފީވަރ އެއް ހެންނޭ ބުނީ. ޓެސްޓްތައް ހަދަން ލޭވެސް ނަގައިފި." ދެމީހުން ލިފްޓުން ފަނަރަ ވަނަ ފަންގިފިލާއަށް އެރުމަށްފަހު، ކާޑުޖަހާލާފައި ބިއްލޫރި ދޮރު ހުޅުވާލާފައި އެތެރެއަށް ވަނެވެ. ތަނަވަސް ބޮޑު ސަރައްކާލި ތެރެއިން ހިނގާލާފައި ގޮސް އެންމެ ބިއްދޮށުގައި ހުރި ދޮރު ހުޅުވާލާފައި އެތެރެއަށް ވަނެވެ. އެއީ ކުޑަ ވަރެއްގެ އެޕާރޓްމެންޓެކެވެ. މުރާދު ބާއްވާފައި އޮތް ކޮޓަރިއަށް ދެމީހުން ވަނެވެ. އެނދުކައިރީގައި ހުރި ބަސްމާ މުރާދަށް ފެންފޮދެއް ދީފައި، ދުރުވެލިއެވެ. މުރާދު އޮތީ އެނދުގައި އޮށޯވެލައިގެންނެވެ. އޭރު އޭނަގެ އަތަށް ވަނީ އައިވީ ގުޅާފައެވެ. އީލާފް އިނީ ސޯފާގައި އިށީނދެލައިގެންނެވެ. ޒަހްރާނަށް ބަސްމާ ފެނުމާއެކު އޭނަގެ މޫނުމަތި ބަނަވިއެވެ. ނުރުހުމުގެ ކުލަވަރުތައް ވެރިވިއެވެ. ބަސްމާއަށް މުރާދަށް އަވަސް ނަޒަރެއް ދެވުނެވެ. އޭނަ ދެރަވި ނަމަވެސް، އެ ކަން ހިންދާލަމުން ޒަހްރާނާ ވާހަކަ ދެއްކިއެވެ. ވީވަރަކުން ޒަހްރާނާ އޮތް ގުޅުން ބަދަހިކުރެވޭތޯ ބަސްމާ އަބަދުވެސް މަސައްކަތް ކުރެއެވެ. "ދަރިފުޅު...އާދޭ... ވަދޭ..." ޒަހްރާން މަޑުޖެހުމާއެކު ބަސްމާ ވާހަކަ ދެއްކިއެވެ. އޭނަ ހިނިތުންވާން މަސައްކަތްކުރިއެވެ. ޒަހްރާނާ ދިމާލަށް ދަރިފުޅޭ ކިޔާފައި ބަސްމާ ގޮވާލުމުން އޭނަ އެކަމާ ހިތްހަމަނުޖެހިގެން އެއްޗެއް ބުނަންވެގެން އަނގަ ހުޅުވައިލި ނަމަވެސް، އަޔާޝް އެކަމަށް ހުރަސްއެޅިއެވެ. އޭނަ ޒަހްރާންގެ އަތުގައި ހިފާ ކަންފަތް ދޮށުގައި ކޮންމެވެސް އެއްޗެއް ބުނެލިއެވެ. ޒަހްރާން އަޔާޝްއަށްވެސް ބަލައިލީ ނުރުހިފައެވެ. އަޔާޝް އާދޭހުގެ ގޮތަކަށް ޒަހްރާނަށް ބަލަހައްޓައިގެން ހުއްޓެވެ. މިވަގުތު ޒަހްރާން ހުއްޓުވަން އޭނަ ހުރީ ބޭނުންވެފައެވެ. "ރެން. ޕްލީޒް. މިވަގުތަކު ނޫން... " އަޔާޝް ބުނެލިއެވެ. "ޕްލީޒް...." (ނުނިމޭ)
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ