އިސްރާއީލުން ބުނަނީ ނަތަންޔާހޫ އަދި މަރުނުވާކަމަށް
ޓެލްއަވީވު (15 މާޗް 2026) : މިޒަމާނުގެ ހިޓްލަރުގެ ގޮތުގައި ސިފަކުރެވޭ އަދި ބައިނަލްއަގްވާމީ އަދާލަތަށް ފިލައިގެން އުޅޭ ޔަހޫދީ ނުރައްކާތެރި ގާތިލު އަދި އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ މަރުނުވާކަމަށް އިސްރާއީލުން ބުނެފިއެވެ. ނަތަންޔާހޫގެ އޮފީހުން ބުނިގޮތުގައި ނަތަންޔާހޫ މަރެއްނުވެއެވެ. އޭނާގެ "ހާލު ރަނގަޅެވެ". އިތުރު ތަފްސީލެއް ނުދެއެވެ. ނަތަންޔާހޫގެ އޮފީހުން މިހެން ބުނީ އިސްރާއީލުގެ ކެބިނެޓްގެ ބައްދަލުވުންތަކުންވެސް ނަތަންޔާހޫ ނުފެންނާތީ އަދި ނަތަންޔާހޫ މަރުވެފައިވާ ކަމުގެ ގިނަ ޚަބަރުތަކެއް ސޯޝަލް މީޑީއާގައި ދައުރުވާތީ އެކަމާބެހޭގޮތުން ތުރުކީގެ އަނަތޯލިޔާ ނޫސް އެޖެންސީން އިސްރާއީލުގެ މަސްއޫލުވެރިއަކާ ސުވާލު ކުރުމުންނެވެ. އީރާނުން ވަނީ ނަތަންޔާހޫގެ އޮފީހަށް އެތައް ފަހަރަކު ހަމަލާދީ އެތަން ފުނޑާލައި ބިމާ ހަމަކޮށްލާފައެވެ. އޮފީސް ފުނޑާލުމުން ނަތަންޔާހޫ އިސްރާއީލުގެ ކެބިނެޓް ބައްދަލުވުންތައް ބާއްވަމުން ގެންދިޔައީ ބިންގަރާހެއްގައެވެ. އީރާނުގެ ރިވޮލިއުޝަނަރީ ގާޑުންވަނީ މި ބިންގަރާރަށްވެސް މިދިޔަ ހަފްތާގައި ހަމަލާދީފައެވެ. ނަމަވެސް ހަމަލާއާ ގުޅިގެން ނަތަންޔާހޫ މަރުވިކަން ނުވަތަ ނޫންކަން އީރާނުން ހާމަކޮށްފައެއް ނުވެއެވެ. ބައެއް ރިޕޯޓްތައް ބުނާގޮތުން އީރާނުގެ ހަމަލާތަކުގައި ނަތަންޔާހޫ ޒަޚަމްވެފައިވާއިރު އިސްރާއީލުގެ ޖާސޫސީ އިދާރާ މޫސާދުގެ ވެރިޔާ ވަނީ މަރުވެފައެވެ. މިކަން އިސްރާއީލުން ކަށަވަރު ކޮށްދީފައި ނުވާއިރު މިކަން ދޮގުކޮށްފައެއްވެސް ނުވެއެވެ. އީރާނުގެ ހަމަލާތަކުގައި ނަތަންޔާހޫގެ ގެވެސްވަނީ ހަލަކުކޮށްލާފައެވެ. މިކަމާބެހޭގޮތުންވެސް އިސްރާއީލުން އެއްޗެއް ބުނެފައެއް ނުވެއެވެ. އިސްރާއީލުގެ ކެބިނެޓް ބައްދަލުވުންތައް މިހާރު ބާއްވަނީ ބިމުއަޑީގައިވާ ސިއްރު ތަނެއްގައެވެ. ބާއްވާތަނެއް ނޭންގެއެވެ. ކެބިނެޓްގެ ބައްދަލުވުންތަކުގައި ނަތަންޔާހޫ ބައިވެރިނުވާކަން އިސްރާއީލުގެ ނުރަސްމީ މަސްދަރަކުންވަނީ ހާމަވެފައެވެ. ނަތަންޔާހޫ އިސްރާއީލުގެ އަސްކަރީ ހޮސްޕިޓަލެއްގައި އެނދުމަތިކޮށްފައިވާ ކަމަށްވެސް ބައެއް ރިޕޯޓްތައް ބުނެއެވެ. ނަތަންޔާހޫ އަކީ ފަލަސްތީނުގެ ނަސްލު ނައްތާލުމުގެ ޖަރީމާ ހިންގާކަމަށް ތުހުމަތު ކުރެވިގެން އޭނާ ހައްޔަރުކުރުމުގެ އަމުރު ބައިނަލްއަގްވާމީ ކޯޓުން ނެރުމުން އެ އަމުރަށް ފިލައިގެން އުޅޭ ނުރައްކާތެރި ގާތިލެކެވެ. ނަތަންޔާހޫ ވަނީ ޣައްޒާގެ 80 ހާހަށް ވުރެގިނަމީހުންނާއި ލުބްނާނުގެވެސް އެތަށް ހާސް ބަޔަކު ޝަހީދުކޮށްލާފައެވެ. އަދި މިހާރު އޭނާ ގެންދަނީ އެމެރިކާއާ ގުޅިގެން އީރާނަށްވެސް އުދުވަނީ ހަމަލާތައްދީ ގަތުލުއާންމުތައް ހިންގަމުންނެވެ. އީރާނުގައިވެސް ނަތަންޔާހޫ އާއި ޓްރަމްޕް ގުޅިގެން ވަނީ ތުއްތު އަންހެން ކުދިންގެ ސްކޫލަކަށް ހަމަލާދީ 180 ކުދިން ޝަހީދުކޮށްލައި 200 އަށް ވުރެގިނަ ކުދިން ޒަޚަމްކޮށް ސްކޫލްގެ އިމާރާތް ބިމާހަމަކޮށްލާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ