ސްޓެލްކޯގެ އެމްޑީ ގަސްތުގައި ކަރަންޓު ބިލު ބޮޑުކުރާ ކަމުގެ ތުހުމަތު

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހަސަން މުޣުނީ ގަސްތުގައި ކަރަންޓު ބިލު ބޮޑުކުރާ ކަމުގެ ތުހުމަތު ބިލެތްދޫ ދާއިރާގެ އެމްޑީޕީ މެންބަރު އަހުމަދު ހަލީމު ކުރައްވައިފިއެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން ހަލީމް ވިދާޅުވީ ސްޓެލްކޯގެ އެމްޑީ މިހާރުން މިހާރަށް ބަދަލުކުރަން ސަރުކާރަށް ގޮވާލާ ކަމަށާއި އެގޮތުން މި ސަރުކާރު ކިލަނބު ކުރުވަން މުޣުނީ އެންމެ މިނެޓަކަށް ވެސް ސްޓެލްކޯގައި ދެން ބަހައްޓަން ބޭނުން ނުވާ ކަމަށެވެ.
"ކަރަންޓު ބިލު ގަސްތުގައި އެމްޑީ އެބަ ފޮނުވާ ބޮޑުކޮށް ސަރުކާރުގެ އަގުވައްޓާލުމަށްޓަކާ. މި ސަރުކާރުގެ ވަރަށް މުހިއްމު ވައުދެއް ކަރަންޓުގެ އަގުހެޔޮ ކުރުމަކީ" ހަލީމް ވިދާޅުވިއެވެ.
ކަރަންޓު އަގުހެޔޮ ކުރުމަށް ކުރަންޖެހޭ ބައިވަރު ކަންތައް އެބަހުރި ކަމަށާއި އިޔާދަކުރަނިވި ހަކަތައިގެ ޒަރިއްޔާ އިން ކަރަންޓު ފޯރުކޮށްދީ ހަރަދު ކުޑަކުރުމަކީ އެމްޑީޕީގެ ވިސްނުމެއް ކަމަށްވައިރު އެކަން ކުރަމުންދާ ކަމަށްވެސް ހަލީމް ވިދާޅުވިއެވެ.
"އެހެން ނަމަވެސް ބިލު އެބަ ފޮނުވާ 2000 ރުފިޔާ އަރާ ގެއަކަށް 4000 ރުފިޔާ، މިއީ ގަސްތުގައި ކުރާ ކަމެއް. ފަހުން ސުވާލުކޮށް މައްސަލަ ޖެހުނީމަ ބުނަނީ އެއީ އޭގައި ކޮންމެވެސް ޓައިޕިން މިސްޓޭކެކޭ. ނޫނީ ސިސްޓަމުގެ މިސްޓޭކެކޭ. ނޫނީ ކޮމްޕިއުޓަރުގެ މިސްޓޭކެކޭ" ހަލީމް ވިދާޅުވިއެވެ.
އަދި ކޮންމެ މަހަކު ކޮމްޕިއުޓަރުގެ މައްސަލަ ދިމާވާނަމަ ރައްޔިތުން މަޑު ނުތިބޭނެ ކަމަށާއި މިހާރުން މިހާރަށް ސްޓެލްކޯގެ އެމްޑީ މަގާމުން ދުރުކުރުމަށް ވެސް ހަލީމް ވަނީ ތަކުރާރުކޮށް ގޮވާލާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ