ދާހިލީ ހުރިހާ ކަމެއް ވެސް ނިންމަންޖެހޭނީ ދިވެހިން - މައުމޫން

ރާއްޖެއަކީ މިނިވަން ގައުމެއް ކަމަށާއި ރާއްޖޭގެ ދާހިލީ ހުރިހާ ކަމެއް ވެސް ނިންމަންޖެހޭނީ ދިވެހިން ކަމަށް ކުރީގެ ރައީސް އަދި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ރައީސް އަލްއުސްތާޒް މައުމޫން އަބްދުލްގައްޔޫމް ރޭ ވިދާޅުވެއްޖެ އެވެ.
މެލޭޝިއާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުގައި ނޫސްވެރިންނާއި ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުން ރައީސް މައުމޫން ވިދާޅުވީ އިންޑިއާއަކީ ވަރަށް ގާތް ރަހްމަތްތެރި ގައުމެއް ކަމަށާއި އިންޑިއާގެ ގުޅުމަކީ ވަރަށް މުހިންމު ގުޅުމެއް ކަމަށެވެ. އަދި އިންޑިއާގެ އެހީތެރިކަމާއި އެއްބާރުލުން ވެސް ވަރަށް މުހިންމު ކަމަށެވެ.
އެހެންކަމުން އިންޑިއާ ދޭތެރޭ ހިތްނުތަނަވަސް ވާންވީ ސަބަބެއް ނެތް ކަމަށާއި އެފަދަ މައްސަލައެއް އޮތް ނަމަ ވާހަކަދައްކައިގެން ދެގައުމުގެ މަސްލަހަތަށް ބަލައިގެން ހައްލުކުރަންޖެހޭނެ ކަމަށް ވެސް ރައީސް މައުމޫން ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ތެރެއިން ބަޔަކު އިންޑިއާ ދޭތެރޭ ހިތްނުތަނަވަސް ވާންވީ ސަބަބެއް ނެތް ކަމަށް އަޅުގަނޑު ދެކެނީ، އެއީ އަޅުގަނޑުމެންގެ ތެރޭގައި އުފެދޭ މައްސަލައަކީ ވާހަކަދައްކައިގެން ދެގައުމުގެ މަސްލަހަތަށް ބަލައިގެން ހައްލުކުރަންޖެހޭ ކަންތައް، ދެން ތި ވިދާޅުވި ކަންތަކަކީ އާދަޔާ ހިލާފަށް ދިމާވި ކަމެއް. މީގެކުރިން އަޅުގަނޑު ހިތުން ރާއްޖެއަކު މިކަހަލަ ކަމެއް ދިމައެއް ނުވޭ،" ރައީސް ނަޝީދު އިންޑިއާގެ ހިމާޔަތް ހޯއްދެވިކަމަށް ނަޝީދު ވިދާޅުވާ ވާހަކަތަކާއި ގުޅިގެން ނޫސްވެރިޔަކު ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުން މައުމޫން ވިދާޅުވި އެވެ.
ރައީސް މައުމޫން އިތުރަށް ވިދާޅުވީ ދިވެހިރާއްޖޭގެ ގާނޫނު އަސާސީއަށާއި ގާނޫނުތަކަށް ސަރުކާރުންނާއި ދައުލަތުގެ މުއައްސަސާތަކުންނާއި އެންމެން ވެސް ހުރުމަތްތެރިކޮށް ހިތަންޖެހޭނެ ކަމަށާއި އެންމެންވެސް ކަންތައްތައް ކުރަންޖެހޭނީ ގާނޫނާއި ގަވައިދުގެ މަތިން ކަމަށެވެ.
މީގެ ހަތަރު ފަސް މަސް ކުރިން އިންޑިއާއަށް ކުރެއްވި ދަތުރެއްގައި އިންޑިއާގެ ބޮޑުވަޒީރާއި ބައްދަލުކުރެއްވި ކަމަށާއި އެބައްދަލުކުރެއްވުމުގައި ސިޔާސީ މަޝްރަހާއި ބެހޭގޮތުން ވާހަކަފުޅުދައްކަވަމުން ރާއްޖޭގެ ދާޙިލީ ކަންތައް ހަމަޖައްސަން ޖެހޭނީ ދިވެހިން ކަމަށާއި ދިވެހިންނަށް އެކަމުގެ ކުޅދާނަކަން ލިބިގެންވާ ކަމާއި ރާއްޖޭގެ ހުރިހާ މަސްލަހަތަކަށް ވެސް ހޯދަން ޖެހޭނީ ދިވެހި ހައްލެއް ކަމަށް ބޮޑުވަޒީރު ވިދާޅުވި ކަމަށް ވެސް މައުމޫން މިރޭ ވިދާޅުވި އެވެ.
"އަޅުގަނޑު ވަރަށް ބޮޑަށް ތާއީދުކުރި ބަސްފުޅެއް، އަޅުގަނޑުމެންނަކީ މިނިވަން ގައުމެއް އެހެންވީމަ އަޅުގަނޑުމެންގެ ދާހިލީ ހުރިހާ ކަމެއް ވެސް ނިންމަންޖެހޭނީ އަޅުގަނޑުމެން ދިވެހިން، އަޅުގަނޑުމެންގެ ގައުމީމަސްލަހަތު ތަން ދޭގޮތެއްގެ މަތިން. ހުރުމަތްތެރިކޮށް ހިތައިގެން އަދި އެންމެންގެ ހައްގުތަކަށް ވެސް އިހްތރިމްކޮށް ހިތައިގެން." ރައީސް މައުމޫން ވިދާޅުވި އެވެ.
ރައީސް ނަޝީދަކީ ރާއްޖޭގެ ރައީސްކަންކުރައްވާފައި ހުންނެވި ބޭފުޅެއް ކަމަށާއި އެހެންކަމުން އެމަނިކުފާނަށް އަރުވަންޖެހޭ އިއްޒަތާއި ގަދަރެއް އަރުވަން ޖެހިވަޑައިގަންނަވާނެ ކަމަށް ވެސް މައުމޫން މިރޭ ވިދާޅުވި އެވެ.
"ހަމައެއާއިއެކީގައި ރާއްޖޭގެ ޝަރުއީ ހުކުމްތައް ވެސް ހިނގަންޖެހޭނެ، މިކަންތައްތައް ހައްލުކުރަން ވަރަށް ވިސްނުންތެރިކަމާއިއެކު އަޅުގަނޑުމެން މަސައްކަތްކޮށްފިއްޔާމު ހައްލު ކުރެވިދާނެ، އަދި އެފަރާތްތަކާޢި މަޝްވަރާކުރަން ޖެހިއްޖެއްޔާ މަޝްވަރާކޮށްގެންވެސް، އެހެންވީމަ އަޅުގަނޑުގެ ވާހަކައަކީ އަޅުގަނޑުމެންވެއްޖެއޭ މަޝްވަރާކޮށްގެން  ހައްލެއް ހޯދޭތޯ ބަލަން، ދެގައުމުގެ ދޭތެރޭގައި މައްސަލައަކަށްވެގެން ނުވާނެ، ވާނެ ކަމަކަށްވެސް އަޅުގަނޑުމެން ނުދެކެން، ކޮންމެ ގޮތެއް ވިޔަސް ދެގައުމުގެ ސަރުކަރުން ވާހަކަ ދައްކައިގެން ހުރިހާ ކަމެއް ވެސް ވާނީ ހައްލުކުރެވެން ހައްލު ކުރެވެން ޖެހޭނެ." ރައީސް މައުމޫން ވިދާޅުވި އެވެ.
ރައީސް މައުމޫން ރޭ މާލެ ވަޑައިގަތުމުން އެއް ނަންބަރު ފާލަން ކައިރިން އެމަނިކުފާނަށް ޕީޕީއެމްގެ އިސް ބައެއް ބޭފުޅުންނާއި ރައްޔިތުންގެ މަޖިލީހުގެ ޕީޕީއެމް ބައެއް މެންބަރު މަރުހަބާ ދެންނެވި އެވެ.
މައުމޫންގެ ސަޕޯޓަރުން އެމްއެމްއޭ ކައިރީ ތިބިއިރު ރައީސް މައުމޫން ވަނީ ހިންގަވާފައި ވަޑައިގެން އެސަރަހައްދުގައި ތިބި ސަޕޯޓަރުންނާއި ބައްދަލުކުރައްވާފައެވެ. މިއީ އާންމުކޮށް ފެންނަ މަންޒަރެއް ނޫން ކަން ފާހަގަކޮށްލެވެ އެވެ. އެއަށްފަހު ރައީސް މައުމޫން ވަނީ ކާރުކޮޅަށް އަރާ ވަޑައިގެންފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ