މެންބަރުކަމުން އަލީ ވަހީދު އިސްތިއުފާދޭވަރު ކުރާނަން - ޕީޕީއެމް

މިހާރުގެ ސަރުކާރު ވައްޓާލުމަށް މަސައްކަތްކޮށްފިނަމަ ތޮއްޑޫ ދާއިރާގެ މެންބަރު އަލީ ވަހީދު މެންބަރުކަމުން އިސްތިއުފާދޭވަރު ކުރާނެ ކަމަށް ބުނެ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އިން އަލީ ވަހީދަށް ވަރުގަދަ އިންޒާރެއް ދެއްވައިފި އެވެ.
ތޮއްޑޫ ދާއިރާގެ ރައްޔިތުންގެ ޕްރެޝަރާއިއެކު އެގޮނޑި ބާލާނެ ކަމަށް ބުނެ ޕީޕީއެމްއިން އިންޒާރުދިންއިރު އަލީ ވަހީދު ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ ގޮނޑިއަށް އިންތިހާބުވެވަޑައިގެންފައިވަނީ ޑީއާރުޕީ ޓިކެޓުގައި އެވެ. ނަމަވެސް ޑީއާރުޕީ ބައި ބައިވުމާއި ދިމާކޮށް އޭނާ ވަނީ ޑީއާރުޕީ ދޫކޮށް އެމްޑީޕީއަށް ސޮއިކުރައްވާފައެވެ.
މީގެކުރިން ވެސް ޕީޕީއެމްއިން ވަނީ އަލީ ވަހީދު އެމްޑީޕީއަށް ސޮއިކުރެއްވީ ރިޝްވަތު ހިއްޕަވައިގެން ކަމަށް ތުހުމަތުކުރައްވާފައެވެ.
ޕީޕީއެމްގެ އޮފީހުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެ ޕާޓީގެ ޒުވާނުންގެ ގޮފީގެ ރައީސް އަދި ޓްރާންސްޕޯޓް މިނިސްޓްރީގެ ރަޖިސްޓްރާ އިބްރާހިމް ނާޒިމް ވިދާޅުވީ މިހާރު އޮތް ސަރުކާރު ވައްޓާލަން އަލީ ވަހީދު މަސައްކަތް ކުރާނަމަ 21 ދުވަހުގެ ތެރޭ މަޖިލިސް މެންބަރުކަމުން އިސްއިފާދޭންޖެހޭ ވަރު ކުރާނެ ކަމަށާއި ސަރުކާރު ވައްޓާލަން މަސައްކަތް ކުރާ ކޮންމެ މަޖިލީސް މެމްބަރަކަށްވެސް އެ މެމްބަރެއްގެ ދާއިރާއިން ޕްރެޝަރު ކުރިމަތި ކުރުވާނެ ކަމަށެވެ.
"21 ދުވަހުގެ މުހުލަތެއް އަލީ ވަހީދު ދިނީ. އަޅުގަނޑު ދަންނަވާނީ ދާއިރާގެ މެމްބަރުންގެ ޕްރެޝަރާއި އެކު މަނިކުފާނު ގޮނޑިން އިސްތިއުފާދޭވަރު އަޅުގަނޑުމެން 21 ދުވަހުގެ ތެރޭގައި ކުރާނަމޭ. މި ވެރިކަން 21 ދުވަހުގެ ތެރޭގައި ވައްޓާލަން މަސައްކަތް ކޮށްފިއްޔާމުން،" ނާޒިމް ވިދާޅުވިއެވެ.
އެމްޑީޕީން އެންމެ ފަހުން ބޭއްވި އެއްވުމުގައި ވާހަކަދައްކަވަމުން އަލީ ވަހީދު ވިދާޅުވީ ކުރިއަށް އޮތް އެކާވީސް ދުވަހުގެ ކުރިން މިސަރުކާރު ވައްޓާލާނެ ކަމަށާއި އެއްވުންތައް ވެރިކަން ވެއްޓެންދެން ދިގު ދަންމާލާނެ ކަމަށެވެ. އަލީ ވަހީދުވަނީ އެމްޑީޕީއަށް ފުލުހުން ހުރަސް ނޭޅުމަށާއި ފުލުހުން ކުރަން ޖެހޭ އެއަށް ވުރެ މުހިއްމު ކަންތައްތައް ހުރިކަމަށް ވިދާޅުވެފައެވެ.
ނާޒިމް ވިދާޅުވީ އެމްޑީޕީގެ ހަރަކާތްތަކުން ދުވަހެއް ދުވަހަކަށް ޒުވާނުން ފެންނަމުންދާލެއް މަދުވަމުންދާ ކަމަށާއި ސަބަބަކީ އެމްޑީޕީން ގައުމުގެ އަމަން  އަމާންކަން ގެއްލުވާލައި، ފުލުހުންނާއި ސަލާމަތީ ބާރުތަކަށް ފުރައްސާރަ ކުރަމުންދާތީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި އެކަން ވަގުތުން ވަގުތަށް ހުއްޓާލުމަށް އޭނާ ގޮވާލެއްވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ