ޒިންމާ އަދާކުރުމުގައި އެއްވެސް މީހެއްގެ މޫނަކަށް ނުބަލާނަން – ގާސިމް

ކޮންމެ މަސްއޫލިއްޔަތެއް ކަމަށްވިޔަސް އެހަވާލުކުރެއްވި މަސްއޫލިއްޔަތެއް އަދާކުރަމުންގެންދާނީ ތެދުވެރިކަމާއެކީގައި ކަމަށާއި އޭނާއާއި ހަވާލުކުރެވިފައިވާ ޒިންމާ އަދާ ކުރުމުގައި އެއްވެސް މީހެއްގެ މޫނަކަށް ކަނދުރާއަކަށް ނުބަލާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ރޭ ވިދާޅުވެއްޖެ އެވެ.
ޖުމްހޫރީ ޕާޓީން ރޭ ހއ.ކެލާގައި ބޭއްވި ހާއްސަ ޖަލްސާގައި ވާހަކަދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރުކަން ވެސް ކުރައްވާ ގާސިމް ވިދާޅުވީ ރައްޔިތުން އޭނާއާއި ކޮންމެ ފަދަ މަސްއޫލިއްޔަތެއް ޙަވާލު ކުރެއްވިޔަސް އެކަމެއް ފުރިހަމަކޮށްދެއްވާނެ ކަމަށެވެ.
ﷲ ގަންދީ ހުވައެއް ކުރައްވައިގެން ހުނެންވި ކޮންމެ ބޭފުޅަކުވެސް ހުވަޔަށް ތެދުވެރިވާންޖެހޭނެ ކަމަށާއި އެގޮތުން ރައީސުލްޖުމްހޫރިއްޔާ ކަމަށްވިޔަސް، ވަޒީރަކު ކަމަށްވިޔަސް، މަޖިލިސް މެންބަރަކަށްވިޔަސް، ކައުންސިލްގެ މެންބަރަކަށްވިޔަސް، ސިފައިންގެ މީހަކަށްވިޔަސް އަދި ފުލުހުންގެ މީހަކަށް ވިޔަސް ހުވައިގެ މަތީ ތެދުވެރި ކަމާއެކު ދެމިހުންނަން ޖެހޭނެ ކަމަށެވެ.
ގާސިމް ވިދާޅުވީ އޭނާ ކުރައްވާ ކަމެއްގައި ދަރިއަކަށްވެސް ނުބައްލަވާނެ ކަމަށް ގާސިމް ވިދާޅުވިއެވެ.
“ތިޔަ ބޭފުޅުން މަސްއޫލިއްޔަތެއް ހަވާލުކޮށްފިއްޔާ ﷲ ގަންދީ ހުވާކޮށްފަ މިދެންނެވީ ތެދުވެރިކަމާއެކީ އަޅުގަނޑު އެކަން ކޮށްދޭނަން. އެއީ ކޮންމެ މަސްއޫލިއްޔަތެއް ކަމަށްވިޔަސް އެހަވާލުކުރެއްވި މަސްއޫލިއްޔަތެއް އަދާކުރަމުންގެންދާނީ ތެދުވެރިކަމާއެކީގައި. އަޅުގަނޑާއި ހަވާލުކުރެވިފައިވާ ޒިންމާ އަދާ ކުރުމުގައި އަޅުގަނޑު އެއްވެސް މީހެއްގެ މޫނަކަށް ކަނދުރާއަކަށް ނުބަލާނަން. ލިޔެވިފައިވާ ފޮތުގައި އޮތްގޮތަށް އަޅުގަނޑަށް އަމުރުކުރެވިގެންވާ ގޮތަށް އެކަންކަން ކޮށް ނިންމާނަން. އެއީ އަޅުގަނޑު ދަރިއެއްވީ ނަމަވެސް ވަރިހަމަ” ގާސިމް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ވެރިކަމުގެ ފުރަތަމަ ދޮޅު އަހަރު ތެރޭގައި ހއ. ގައި އެއާޕޯޓެއް އަޅައި ނިންމަވައި ދެއްވާނެ ކަމަށެވެ. އަދި އިހަވަންދޫގައި ޓްރާންޝިޕްމަންޓް ބަނދަރު ހައްދަވައިދެއްވާނެ ކަމަށް ވިދާޅުވެ ގާސިމް ވަނީ ރޭގެ ޖަލްސާގައި ވައުދުވެވަޑައިގަންނަވާފައެވެ.
ރޭގެ ޖަލްސާގައިވެސް ގާސިމް ވަނީ ކުރީގެ ރައީސް ނަޝީދަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އެގޮތުން ނަޝީދަކީ އިންސާފުގެ ކުރިމައްޗަށް ވަޑައިގެންނެވުމަށް ގޮވައިލެއްވުމުން އެކަމުން ސަލާމަތްވާންވެގެން އިންޑިއާ އެމްބަސީއަށް ވަޑައިގެން ފިއްލަވައި އިންނެވި ބޭފުޅެއް ކަމަށެވެ. އަދި ގާސިމް ވަނީ އެފަދަ ބޭފުޅަކަށް ވެރިކަން ކުރެވޭނެތޯ ސުވާލު ކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ