ޓެރަރިޒަމުގެ ކުށުގައި 13 އަހަރުގެ ޖަލު ހުކުމެއް ތަންފީޒް ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ޖެހިފައިވާ އާލާސްކަންފުޅަކީ ފުރާނަ އަށް ގެއްލުމެއްވާނެ ފަދަ އާލާސްކަންފުޅެއް ނޫން ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
ފޮރިން މިނިސްޓްރީ އިން މިރޭ ނެރުނު ބަޔާނެއްގައި، ހޯމް މިނިސްޓަރު އުމަރާއި ހަވާލާދީ ބުނެފައިވަނީ ރައީސް ނަޝީދުގެ ގާނޫނީ ވަކީލުންގެ ޓީމުން، އެމަނިކުފާނަށް ޖެހިފައިވާ އާލާސްކަންފުޅަކީ ފުރާނައަށް ގެއްލުންވާފަދަ އާލާސްކަންފުޅެއް ކަމަށް ބުނަމުން ދިޔަ ނަމަވެސް ރައީސް ނަޝީދު ބެއްލެވި ޑޮކްޓަރުން އެގޮތަށް ވިދާޅުނުވާ ކަމަށެވެ.
އަދި ކަރެކްޝަނަލް ސާވިސްގެ ސްޓެންޑާޑް ޕްރޮޓޮކޯލްތަކާއި އެއްގޮތްވާ ގޮތުގެ މަތިން ލަސްކުރުމެއް އަދި ފަސްކުރުމެއް ނެތި، ސިއްހީ ފަރުވާއަށް ރައީސް ނަޝީދު އެދިވަޑައިގަންނަވާ ކޮންމެ ފަހަރަކު އެކަން ވާނީ އިންތިޒާމް ކޮށްދީފައި ކަމަށާއި، ބޭސްފަރުވާ އަށް ގައިދީން ރާއްޖެއިން ބޭރަށް ގެންދަނީ ހޯދަން ޖެހޭ ފަރުވާއެއް ނުވަތަ ހަދަން ޖެހޭ ޓެސްޓެއް ރާއްޖެއިން ނުހެދޭނަމަ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.
"ރައީސް ނަޝީދު ހައްދަވަންޖެހޭ ލެބޯޓަރީ ޓެސްޓުތައް ރާއްޖޭގައި ހެދެން އެބަހުރި، އަދި ހޯއްދަވަން ޖެހޭ ފަރުވާ ރާއްޖެއިން ލިބޭ، ކަރެކްޝަން އިން ވަނީ މިކަމުގައި ތަފާތު ޑޮކްޓަރުންގެ ރައުޔު ހޯދާފައި، އެ ޑޮކްޓަރުން ވެސް ބުނަނީ ހަމަ މިހެން،" އެ ބަޔާނުގައި ބުނެފައިވެއެވެ.
މީގެއިތުރުން އެ ބަޔާނުގައި ވަނީ، ރައީސް ނަޝީދުގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރައްވަން އެމަނިކުފާނު ނިންމަވާފައިވާތީ އެކަމަށް ވެސް މަރުހަބާ ކިޔާފައެވެ.
ފޮރިން މިނިސްޓްރީން މިފަދަ ބަޔާނެއް ނެރެފައިވާއިރު، ރައީސް ނަޝީދުގެ ބައިނަލްއަގުވާމީ ވަކީލުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ޖެރެޑް އާއި އޭނާއާ އެކު މަސައްކަތްކުރައްވާ ޖޫލިއާ ކިއުޕަމިންކް ވޯލް ސްޓްރީޓް ޖާނަލްގައި އިއްޔެ ޝާއިއުކުރައްވާފައިވާ ލިޔުމެއްގައި ވަނީ ނަޝީދުގެ މައި ބަދައަށް ލިބިފައިވާ ގެއްލުމުގެ ސަބަބުން އެމަނިކުފާނު އުޅުއްވަނީ ވަރަށް ބޮޑު ވޭނެއްގައި ކަމަށާއި އެގޮތުން އެމަނިކުފާނުގެ މޫނާއި ބައެއް އިނގިލަތައް އައްސިވެފައިވާ ކަމަށެވެ.
އަދި އެމަނިކުފާނަށް އަވަސް ފުރުސަތެއްގައި ފަރުވާ ނުދެވިއްޖެ ނަމަ ހާލު ވަރަށް ބޮޑަށް ގޯސްވެދާނެ ކަން ބަޔާންކޮށްފައިވާ އެލިއުމުގައި އިތުރަށް ބުނެފައިވަނީ އެމަނިކުފާނުގެ ފަރުވާއަށް ސަރުކާރުން ހަމަޖެއްސެވި މިނިވަން ދެ ޑޮކްޓަރުން ލަފާ ދެއްވާފައި ވަނީ ނަޝީދުގެ މައިބަދައިގެ މައިކްރޯސާޖަރީއެއް ހެދުމަށް ކަމަށެވެ. ނަމަވެސް އެއީ ރާއްޖޭގައި ދެވެން ނެތް ފަރުވާއެއް ކަމަށްވީ އިރު އެމަނިކުފާނު ރާއްޖެއިން ބޭރަށް ގެންދިއުމަށް ރައީސް އަބްދުﷲ ޔާމީން ދެކޮޅު ހައްދަވާފައިވާ ކަމަށް ލިއުމުގައި ވެއެވެ.
ރައީސް ނަޝީދުގެ ބޭސް ފަރުވާ އަށް އެމަނިކުފާނު ރާއްޖެއިން ބޭރަށް ނުފޮނުވުމަކީ އެމަނިކުފާނު އަވަހާރަކޮށްލުމުގެ ނިޔަތުގައި ކުރާ ކަމެއްގެ ގޮތުގައި ސިފަ ކުރެވޭ ކަމަށާއި އެމަނިކުފާނާ މެދު މިގޮތަށް ކަންތައްވެ ނިމެންދެން ދުނިޔެއިން އެކަމާ އަޅާނުލައި ތިބެގެން ނުވާނެ ކަމަށް ލިޔުމުގައިވެ އެވެ.
ނަޝީދުގެ އާލާސްކަންފުޅަކީ ފުރާނައަށް ގެއްލުމެއްވާނެ ފަދަ އާލާސްކަންފުޅެއް ނޫން - އުމަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ