ޤަވައިދާ ޚިލާފަށް ބޭރު ފައިސާ ގަނެ ވިއްކުމުގައި ޝާމިލުވެ އުޅެމުންދިޔަ ދެ ބިދޭސީއަކު، 18 އޯގަސްޓް 2015 ވަނަ ދުވަހު ޑިޕާޓްމެންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަނުން އެޑިޕާޓްމެންޓްގެ ބެލުމުގެ ދަށުގައި ބަންދު ކުރީ ޤަވައިދާ ޚިލާފަށް ކަމަށް ކްރިމިނަލް ކޯޓުން ކަނޑައަޅައިފިއެވެ.
ހައްޔަރު ކޮށްފައިވަނީ ސައިފުލް އިސްލާމް ކިޔާ މީހަކާއި، އޭނާގެ ބޭބެ ޝަހް ޖަހާންއެވެ.
މީގެ ތެރެއިން ޝާހް ޖަހާންގެ ފަރާތުން ކްރިމިނަލް ކޯޓަށް މައްސަލައެއް ހުށަހަޅައިފައިވާ އިރު، އެ ކޯޓުން ނިންމާފައިވަނީ، ޝާހް ޖަހާންގެ ފަރާތުންނާއި، އިމިގްރޭޝަންގެ ފަރާތުން ދެކެވުނު ވާހަކަތަކަށް ބަލާއިރު، އޭނާ ބަންދުގައި ބަހައްޓަންޖެހޭ ޤާނޫނީ ހަމައެއް ނުވާ ކަމަށެވެ.
ޝާހް ޖަހާން މައްޗަށް ޖިނާޢީ ތުހުމަތެއް ކުރެވޭ އިރު، އޭނާ ބަންދުކުރަން ޖެހޭނީ ޤާނޫނު އަސާސީގެ 46 އަދި 48 ވަނަ މާއްދާގައި ވާ ގޮތުން ކަމަށް ވާ އިރު އޭނާ ބަންދުކޮށްފައިވަނީ އެ ދެމާއްދާއާ ޚިލާފަށް ކަމަށްވެސް ކްރިމިނަލް ކޯޓުން ނިންމާފައިވެއެވެ.
ޝާހް ޖަހާންގެ އަތުން ފައިސާއާއި، ބޭންކް އޮފް މޯލްޑިވްސްގެ ފަސް ޗެކާއި ސްޓޭޓް ބޭންކް އޮފް އިންޑިޔާގެ ޗެކަކާއި އަދި ބަންގްލަދޭޝްގެ އުއްތާރަ ބޭންކުގެ ޗެކެއް ފެނިފައިވާ އިރު، އޭނާގެ ކޮއްކޮ ސައިފުލް އިސްލާމްގެ އަތުން އޭނާގެ ނަމުގައި އޮތް ދެ ކްރެޑިޓް ކާޑާއި، ބިދޭސީއެއްގެ ކްރެޑިޓް ކާޑާއި ދިވެއްސެއްގެ ކްރެޑިޓް ކާޑާއި، ބޭންކް އޮފް މޯލްޑިވްސްގެ ހަތަރު ޗެކާއި މޯލްޑިވްސް އިސްލާމިކް ބޭންކްގެ ހަތަރު ޗެކް ފެނިފައިވާ ކަމަށް އިމިގްރޭޝަނުން މީގެ ކުރިން ބުނެފައިވެއެވެ.
އިމިގްރޭޝަނުން ބިދޭސީއަކު ޤާނޫނާއި ޚިލާފަށް ބަންދުކުރި ކަމަށް ކްރިމިނަލް ކޯޓުން ކަނޑައަޅައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ