ވަރަށް ބާރު ދުވެލީގައި ދަތުރުކުރަނިކޮށް މެމްބަރު ޔާމިންގެ ލޯންޗު ހުއްޓުވައިފި

ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެމްބަރު ޔާމިން ރަޝީދުގެ ލޯންޗެއް، ވަރަށް ބާރު ދުވެލީގައި ދުއްވާފައި ދަނިކޮށް ހުއްޓުވައި، އެ ލޯންޗު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
މި ލޯންޗަކީ މެމްބަރު ޔާމިންގެ ނަމުގައި ރަޖިސްޓަރކޮށްފައިވާ ލޯންޗެއް ކަން "ވަގުތަށް" ވަނީ ކަށަވަރު ވެފައެވެ.
ބާރު ސްޕީޑުގައި މި ލޯންޗު ދުއްވާފައި ދަނިކޮށް، މިރޭ 21:20 ހާއިރު މާލެ ކައިރިން އެ ލޯންޗު ފުލުުންގެ ބެލުމުގެ ދަށަށް ގެންދިޔަކަން ފުލުހުން ވަނީ "ވަގުތަށް" ވިދާޅުވެފައެވެ. ނަމަވެސް އެ ލޯންޗުގައި ފުރިހަމަކުރަންޖެހޭ ސަލާމަތީ ކަންކަން ފުރިހަމަ ނުކޮށް ހުރިކަން ފާހަގަވެފައިވާ އިރު، ލޯންޗު ދުއްވަން ހުރީ ކަނޑު އުޅަނދު ދުއްވުމުގެ ލައިސެންސް އޮތް މީހެއް ނޫންކަމާށް ވެސް ފުލުހުން ވިދާޅުވިއެވެ.
މެމްބަރު ޔާމީންގެ ލޯންޗު މިރޭ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވި، މި ވާހަކަ ގިނަ ބަޔަކު ސޯޝަލް މީޑިޔާގައި ދައްކަމުންދާ އިރު، ޔާމީން މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ "ބައެއް މީހުންގެ ވަޒީފާއަކީ ދޮގު މަޢުލޫމާތާއި ހޮޅި ވާހަކަ ފެތުރުން" ކަމަށެވެ.
އެހެން ނަމަވެސް، ޔާމިންގެ ލޯންޗު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމާއި މެދު، ސީދާ ގޮތެއްގައި އެއްޗެއް ވިދާޅުވެފައެއް ނެތެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ