ރ.އަތޮޅުގައި ކުރިއަށްގެންދާ މަޝްރޫއުތައް ބާރު ސްޕީޑް ކުރިއަށްދާ ކަމަށް އުނގޫފާރު ދާއިރާގެ ކައުންސިލަރު ޔޫސުފް ސަލީމު ވިދާޅުވެއްޖެއެވެ.
ދާއިރާގެ ވާހަކަ ޕްރޮގްރާމަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި ޔޫސުފް ވިދާޅުވީ އުނގޫފާރު ދާއިރާގައި ހިމެނޭ ހުޅުދުއްފާރާއި، މާކުރަތުގައި ހިންގާ މަޝްރޫއުތައް ކުރިއަށްދާ ކަމަށާއި، ރައްޔިތުން ތިބީ ހިތްހަމަޖެހިގެން ކަމަށެވެ.
އެގޮތުން އުނގޫފާރުގެ މަގު ހެދުމުގެ މަޝްރޫއު ކުރިއަށްދާ ކަމަށާއި، މިހާރު ކުރިއަށް ދަނީ މަގުތަކަށް ފަސް އެޅުމާއި އެއްވަރު ކުރުމުގެ މަސައްކަތް ކަމަށް ޔޫސުފް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މަގުތަކުގެ ޕޭމަންޓް ހަދާ ނިމިފައިވާ ކަމަށާއި، މަގުތަކުގައި ވަރަށް އަވަހަށް ތާރު އަޅަން ފަށާނެ ކަމަށެވެ. އަދި ތާރު އެޅުމަށް ބޭނުންވާ އާލަތްތައް އެރަށަށް ގެނެސްފައިވާ ކަމަށް ޔޫސުފް ވިދާޅުވިއެވެ.
މަގުގެ ހެދުމުގެ މަޝްރޫއު ކުރިއަށް ގެންދާތާ ދެއަހަރަށް ވުރެ ގިނަ ދުވަސްވެފައިވާކަން ފާހަގަކުރައްވާ ޔޫސުފް ވިދާޅުވީ ތަފާތު އެކި ސަބަބުތަކާއި ހުރެ މަގު ހެދުމުގެ މަސައްކަތް ހުއްޓުނު ނަމަވެސް މިހާރު ބާރު ސްޕީޑްގައި ކުރިއަށްދާ ކަމަށެވެ. އަދި އުންމީދު ކުރަނީ ކައިރި މުސްތަގުބަލެއްގައި މިމަޝްރޫއު ނިމުން ކަމަށް އޭނާ ވިދާޅުވިއެވެ.
ޔޫސުފް ވިދާޅުވީ އަފްރާޝިމްގެ ހަނދާނުގައި ބިނާ ކުރާ މިސްކިތުގެ މަސައްކަތް ވެސް ކުރިއަށްދާ ކަމަށެވެ.
ކުޅިވަރު ކުޅޭ ޒުވާނުންނަށް ޚާއްސަކޮށް ގިނަ މަސައްކަތްތަކެއް ކުރާކަން ފާހަގަކުރައްވައި ޔޫސުފް ވިދާޅުވީ އުނގޫފާރު ފުޓްސަލް ދަނޑު ބޭނުން ކުރަން ފަށާފައިވާ ކަމަށާއި، ހުޅުދުއްފާރުގެ ފުޓްސަލް ދަނޑުގެ މަސައްކަތް ވެސް ނިމެން ކައިރިވެފައިވާ ކަމަށެވެ. މީގެ އިތުރުން މިދެރަށުގެ ފެނާއި ނަރުދަމާގެ މަޝްރޫއުގެ ވެސް 95 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
މާކުރަތުގެ ތަރައްގީގެ މަޝްރޫއުތަކަށް އަލިއަޅުއްވައި ވާހަކަދައްވަމުން ޔޫސުފް ވިދާޅުވީ އެރަށުގައި ޕަބަލިކް ވޯރކްސް ޔުނިޓެއް ގާއިމް ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި،ފެނާއި ނަރުދަމާގެ އަމަލީ މަސައްކަތް ފަށާއިފައިވާ ކަމަށެވެ. އަދި އެރަށުގައި އަޅަމުންދާ ފުޓްސަލް ދަނޑު ނިމުމަކާ ހަމައަށް ގޮސްފައިވާ ކަމަށެވެ.
ޔޫސުފް ވިދާޅުވީ އުނގޫފާރު ދާއިރާގެ ރައްޔިތުން މިއަދު އެންމެ ބޭނުންވަނީ އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް ގިނަ ޚިދުމަތްތަކެއް ލިބިގެން ދިއުން ކަމަށެވެ. އެގޮތުން މާލެ ނުގޮސް ބޮޑެތި ބަލިތަކަށް ވެސް ޚިދުމަތް ލިބިގެން ދިއުން ކަމަށް އޭނާ ވިދާޅުވިއެވެ.
"މިހާރު ހޮސްޕިޓަލުން ލިބޭ ޚިދުމަތްތަކަށް ބަލާއިރު ޑައެލިސިސް ހައްދަވާ ބޭފުޅުން. އެބޭފުޅުން އަތޮޅުގައި ތިއްބަވައިގެން ޑައެލިސިސް އެބަ ހެދޭ. އަޅުގަނޑު ބަލަނީ އެއީ ރައްޔިތުންނަށް ލިބިގެން ދިޔަ ލުއެއް ކަމަށް ލިބިގެން ދިޔަ. މާބަނޑު އަންހެނުން ސްކޭން ކުރުމުގެ ޚިދުމަތް ލިބޭ. ކުދި ކުދި އޮޕްރޭޝަން. ހަމުގެ ބަޔަށް ނާރަށް ކައްޓަށް ބައްޔަށް ފަރުވާ. ޑޮކްޓަރުން ޗުއްޓީ ނަގައިގެން ދިޔައިމަ ޑޮކްޓަރު ނުލިބުނު ދަތިކަން. ޖާގަ ބޮޑުވުމުގެ ސަބަބުން ގިނަ ބަޔަކަށް އެބަ ޚިދުމަތްތައް ލިބޭ. މިހާރު ހޮސްޕިޓަލްގެ ޚިދުމަތް ފުޅާ ކުރުމުގެ ގޮތުން ޕްރައިވެޓް ރޫމްތަކެއް ހެދުމަށް ހަވާލުކޮށްފައި." ޔޫސުފް ވިދާޅުވިއެވެ.
އުނގޫފާރު ބިމުގެ ދަތިކަން ވަރަށް ބޮޑަށް ކުރިމަތިވެފައިވާކަން ފާހަގަކުރައްވައި ޔޫސުފް ވިދާޅުވީ އުނގޫފާރުގައި ބިން ހިއްކޭނެ ބޮޑު ސަރަހައްދެއް އެބައޮތް ކަމަށެވެ. އުންމީދު ކުރަނީ ބިން ހިއްކުމުގެ މަޝްރޫއު ވެސް ކުރިއަށް ގެންދެވި ބިމު ދަތިކަން ހައްލުވެގެން ދިއުން ކަމަށެވެ.
ޔޫސުފް ވިދާޅުވީ ރ.އަތޮޅުގައި ހިންގާ ގިނަ މަޝްރޫއުތައް ކުރިއަށް ގެންދާ ކަމަށާއި، އެމަޝްރޫއުގެ ދަށުން ގިނަ އިތުރު ވަޒީފާތައް އުފެދިގެންދާނެ ކަމަށެވެ.
ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
ރ. އަތޮޅުގައި ކުރިއަށްގެންދާ މަޝްރޫއުތައް ބާރު ސްޕީޑް ކުރިއަށްދޭ: އުނގޫފާރު ދާއިރާގެ ކައުންސިލަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ