ދެވަނަ ބުރުން ޖާގަހޯދުމުގެ ގާބިލްކަން އެބަހުރި: ތުރުކީޔޭގެ ކޯޗު

ފީފާ ވާރލްޑް ކަޕް ގްރޫޕް ޑީ އަކީ އެގްރޫޕްގައި ހިމެނޭ ހަތަރު ޓީމަށްވެސް ދެވަނަ ބުރުން ޖާގަހޯދުމުގެ ގާބިލްކަން އޮތް ވަރަށް ހަމަހަމަ ގްރޫޕެއް ކަމުގައި ތުރުކީޔޭގެ ކޯޗު ވިންސެންޒޯ މޮންޓެލާ ހާމަކޮށްފިއެވެ.
މޮންޓެލާ މިކަން ހާމަކޮށްފައިވަނީ ގްރޫޕް ޑީގައި އޮސްޓްރޭލިއާ އާއި ދެކޮޅަށް ކުޅޭ ފުރަތަމަ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުންނެވެ.
މިމެޗަށް ތުރުކީޔޭ މިނިކުންނަނީ ވޯލްޑް ކަޕާއި ދުރުގައި 24 އަހަރު ހޭދަކުރުމަށްފަހުއެވެ. އެހެން ކަމުން މިމުބާރާތުގައި ވާދަކުރާ ކުޅުންތެރިންނަށް ހާއްސަ އިހްސާސް ތަކެއް ކުރެވެނެ ކަމަށާއި ނަމަވެސް އޭނާ ބޭނުންވަނީ އެކަން އެއް ފަރާތްކޮށް ރަނގަޅު ކުޅުމެއް ދައްކާ މުބާރާތުގެ ފެށުން ރަނގަޅު ކުރުމާއެކު ތުރުކީޔޭގެ ރައްޔިތުން ފަހުރުވެރިވާ ވަރުގެ ޓީމަށް އެޓީމު ވުމެވެ. އަދި މިގޮތުން ފުރަތަމަ މެޗަކީ އެންމެ މުހިންމު މެޗު ކަމަށެވެ. އަދި އޮސްޓްރޭލިއާ އާއި ދެކޮޅަށް ކުޅޭ މެޗު ކާމިޔާބު ކުރެވިއްޖެނަމަ ކުރިއަށް ހުރި މެޗުތަކާއި ކުރިމަތިލާއިރު ފަސޭހަ ވެގެންދާނެކަމަށެވެ.
ތުރުކީޔޭއިން އޮސްޓްރޭލިއާބަލިކުރާނެކަމަށް ގިނަ ބަޔަކު ބުނަމުންދިޔަ ނަމަވެސް އޮސްޓްރޭލިއާގެ ކޯޗު ޓޯނީ ޕޮޕޮވިޗް ހާމަކުރިގޮތުގައި އޭނާގެ ޓީމު އޮތީ އެޓީމާއި މެދު ސުވާލު އުފައްދާ ފަރާތްތަކަށް ރަނގަޅު ރައްދެއް ދިނުމަށް ފުރިހަމައަށް ތައްޔާރުވެފައެވެ. އަދި އޮސްޓްރޭލިއާއިން މަސައްކަތް ކުރާނީ ތުރުކީޔޭގެ ފެށުން ރަނގަޅަށް ދިޔަނުދީ މެޗުގައި ރަނގަޅު ކުޅުމެއް ދައްކާ މޮޅުވުމަށެވެ.
ތުރުކީޔޭއިން ވޯލްޑް ކަޕުން 24 އަހަރަށް ފަހު ޖާގަހޯދި ނަމަވެސް އޮސްޓްރޭލިއާއަކި ވޭތުވެދިޔަ ހަ މުބާރާތުންވެސް ގަވައިދުން ޖާގަހޯދާފައިވާ ޤައުމެކެވެ. މިދެޓީމު ބައްދަލުކުރާ މެޗު ފެށުމަށް ހަމަޖެހިފައިވަނީ މާދަމާ ހެނދުނު ރާއްޖޭ ގަޑިން 9 ޖަހާއިރުއެވެ. މިގްރޫޕްގައި ދެން ހިމެނޭ ދެޓީމް ކަމަަށްވާ އެމެރިކާ އާއި ޕެރަގުއާއީ މިއަދު ހެނދުނު ބައްދަލުކުރި މެޗު 4 ލަނޑު އެއް ލަނޑުން ކާމިޔާބުކޮށް އެމެރިކާއިން ވަނީ ފެށުން ރަނގަޅުކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ