އިރުމަތީ އޭޝިއާގައި އެބޯލާ ފެތުރިދާނެ ކަމުގެ އިންޒާރު ޑަބްލިއުއެޗްއޯ އިން ދީފި

އިރުމަތީ އޭޝިއާގެ ގައުމުތަކަކީ ވިޔަފާރި އާއި ދަތުރުފަތުރުގެ ހަބެއް ކަމަށާއި އަދި ހިޖުރަކުރާ މަސައްކަތްތެރިން ގިނަ ސަރަހައްދެއް ކަމުން އެބޯލާގެ ނުރައްކާ އިރުމަތީ އޭޝިއާ އަށް ވަރަށް ބޮޑު ކަމަށާއި އިރުމަތީ އޭޝިއާގައި އެބޯލާ ފެތުރިދާނެ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯ އިން މިއަދު ދީފިއެވެ.
ޑަބްލިއުއެޗްއޯ އިން ހުޅަނގު ޕެސިފިކް ސަރަހައްދަށް ކަނޑައަޅާފައި ހުންނަ ރީޖަނަލް ޑައިރެކްޓަރ ޝިން ޔަންގ-ސޫ ވިދާޅުވީ އިރުމަތީ އޭޝިއާގެ ގައުމުތަކުގައި މީގެ ކުރިން ސާސް ރޯގާ ފެތުރިގެން ދިއަ ގޮތައް އެބޯލާ ފެތުރުމުގެ ފުރުސަތު އެބަ އޮތް ކަމަށެވެ.
އެހެންކަމުން ސާސް ފެތުރުނު ގޮތައް އެބޯލާ ފެތުރުނަ ނުދިނުމަށްޓަކައި ގައުމުތަކުން ވަރަށް ފުރިހަމައަށް ތާއްޔާރުވާންޖެހޭ ކަމަށާއި ހުރިހާ ގައުމަކުން ވެސް ޑަބްލިއުއެޗްއޯގެ ސަރަހައްދީ އޮފީސް ތަކަށާއި ޑަބްލިއުއެޗްއޯގެ މައި އޮފީހަށް މައުލޫމާތުތައް ހިއްސާ ކުރަމުން ގެންދަން ޖެހޭނެ ކަމަށް ޝިން ވިދާޅުވިއެވެ.
"ސިންގަޕޫރު، ހޮންކޮން. އަދި ފިލިޕީންސް ފަދަ ގައުމުތަކަކީ އެތައް ބަޔަކު ދަތުރުކުރާ ގައުމުތައް. އަދި އެއީ އިޤުތިޞާދީ ގޮތުން މުހިންމު މަސައްކަތްތަކެއް ހިނގަމުން ގެންދާ ގައުމުތަކެއް. ފިލިޕީންސްގެ ގިނަ އަދަދެއްގެ މަސައްކަތްތެރިން ދުނިޔޭގެ އެކި ހިސާބުތަކުގައި މަސައްކަތް ކުރޭ. މިއީ އެބޯލާ ފަސޭހައިން އިރުމަތީ އޭޝިއާގައި ފެތުރުމަށް އޮތް ފުރުސަތެއް." ޝިން ވިދާޅުވި އެވެ.
ސާސް ރޯގާ ފަދައިން އެބޯލާ ފެތުރިދާނެ ކަމުގެ އިންޒާރު ޑަބްލިއުއެޗްއޯ އިން ދީފައި ވާއިރު 2002 ވަނަ އަހަރު ސާސް ރޯގާ ޖެހިގެން އަށްސަތޭކަ އެއްހާ މީހުން މަރުވި އެވެ. އަދި އަށްހާހެއްހާ މީހުންނަށް ސާސް ޖެހުނެވެ.
ޑަބްލިއުއެޗްއޯގެ ތަފާސްހިސާބުތައް ދައްކާ ގޮތުން އެބޯލާ މިފަހަރު ފެތުރެން ފެށިފަހުން މިހާތަނަށް 3800 މީހުން ވަނީ މަރުވެފައެވެ.
އެބޯލާ އަށް އަދި މީހާތަނަށް ބޭހެއް ހޯދިފައި ނުވާއިރު އެމެރިކާ އާއި އިނގިރޭސިވިލާތުން މިހާރު ގެންދަނީ އެބޯލާ އަށް ތައްޔާރުކުރި ވެކްސިން އެއް އިންސާނުންނަށް ޓެސްޓް ކުރަމުންނެވެ. މިޓެސްޓްތައް ކާމިޔާބުވި ނަމަވެސް އިންސާނުންނަށް މިވެކްސިން ބޭނުންކުރެވޭ ވަރުވާނީ އަންނަ އަހަރުގެ ޖެނުއަރީ ހިސާބުގައި ކަމަށް އޮފިޝަލުން ވިދާޅުވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ