ސަރުކާރު ހިންގާ ކޯލިޝަން ދެމެހެއްޓުމަށްޓަކައި ޕީޕީއެމް އަބަދުވެސް އޮންނާނީ ތައްޔާރަށް ކަމަށާއި، ޕީޕީއެމްއިން ޖުމްހޫރީ ޕާޓީއާ އެކު މަޝްވަރާތައް ކުރުމަށް މިހާރުވެސް އޮތީ ތައްޔާޜަށް ކަމަށް ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެ އެވެ.
ސަމޯއާގައި ކުރިޔަށް ދިޔަ ތަރައްޤީ ވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުގެ (އެސްއައިޑީއެސް) ސަމިޓް ނިންމަވާލެއްވުމަށް ފަހު މިރޭ އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުގައި، ނޫސްވެރިންނާ ވާހަކަ ދައްކަވަމުން މައުމޫން ވިދާޅުވީ، މަޝްވަރާ ކޮށްގެން ކަންކަން ހައްލު ކުރުމަކީ ޕީޕީއެމް އެންމެ ކުރިންވެސް ޤަބޫލުކުރާ އުސޫލު ކަމަށާއި، މިހާރުވެސް އެ ޕާޓީއިން ކަންތައް ކުރަނީ އެ އުސޫލުގެ މަތިން ކަމަށެވެ.
"މިއީ އަޅުގަނޑުމެންގެ ޕާޓީއިން އަބަދުވެސް ކަންތައް ކުރާ އުސޫލު. މިހާރުވެސް ހަމަ އެ އުސޫލުން ކަންތައް ކުރަމުން ދަނީ." މައުމޫން ވިދާޅުވި އެވެ.
މައުމޫން ވިދާޅުވީ، މާދަމާއިން ފެށިގެން ވެސް ފުރުސަތެއް ލިބިއްޖެ ނަމަ ޕީޕީއެމްއިން އެ ފުރުސަތުގެ ބޭނުން ހިފާނީ އުފަލާއި އެކުގައި ކަމަށެވެ.
މައުމޫން ވިދާޅުވީ، ސަރުކާރު އަދި ޕީޕީއެމްގެ ތެރޭގައި ވެސް އެއްވެސް ކަހަލަ މައްސަލައެއް ނެތް ކަމަށާއި، ނަމަވެސް ބައެއް ކަންކަމުގައި ޚިޔާލު ތަފާތުވުމަކީ ވާނެ ކަމެއް ކަމަށެވެ.
"ޚިޔާލު ތަފާތުވުމަކީ ޠަބީޢީ ކަމެއް، ކޮންމެ ޖަމާޢަތެއްގެ ތެރޭގައި ވެސް. އެހެން ނަމަވެސް އަޅުގަނޑުމެންގެ އުސޫލުތަކަށް އެއްބަސްވަން. ސިޔާސަތުތަކަށް އެއްބަސްވަން. އެ ސިޔާސަތުތަކަށް އަމަލު ކުރުމުގައި އަވަސް ލަސްމިނާއި، އިސްކަން ދޭން ޖެހޭނީ ކޮން ކަމަކަށް ކަމާއި، މިފަދަ ކަންކަމުގައި ޚިޔާލު ތަފާތުވާނެ. ވާންވެސް ޖެހޭނެ." މައުމޫން ވިދާޅުވި އެވެ.
ރައީސް މައުމޫން ސަމޯއާއަށް ވަޑައިގަތުމުގެ ދުވަސްކޮޅެއް ކުރިން، ސަރުކާރުން ވަނީ ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހީމްގެ ވިލާ ގްރޫޕްގެ ބައެއް ވިޔަފާރި ސަބްސިޑަރީ ކުންފުނިތަކާ ދޭތެރޭގައި އެކިއެކި ސަބަބުތަކާ ހުރެ ފިޔަވަޅު އަޅުއްވާފަ އެވެ. އެގޮތުން، ޤާސިމްއަށް ދަނޑުވެރިކަން ކުރުމަށް ދެވިފައިވާ ރަށެއް އަނބުރައި ނަންގަވައި، މާމިނގިލީގައި ހުންނަ ވިލާ އިންޓަނޭޝަނަލް އެއާޕޯޓް، އަލުން ޑޮމެސްޓިކް އެއާޕޯޓަކަށް ބަދަލުކުރުން ފަދަ ކަންކަން ހިމެނެ އެވެ.
ރައީސް މައުމޫން ސަމޯއާއަށް ވަޑައިގަތުމުގެ ކުރިން ނޫސްވެރިންނާ ބައްދަލުކުރައްވައި ވިދާޅުވީ، އެމަނިކުފާނު މާލެ ވަޑައިގަތުމަށް ފަހު ޤާސިމްއާ ބައްދަލުކުރައްވައި، މަޝްވަރާ ކުރައްވާނެ ކަމަށެވެ.
ކޯލިޝަން ދެމެހެއްޓުމަށް ޕީޕީއެމް އަބަދުވެސް އޮތީ ތައްޔާރަށް - މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ