"ދިވެހިންގެ އަޑު ރައްޔިތުން ފަނާވަނީ"ގެ ނަމުގައި ހަރަކާތެއް ފަށައިފި

ސަރުކާރުގެ ބައެއް ސިޔާސަތުތަކާއި ގުޅިގެން ރައްޔިތުންނަށް ބޮޑެތި ތަކްލީފް ތަކެއް އުފުލަންޖެހިފައިވާ ކަމަށް ބުނެ "ދިވެހިންގެ އަޑު ރައްޔިތުން ފަނާވަނީ" ގެ ނަމުގައި އަމިއްލަ ބަޔަކު ހަރަކާތެއް ހިންގަން ނިންމައިފި އެވެ.
މި ހަރަކާތް ކުރިއަށް ގެންދިއުމަށް ނިންމާ އެކަން އިއުލާންކުރީ ޗަމްޕާ ސެންޓްރަލް ހޮޓެލްގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ.
ނޫސްވެރިންގެ މިބައްދަލުވުމުގައި މައުލޫމާތު ދެއްވި ބޭފުޅުން ބުނީ ސަރުކާރުގެ ނިންމުންތަކާއި ގުޅިގެން ކަރަންޓާއި ކާޑުގެ އަގު ބޮޑުވެ ރައްޔިތުންނަށް ކެއިންބުއިމަށް ދަތިވެފައިވާ ކަމަށެވެ. އަދި އާންމުކޮށް އެންމެންނަށް ހުސްނުވާ އާސަންދަ ދިނުމުގެ ބަދަލުގައި ދައުލަތުގެ ސަބްސިޑީއަށް އެދިފައިވާ މީހުންނަށް އެކަނި ހުސްނުވާ އާސަންދަ ސަރުކާރުން ހަމަޖައްސަން މަސައްކަތް ކުރަމުންދާ ކަމަށްވެސް ބުންޏެވެ.
އެމީހުން ބުނީ ރާއްޖެއަށް އެތެރެކުރާ ބައެއް އައިޓަމް ތަކުން ކުރިއަށް ދުވަސްތަކުގައިވެސް އިތުރު ޓެކްސް ނެގުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން ތެލުން ނަގާ ޓެކްސް އަންނަ އަހަރުގެ ތެރޭގައި ބޮޑުކުރަން ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށްވެސް ބުނެ އެވެ.
މީގެއިތުރުން ޝަރުއީ ދާއިރާއަށް ސަރުކާރުން ނުފޫޒު ފޯރުވާތީ ގައުމުގައި އަދުލު އިންސާފު ގެއްލިގެން ގޮސްފައިވާ ކަމަށްވެސް އެމީހުން ބުންޏެވެ. އަދި ސަރުކާރުގެ ތެރެއިން ގާނޫނު އަސާސިއާ ގާނޫނުތަކާއި ހިލާފު އަަމަލުތައް ތަކުރާރުކޮށް ހިންގަމުންދާ ކަމަށްވެސް ބުންޏެވެ.
އެމީހުން ބުނީ "ދިވެހިންގެ އަޑު ރައްޔިތުން ފަނާވަނީ" މިޕްރޮގްރާމުގެ ދަށުން ހިންގާ ހަރަކާތްތައް ފަށާނެ ދުވަހެއް ފަހުން އިއުލާންކުރާނެ ކަމަށެވެ. އަދި މިހަރަކާތުގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިވުމަށް އެދޭ ކަމަށްވެސް ވަނީ ބުނެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ