ރައީސް ނަޝީދުގެ ނުފޫޒުން އެމްޑީޕީ ސަލާމަތް ކުރުމަށް މިއަދު ހަވީރު މުޒާހަރާ ކުރާނަން: އަލްހާން

ރައީސް ނަޝިދުގެ ނުފޫޒުންނާއި އެމްޑީޕީން ކުރަމުންދާ ޑިމޮކްރަސީއާ ހިލާފު ކަންތައްތައް ހަމަ މަގަށް އެޅުވުމަށްޓައި މިއަދު ހަވީރު ރާޅުގަނޑު ސަރަހައްދުގައި މުޒާހަރާކުރާނެކަމަށް އެމްޑީޕީގެ ކުރިގެ ނާއިބު ރައީސް އަލްހާން ފަހުމީ ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުން މިދިއަ ހަފްތާގައި އިތުބާރުނެތް ކަމަށް ވޯޓް ނަގާ އަދި އެމްޑީޕީގެ ނާއިބު ރައީސް ކަމުން ވަކިކޮށްފައިވާ އަލްހާން ވިދާޅުވީ އޭނާ އެމްޑީޕީން ވަކިނުވާނެ ކަމަށާއި އެމްޑީޕީ ހަމަ މަގަށް އަޅުވާނެކަމަށެވެ.
"އަޅުގަނޑު މިހުރީ އެމްޑީޕީއާއެކު. އެމްޑީފީން ކުރަމުންދާ ޑިމޮކްރަސީއާ ހިލާފު ކަންތައްތައް ރަނގަޅުކުރާން ބޭނުންވަނީ. އެކަން އަޅުގަނޑު މިއަދުން ފެށިގެން މި ފަށައިގަންނަނީ. މިއަދު ހަވީރު ރާޅުގަނޑު ސަރަހައްދުގައި އަޅުގަނޑު އެކަނި ނަމަވެސް އެމްޑީޕީ އިސްލާހު ކުރުމަށްޓަކައި މުޒާހަރާ ކުރާނަން." އަލްހާން ވިދާޅުވިއެވެ.
މިއަދު މެންދުރު ނަލަހިޔާ ހޮޓަލުގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި އަލްހާން ވަނީ ރައީސް ނަޝީދުއަށް ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށްފައެވެ. އަދި ރައީސް ނަޝީދު ރިޔާސީ ކެނަޑިޑޭޓަކަށް ލައިގެން ދިވެހިރައްޔިތުން މިހާރު ބަލައި ނުގަންނާނެ ކަމަށްވެސް އަލްހާން ވިދާޅުވިއެވެ.
އަލްހާން އިތުރަށް ވިދާޅުވީ އެމްޑީޕީގައި ހުރި މައްސަލަތައް ހައްލުކުރުމަށްޓަކައި ރައީސް ނަޝީދުއާ ވާހަކަދައްކައިގެން ހައްލުކުރުމަށްތައްޔާރަށް ހުންނެވިކަމަށެވެ.
ރައީސް ނަޝިދުގެ ވެރިކަން ބަދަލުވިފަހުން އެމްޑީޕީގެ ރައީސް ޑރ.ޑީޑީ އާއި އަލްހާން ފަހުމީގެ ސަބަބުން ޕާޓީއަށް ގެންލުންތަކެއް ވާކަމަށް ބުނެ އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރެއް އެމްޑީޕީގެ ރައީސް އާއި ނާއިބު ރައީސްގެ އިތުބާރުނެތް ކަމަށް މަޖީލީހަށް ގަރާރެއް ހުށަހެޅުމުން ގައުމީ މަޖިލީހުގެ އަގުލަބިއްޔަތުން އެ ދެ ބޭފުޅުންގެ އިތުބާރުނެތްކަމަށް ފާސްވެގެން ޑރ.ޑީޑީ އާއި އަލްހާން މަގާމު ވަނީ ގެއްލިފައެވެ.
ޑރ.ޑީޑީ އާއި އަލްހާނު ފަހުމީ ގެ އިތުބާރުނެތް ކަމުގެ ވޯޓު ނެގުމުގެ ކުރިންނާއި އަދި ފަހުންވެސް އެ ދެ ބޭފުޅުން އެކުގަ އާއި އަދި ވަކިވަކިންވެސް ވަނީ އެންޑީޕީ އާ އިދިކޮޅު ސިޔާސީ އިސްލީޑަރުންނާއި ރާއްޖޭގެ ބޮޑެތި ވިޔަފާރިވެރީންނާ ބައްދަލުކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ