ތިން ވަނައިގެ ވާހަކަ ދައްކާކަށް ނުޖެހޭ: ގާސިމް

ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބަކީ ރައްޔިތުން ބަލައިގެންނަ އިންތިހާބަކަށް ހަދައި ދިނުމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމް އިލެކްޝަންސް ކޮމިޝަނަށް ގޮވާލައްވައިފި އެވެ.
ޖުމްހޫރީ ގުޅުމުން މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ގާސިމް ވިދާޅުވީ، ހޮނިހިރު ދުވަހު ބާއްވާ އިންތިހާބަކީ ރައްޔިތުން ބަލައިގެންނަ އިންތިހާބަހަށް ހަދަން ސުޕްރީމް ކޯޓުން ކަނަޑައަޅާފައިވާ ގައިޑްލައިނާ އެއްގޮތަށް އިންތިޒާމްތައް ރޭވުމަކީ ވަރަށް މުހިންމު ކަމެއް ކަމަށާއި އެ ގައިޑްލައިންގެ ތެރެއިން ވޯޓާސް ލިސްޓުގައި ރިޔާސީ ކެންޑިޑޭޓުންނާއި މަންދޫބުން ސޮއި ކުރުމަކީ އެންމެ މުހިންމު އެއްކަން ކަމަށާއި، ސެޕްޓެމްބަރު މަހުގެ ހަތް ވަނަ ދުވަހު ބޭއްވުނު އިންތިޚާބު ބާތިލް ކުރަންޖެހުނު އެންމެ ބޮޑު ސަބަބަކީ ވެސް ވޯޓާސް ލިސްޓު ދައްކަން އިލެކްޝަނުން ދެކޮޅު ހަދައި ލިސްޓުގައި ބޮޑެތި މައްސަލަތަކެއް ހުރިކަން ފާހަގަވުމުން ކަމަށެވެ.
ގާސިމް ވިދާޅުވީ ވޯޓާސް ލިސްޓުގައި ކެންޑިޑޭޓުން ސޮއި ކުރައްވާނީ ވަރަށް ބޮޑަށް ބެއްލެވުމަށް ފަހު ކަމަށާއި ދެފުށް ފެންނަ ގޮތަކަށް އިންތިހާބު ގެންދެވޭނީ ލިސްޓުގެ ސައްހަ ކަމަށް ބަލައިގެން ކަމަށެވެ. އަދި ވޯޓާސް ލިސްޓުގެ އިތުރުން ވޯޓު ފޮށި ކައިރީ ހަރަކާތްތެރިވާ އޮފިޝަލުންނަކީ އެކަށީގެންވާ ތަމްރީން ލިބިފައިވާ ބަޔަކަށް ވާންޖެހޭ ކަމަށް ގާސިމް ވިދާޅުވި އެވެ.
"އަޅުގަނޑު ގޮވާލަން މި އިންތިހާބަކީ ދެފުށް ފެންނަ އިންތިހާބަކަށް ހެދުމަށް. އެގޮތަށް ކުރިޔަށް ގެންދަން އެންމެ ފުރަތަމަ ކުރަންޖެހޭ ކަމަކީ، ވޯޓާސް ލިސްޓުގެ ސައްހަކަން ކަށަވަރު ކުރުން. އޮބްޒާވަރުންނާއި މޮނިޓަރުންނަށް ވޯޓު ފޮށި ކައިރީ ހިނގާ ނުހިނގާ އެނގެންޖެހޭ. އޮފިޝަލުންނަށް ވެސް އެބަޖެހޭ އެކަށިގެންވާ ރަނގަޅު ތަމްރީން ދެވެން. ބައެއް ފަހަރު އޮފިޝަލުންގެ ސަބަބުން ވެސް މައްސަލަތައް އެބަ ކުރިމަތިވޭ. އަޅުގަނޑަށް މައުލޫމާތުދިން ކައުންސިލަރަކު ވިދާޅުވި ކެންޑިޑޭޓަކަށް ލިބުނު ވޯޓު އެހެން ކެންޑިޑޭޓަކަށް ޖެހި ވާހަކަ. އެއީވެސް ވިސްނާލުން މުހިންމު ކަމެއް،" ގާސިމް ވިދާޅުވި އެވެ.
ގާސިމް މިރޭ ވިދާޅުވީ އެމަނިކުފާނު މި އިންތިހާބުގައި ތިން ވަނައަށް ވަޑައިގެންފިނަމަ ޕީޕީއެމްއަށް ތާއީދު ކުރައްވާނެ ކަމަށް ވިދާޅު ނުވެގެން ވާހަކަ ދައްކާއިރު، އެކަމުން ވަރަށް ބޮޑު އެއްޗެއް ދޭހަވާ ކަމަށާއި އެއީ ސުޕްރީމް ކޯޓުން ބާތިލް ކުރި އިންތިހާބުން ވެސް ޕީޕީއެމަށް ލިބިފައިވަނީ ތިން ވަނަ ކަމަށެވެ. އަދި ވިދާޅުވީ ހޮނިހިރު އިންތިހާބަށް ދާއިރު ޖުމްހޫރީ ގުޅުމަށް ތާއީދު ކުރާ މީހުން އިތުރުވަމުން އަންނަ ކަމަށާއި، އެހެންކަމުން އިންތިހާބުގައި ދެވަނަ ބުރަށް ދިޔުމުގެ އުންމީދު ބޮޑުވެފައިވާ ދަނޑިވަޅުގައި ތިން ވަނައަށް ގޮސްފިނަމަ ތާއިދު ކުރާނެ ބޭފުޅަކާއި ބެހޭގޮތުން ވާހަކަ ދައްކަން ނުޖެހޭ ކަމަށެވެ.
"މިފަހަރު އަޅުގަނޑުމެންގެ ފަހަތުގައި އެބަތބި ގައުމީ އިއްތިހާދު ޕާޓީގެ މެންބަރުންނާއި އަޅުގަނޑުމެންނަށް ވޯޓުދެއްވި 50 ހާހަށްވުރެ ގިނަ އާންމުން. އަޅުގަނޑުމެން މިފަށަނީ ވެސް 61 ހާހަށްވުރެ ގިނަ ވޯޓާއި އެއްކޮން. އެހެންވީމަ ތިންވަނައަށް ގޮސްފިނަމަ އަދި ހަދާނެ ގޮތަކާބެހޭގޮތުން އަދި ގޮތެއް ނިންމާކަން ނުވޭން ނޫންތޯ،" ގާސިމް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ