މައުމޫން ފައުންޑޭޝަންގެ ޗެއާމަން ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އަނެއްކާވެސް އިންތިހާބުކޮށްފިއެވެ.
ޝީ ބިލްޑިންގުގައި މިރޭ ބޭއްވި މައުމޫން ފައުންޑޭޝަނުގެ ތިންވަނަ އަހަރީ އާންމު ޖަލްސާގައި ހިންގާ ކޮމިޓީގެ އެކިއެކި މަޤާމުތަކަށް ބޭފުޅުން ވަނީ ކަނޑައަޅާފައެވެ.
އެގޮތުން ހިންގާ ކޮމިޓީއާއި އިތުރު ހަ މެންބަރުންގެ މަޤާމަށް، ހޮވަންޖެހޭ އަދަދަށް ވުރެ އިތުރަށް މެންބަރުން ކުރިމަތިލައްވާފައި ނުވާތީ މިބޭފުޅުންނަށް ރުހުން އޮތްތޯ ބެލުމަށް މިރޭގެ ޖަލްސާގައި ވޯޓަށް އެހުމުން އާންމު މެންބަރުން ވަނީ މިހުރިހާ ބޭފުޅުންނަށްވެސް ރުހުން ދެއްވާފައެވެ.
މައުމޫން ފައުންޑޭޝަންގެ ޗެއާމަނަކަށް ރައީސް މައުމޫން އިންތިހާބުކޮށްފައިވާއިރު ވައިސް ޗެއާމަނަކަށް ހޮވާފައި ވަނީ މައުމޫނުގެ ދޮށީ ފިރިހެން ދަރިކަލުން ފާރިސް މައުމޫނެވެ. ޖެނެރަލް ސެކްރެޓަރީއަކަށް އަޙްމަދު އަލިމަނިކު ހޮވާފައިވާއިރު، ހަޒާންދާރަކަށް ހޮވާފައި ވަނީ އާދަމް ނައީމެވެ. އަދި ސެކެޓްރީ އަކަށް ހޮވާފައިވަނީ މުހައްމަދު އިގުބާލެވެ.
މައުމޫން ފައުންޑޭޝަނުގެ މިރޭގެ ޖަލްސާގައި ފައުންޑޭޝަނުގެ އަހަރީ ރިޕޯޓާއި މާލީ ބަޔާން 30 މެމްބަރުންގެ އަގުލަބިއްޔަތުން ވަނީ ފާސްކޮށްފައެވެ.
މިރޭގެ މިޖަލްސާގައި ރައީސް މައުމޫން، ރައީސްކަން ކުރައްވަމުން ގެންދަވާ ޕީޕީއެމްއަށް ސޮއިކުރައްވާފައިވާ ކަމަށް އަޑުފެތުރިފައިވާ ހޯމް މިނިސްޓަރު ޑރ. މުހައްމަދު ޖަމީލް އަހުމަދު ބައިވެރިވެވަޑައިގަތެވެ.
މައުމޫން ފައުންޑޭޝަންގެ ޗެއާމަންކަމަށް މައުމޫން ހޮވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ