ރިޔާސީ ކެންޑިޑޭޓާއިއެކު ތިބެންޖެހޭނީ ނުގުޑާ ފަދަ އަޒުމެއްގައި: މައުމޫން

ޕީޕީއެމްގެ ރިޔާސީ އިންތިހާބު ކޮންމެ ބޭފުޅަކު ކާމިޔާބު ކުރެއްވި ނަމަވެސް އެބޭފުޅެއްގެ ފަހަތުގައި ހުރިހާ މެންބަރުންވެސް ތިބުމަށް ޕީޕީއެމްގެ ރައީސް އަލްއުސްތާޛު މައުމޫން އަބްދުލްޤައްޔޫމް ޕީޕީއެމްގެ އާންމު މެންބަރުންނަށް ގޮވާލައްވައިފިއެވެ.
އެމަނިކުފާނު މިކަމަށް ގޮވާލެއްވީ ޕީޕީއެމްގެ ފުރަތަމަ ޤައުމީ ޖަލްސާ ނިންމުމަށް މިރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް މައުމޫން ވިދާޅުވީ ރިޔާސީ ޓިކެޓް ކާމިޔާބު ކުރައްވާ ބޭފުޅަކާއިއެކު ނުގުޑާ އަޒުމެއްގައި ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ނިކުމެ އެއިންތިހާބު ޕީޕީއެމުން ކާމިޔާބު ކުރަންޖެހޭ ކަމަށެވެ.
ޕީޕީއެމްގެ ޤައުމީ ޖަލްސާއަށްފަހު އެޕާޓީ ބައިބައިވެގެން ހިގައިދާނެ ކަމަށް ބުނެ މީޑިޔާއިން ގެނެސްދީފައިވާ ޚަބަރުތަކާއި ބައެއް ފަރާތްތަކުން ދައްކަމުންގެންދިޔަ ވާހަކަތަކަށް ރައީސް މައުމޫން ވަނީ މިރޭގެ ޖަލްސާގައި ރައްދުދެއްވާފައެވެ.
މައުމޫން ވިދާޅުވީ ޤައުމީ ޖަލްސާއަށްފަހުވެސް ޕީޕީއެމްގެ މެންބަރުން އެޕާޓީއަކީ ހަރުދަނާ ވަރުގަދަ ޕާޓީއެއްކަން ޔަޤީންކޮށްދީ ޕާޓީގެ ތަސައްވުރު ރައްޔިތުންގެ ކުރިމަތީގައި ރަނގަޅުކޮށްދީފައިވާ ކަމަށެވެ.
ޕީޕީއެމްގެ ޤައުމީ ޖަލްސާގެ ހުރިހާ ކަމެއް ކުރިއަށްދިޔައީ ފުޓްބޯޅަ މެޗެއްގެ ގޮތުގައި ކަމަށް ސިފަކުރައްވާ މައުމޫން ވިދާޅުވީ މެޗުގެ ރެފްރީ ސީނާ އަޙްމަދު ޒާހިރު ރެފްރީކަން ކުރެއްވީ އިންސާފުވެރިކޮށް ކަމަށާ، އެކަމަށްޓަކައި ޒާހިރުއަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.
ޕީޕީއެމްގެ ޤައުމީ ޖަލްސާގައި އެޕާޓީގެ އާ ލީޑަރޝިޕަށް އިންތިހާބުވި ބޭފުޅުންނާއި ގުޅޭގޮތުން ރައީސް މައުމޫން ވިދާޅުވީ ޕީޕީއެމްގެ އާ ލީޑަރޝިޕަކީ ކުރިމަގަށްޓަކައި ޕީޕީއެމް ބިނާ ކޮށްދޭނެ ހަރުދަނާ ލީޑަރޝިޕެއް ކަމަށެވެ.
ޕީޕީއެމްގެ އިންތިޤާލީ ކައުންސިލްގައި ހިމެނިވަޑައިގެންނެވި ބޭފުޅުންގެ މަސައްކަތްތަކަށް ޝުކުރުވެރިވަމުން ރައީސް މައުމޫން ވަނީ އިންތިޤާލީ ނައިބު ރައީސުންގެ ގޮތުގައި މަސައްކަތް ކުރެއްވި އުމަރު ނަސީރަށާއި، ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ ގެ މަސައްކަތްތަކަށް ތައުރީފު ކުރައްވާފައެވެ.
ނަމަވެސް މައުމޫން، އަބްދުއްރަހީމް ސިފަކުރެއްވީ "ބަތަލެއް"ގެ ގޮތުގައެވެ. އުމަރާއި ގުޅޭގޮތުން މައުމޫން ވިދާޅުވީ ޕީޕީއެމް އުފެއްދުމަށާއި، ޕާޓީ ކުރިއެރުވުމަށް އުމަރު ވަރަށް ބުރަ މަސައްކަތްތަކެއް ކޮށްދެއްވާފައިވާ ކަމަށެވެ.
މައުމޫން ތައުރީފު ކުރެއްވުމުން ޖަލްސާގެ އެންމެ ކުރީ ސަފުގައި ޕާޓީގެ ލީޑަރޝިޕްގެ ބޭފުޅުންނާއި އެކަހެރިކޮށް އިންނެވި އުމަރު ނަސީރު ވަނީ އެވާހަކަފުޅުތައް ބަލައިގަތުމުގެ ގޮތުން ބޯ ޖައްސަވާފައެވެ. ޕާޓީގެ ލީޑަރޝިޕުގައި ތިއްބެވި ބޭފުޅުން ކޯޓުކޮޅު ތުރުކުރައްވައިގެން އިންނެވި ނަމަވެސް މިރަސްމިއްޔާތުގައި އުމަރު އިންނެވީ ކޯޓުކޮޅު ތުރުކުރައްވައިގެނެއް ނޫނެވެ.
ރައީސް މައުމޫން ވިދާޅުވީ ޕީޕީއެމްގެ އާންމު މެންބަރުންގެ ބުރަ މަސައްކަތްތަކުން ޕާޓީގެ ހަޔާތުން މާޒީވެދިޔަ ދުވަސްތަކުގައި ލިބުނު ކާމިޔާބީތަކަށްފަހު އެމަރުހަލާގައި އަޅާފައިވާ ބިންގަލުގައި ރީތި އުސް އިމާރާތެއް އާރާސްތު ކުރުމުގެ މަރުހަލާއާއި ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.
ޕީޕީއެމްގެ ޤައުމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޕީޕީއެމްގެ ނައިބު ރައީސް ކަމަށް އިންތިހާބުވެވަޑައިގެންފައިވާ އަޙްމަދު އަދީބާއި އިލްހާމް އަޙްމަދު މިރޭވެސް ވިދާޅުވީ އެބޭފުޅުންގެ ލީޑަރޝިޕްގައި ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށްޓަކައި މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި ޕާޓީގެ މެންބަރުންގެ އަދަދު އިތުރުކޮށް އެހެން ސިޔާސީ ފަރާތްތަކާއި ގުޅިގެން މަސައްކަތް ކުރައްވާނެ ކަމަށެވެ.
ޕީޕީއެމްގެ އަންހެނުންގެ ހަރަކާތުގެ ރައީސާ ކަމަށް ހޮވިވަޑައިގެންފައިވާ ދުންޔާ މައުމޫން ވިދާޅުވީ ޕީޕީއެމްގެ އަސާސީ ޤަވައިދަށް ބައެއް އިސްލާހުތައް ގެނެސް އަންހެނުންނަށް ފުރުސަތުތަކެއް ޕާޓީތެރެއިން ހުޅުވާލާފައިވާތީ އެއީ މުހިއްމު ބަދަލުތަކެއް ކަމަށެވެ.
މީގެ އިތުރުން ދުންޔާ ވިދާޅުވީ ކުރިއަށް އޮތް އާންމު އިންތިހާބުގައި ޕީޕީއެމްގެ ޓިކެޓުގައި މަދުވެގެން އަންހެން އައް ބޭފުޅަކު ވާދަކުރައްވާ ގޮތަށް ކަންކަން އިންތިޒާމުކުރުމަށް ޕާޓީގެ ތެރޭގައި މަސައްކަތް ކުރައްވާނެ ކަމަށެވެ.
ޕީޕީއެމްގެ ޤައުމީ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވި ސީނާ އަޙްމަދު ޒާހިރު މިރޭގެ ރަސްމިއްޔާތުގައި ވިދާޅުވީ ޕީޕީއެމްގެ ޤައުމީ ޖަލްސާގެ ހުރިހާ ކަމެއްވެސް ދިޔައީ ވަރަށް ފުރިހަމަކޮށް ކަމަށާ، އެގޮތަށް ކަންކަން ހަމަޖެހިގެން ދިޔައީ ޕާޓީގެ މެންބަރުން ޕާޓީއަށްޓަކައި ކޮށްދެއްވި މަސައްކަތުން ކަމަށެވެ.
ޕީޕީއެމްގެ ޤައުމީ ޖަލްސާގައި މިރޭ ވަނީ އެޕާޓީގެ ކައުންސިލްގެ މަޤާމު ތަކަށާއި ކޮމިޓީ ތަކުގެ މަޤާމުތަކަށް އިންތިހާބުވި ބޭފުޅުންގެ ދާއިމީ ނަތީޖާތައްވެސް އިއުލާނުކޮށްފައެވެ.
ޕީޕީއެމްގެ ޤައުމީ ޖަލްސާ ބުރާސްފަތި ދުވަހު ފަށައިގެން މިރޭ ނިންމާލާފައިވާއިރު، ޤައުމީ ޖަލްސާގެ ހުރިހާ ކަމެއްވެސް ދިޔައީ އެއްވެސް ހަމަނުޖެހުމެއް ނުހިގާ އޮމާންކަމާއިއެކުއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ