އެންމެންވެސް އިހްލާސްތެރިވާން ޖެހޭނީ ޕާޓީއަށް: ރައީސް މައުމޫނު

ޕްރޮގްރެސިޕް ޕާޓީ އޮފް މޯލްޑިވްސް، ޕީޕީއެމްގެ ތެރޭގައި ވަކި ޖަމާއަތްތައް އޮވެގެން ނުވާނެކަމަށާއި ވަކި ބޭފުޅަކަށް ތާއީދުކުރާ ބަޔަކު ތިބެގެން ނުވާނެކަމަށާއި އެންމެންވެސް އިހްލާސްތެރި ވާންޖެހޭނީ ޕާޓީއަށްކަމަށް އެޕާޓީގެ ރައީސް އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
އަބްދުﷲ ޔާމީނަށް ރިޔާސީ ޓިކެޓް ހަވާލުކުރުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މައުމޫން ވިދާޅުވީ ރިޔާސީ ޕްރައިމަރީގެ ތެރޭގައި އެކިބޭފުޅުންނަށް ތާއީދުކޮށް މަސައްކަތް ކުރި މެމްބަރުން ތިބިނަމަވެސް ޕްރައިމަރީއަށްފަހު އެފުރުސަތު ޕާޓީގައި ނެތްކަމުގައެވެ. އަދި ހުރިހާ މެމްބަރުންވެސް މަސައްކަތް ކުރަންވީ އެއް އަމާޒަކަށް ރިޔާސީ އިންތިހާބް ކާމިޔާބު ކުރުމަށްކަމަށް މައުމޫން ވިދާޅުވިއެވެ.
"އަޅުގަނޑުމިރޭ ވަރަށް ހާއްސަ އިލްތިމާސްއެއްކުރަން ބޭނުން. އާދެ އިލްތިމާސްއަކީ ޕީޕީއެމްގެ ހުރިހާ މެމްބަރުން އެކުވެރިވެ އެކަތިގަނޑަކަށް ވެވަޑައިގަތުން. އަޅުގަނޑުމެންނަކީ އެއްބައިވަންތަ ޕާޓީއެއްގެ ގޮތުގައި ދެމިތިބުން. އަޅުގަނޑުމެންގެ ސަފުތައް ވަރުގަދަކޮށް އަޅުގަނޑުމެންގެ ގުޅުންތައް ބަދަހޮކޮށް ޕީޕީއެމްއަކީ އަބަދުވެސް އެކައްޗެއްކިޔާ އެއްގޮތަކަށް މަސައްކަތްކުރާ ޕާޓީއަކަށްވުން" މައުމޫން ވިދާޅުވިއެވެ.
މައުމޫނު ވިދާޅުވީ ޕީޕީއެމްގެ ތެރޭގައި މައުމޫނަކަސް ޔާމީނަކަސް އަދި އެހެން ބޭފުޅަކަށް ތާއީދު ކުރާ ބަޔަކު ތިބެގެން ނުވާނެކަމުގައެވެ. އަދި ޕާޓީ ބައިބައިކުރުމަށް ދެން ފުރުސަތެއް ނެތްކަމަށްވެސް މައުމޫނު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ