ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންނަށް ސަރުކާރުން ފްލެޓް ދީފި
ޓީވީ ކޮށީގައި އިމާރާތްކޮށްފައިވާ މަތީ ފެންވަރުގެ "ރެހެންދި" ފްލެޓުން ސަރުކާރަށް ލިބޭ 10 އެޕާޓްމެންޓް ދޫކުރާނެ އުސޫލެއް އާންމުނުކޮށް، އެތަނުން ފަސް އެޕާޓްމެންޓެއް ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންނަށް ދޭން ނިންމާފައިވާކަން "ހަވީރަ"ށް އެނގިއްޖެ އެވެ. ފަސް ފަނޑިޔާރުންގެ އިތުރުން މިނިވަން ބައެއް މުއައްސަސާތަކުގެ އިސް ވެރިންނަށް ވެސް ރެހެންދި ފްލެޓުން އެޕާޓްމެންޓް ދޭން އިކޮނޮމިކް ކައުންސިލުން ވަނީ ނިންމައިފަ އެވެ. އޭގެ ތެރޭގައި ޕްރޮސިކިއުޓަ ޖެނެރަލް މުހްތާޒް މުހްސިން ހިމެނިވަޑައިގަންނަވާ ކަން "ހަވީރަ"ށް ވަނީ ކަށަވަރުވެފަ އެވެ. މި ބޭފުޅުންނަށް ފްލެޓް ދިން އިރު، އޭގެ ތެރެއިން ބައެއް ފަނޑިޔާރުންގެ ފްލެޓް މާލޭގައި ހުރި ކަމަށްވެ އެވެ. ސުޕްރީމް ކޯޓުގެ ބެންޗުގައި މިހާރު ތިއްބަވަނީ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަބްދުﷲ އަރީފާއި ފަނޑިޔާރު އަލީ ހަމީދާއި ފަނޑިޔާރު އަހްމަދު އަބްދުﷲ ދީދީ އަދި ފަނޑިޔާރު އާދަމް މުހައްމަދެވެ. މިއީ މުޅިން ވެސް އެކި ރަށްރަށުގެ ބޭފުޅުންނެވެ. ރެހެންދި ފްލެޓުން ސަރުކާރަށް ލިބިފައިވާ އެޕާޓްމެންޓްތައް ދައުލަތުގެ އިސް ބައެއް ބޭފުޅުންނަށް ދޫކުރަނީ، "ހަވީރަ"ށް އެނގިފައިވާ ގޮތުގައި، އެޕާޓްމެންޓެއް 1.6 މިލިއަން ރުފިޔާ އަށެވެ. އެ ފައިސާ އެ ބޭފުޅުން ސަރުކާރަށް ދައްކަވަން ޖެހެ އެވެ. ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒު އަލީ ވިދާޅުވީ "ފްލެޓްތައް ދޫކުރިކަން ވެސް އަދި އުސޫލް ވެސް ހާމަކުރާނީ ހައުސިން މިނިސްޓްރީން" ކަމަށެވެ. ނަމަވެސް ފްލެޓްތައް ދޫކުރާނެ އުސޫލާއި ދޫކުރާނެ ބޭފުޅުން ކަނޑައަޅައި، އެކަން އެ ބޭފުޅުންނަށް އެންގެވީ ރައީސް އޮފީހުން ކަމަށް، ނޫހުގައި ނަން ނުޖަހަން ޝަރުތުކޮށް ވާހަކަދެއްކެވި ބޭފުޅަކު ވިދާޅުވި އެވެ. މިކަމާ ގުޅޭ ގޮތުން ހައުސިން މިނިސްޓްރީގެ ބަހެއް އަދި ނުލިބެ އެވެ. ތިން ކޮޓަރި އާއި ތިން ފާހާނާގެ އިތުރުން ބަދިގެ އާއި ސިޓިން ރޫމް ހިމެނޭ "ރެހެންދި" ފްލެޓް އިމާރާތްކުރީ އެފްޑަބްލިއު ކޮންސްޓްރަކްޝަނުންނެވެ. އެފްޑަބްލިއުއާ އެކު ސަރުކާރުންވި އެއްބަސްވުމުގައިވާ ގޮތުން އެތަނުގައި އަޅާ 10 ބުރީގެ ދެ އިމާރާތުން 10 ފްލެޓް ސަރުކާރަށް ދޭން ޖެހެ އެވެ. އެއީ ކޮންމެ އިމާރާތަކުން ފަސް ފްލެޓެވެ. އެފްޑަބްލިއުގެ އިތުރުން ޓީވީ ކޮށީގައި ފްލެޓް އިމާރާތެއް އަޅަން ފޯ ޕާލްސް ކުންފުންޏާ ވެސް ވަނީ ހަވާލުކޮށްފަ އެވެ. އެކަމަކު އެ އިމާރާތް އަދި ނުނިމެ އެވެ. ފޯ ޕާލްސް ކުންފުންޏާ ހަވާލުކުރި އިމާރާތުން ވެސް 10 ފްލެޓް ސަރުކާރަށް ދޭން ޖެހެ އެވެ. ސަރުކާރުގެ އޮފިޝަލަކު ކުރިން "ހަވީރަ"ށް ވިދާޅުވެފައިވާ ގޮތުގައި ސަރުކާރަށް ލިބޭ ފްލެޓްތަކާ މެދު އަމަލުކުރާނެ އުސޫލެއް ކަނޑައަޅައިދޭން ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ވެރިކަމުގައި ވެސް ހުށަހެޅި އެވެ. އޭރު ވާހަކަ ދެކެވިފައި އޮތީ އެ ފްލެޓްތައް ރައްޔިތުންނަށް ހިދުމަތްކުރާ މަތީ ފެންވަރުގެ ބޭފުޅުންނަށް ދޫކުރުމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ