ބަންދުން މިނިވަންކުރަން ކޯޓުން ކުރި ޝަރުތަކީ ރީތިކޮށް ބޯކޮށައިގެން އުޅުން!
ތިން މަސް ދުވަސް ވަންދެން ރީތިކޮށް ބޯކޮށައިގެން އުޅެން ޝަރުތުކޮށް، ބަންދުގައި ހުރި މީހަކު ލ. ގަމު މެޖިސްޓްރޭޓް ކޯޓުން އިއްޔެ ދޫކޮށްލައިފި އެވެ. އެގޮތަށް ޝަރުތުކޮށް، ބަންދުން ދޫކޮށްލި ގަމު މުކުރިމަގު އަވަށު ބީޗްހައުސް ހުސައިން ރިޔާޒަށް ކޯޓުން ދިން ލިޔުމުގައި ޝަރުތުގެ ގޮތުގައި ލިޔެފައިވަނީ ތިން ދުވަސް ތެރޭގައި ތުނިކޮށް، ރީތިކޮށް ބޯކޮށުމެވެ. އެ ލިޔުމުގައިވަނީ އިއްޔެ އިން ފެށިގެން ތިން މަސް ދުވަސް ވަންދެން އެ ޝަރުތަށް އަމަލުކުރަން އަންގައި، ރިޔާޒް ބަންދުން މިނިވަންކުރަން އަމުރުކުރާ ކަމަށެވެ. މާރާމާރީގެ މައްސަލައެއްގައި ބަންދުކޮށްފައި ހުރި ރިޔާޒް ވަނީ އެ ޝަރުތަށް އެއްބަސްވެ، ލިޔުމުގައި ސޮއިކޮށް، އިނގިލީގެ ނިޝާން ޖަހައިފަ އެވެ. ގަމު ކޯޓުގެ މެޖިސްޓްރޭޓް އަބްދުލްފައްތާހު އަބްދުލްޣަފޫރު ކުރެއްވި ޝަރުތުގެ ލިޔުމުގައިވާ ގޮތުން އެ ޝަރުތުގެ މުއްދަތު ހަމަވާނީ އަންނަ އަހަރުގެ މާޗް މަހުގެ 29 ވަނަ ދުވަހު އެވެ. ޝަރުތަށް އަމަލުކުރަން އެއްބަސްވި ނަމަވެސް ރިޔާޒްގެ ފަރާތުން މައްސަލަ މިއަދު ވަނީ ހައި ކޯޓުގައި އިސްތިއުނާފްކޮށްފަ އެވެ. ނަމަވެސް އެ މައްސަލަ ބަލައިގަތުމާ މެދު ކޯޓުން ގޮތެއް ނިންމިކަމެއް ސާފެއް ނުވެ އެވެ. ކުށުގެ ތުހުމަތުގައި ތިބޭ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމުގެ ގަވާއިދުގައި، ބޯކޮށުން ފަދަ ޝަރުތުތައް ބަޔާންކޮށްފައެއް ނުވެ އެވެ. ހައި ކޯޓުން ކުރިން ކަނޑައަޅާފައި ވަނީ މީހަކު ބަންދުން ދޫކުރަން ކުރެވޭނެ ކަމަށް ގަވާއިދުގައި ބުނެފައިވާ ޝަރުތުތައް ފިޔަވައި އެހެން ޝަރުތުތައް ނުކުރެވޭނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ