އަބްދުﷲ ގާޒީ މައްސަލާގައި ހެކި ބަސްދޭން ދައުލަތުން ހުށަހެޅި އިސް މީހުން ރާއްޖެއަކު ނެތް

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރި މައްސަލާގައި ޓެރަރިޒަމްގެ ދައުވާ ލިބޭ މީހުންނާ ދެކޮޅަށް ހެކިބަސް ދިނުމަށް ކޯޓަށް ހާޒިރުކޮށްދޭން ދައުލަތުން އެދޭ މުހިންމު މީހުން ރާއްޖޭގައި ނެތްކަން ހާމަވެއްޖެ އެވެ. އަބްދުﷲ ގާޒީ ހައްޔަރުކޮށް، ގިރިފުށީގައި ބެހެއްޓި މައްސަލާގައި އޭރުގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހިމް ކަލޭފާނާއި ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް މޫސާ އަލީ ޖަލީލާއި މާލޭ އޭރިޔާގެ ކުރީގެ ކޮމާންޑަރު އިބްރާހިމް މުހައްމަދު ދީދީގެ އިތުރުން ކާނަލް މުހައްމަދު ޒިޔާދު މައްޗަށް އުފުލާފައިވާ ޓެރަރިޒަމް ކުށުގެ ދައުވާގެ ޝަރީއަތުގައި މިހާރު ކުރިއަށް ދަނީ ހެކިބަސްނެގުމެވެ. އެހެން ނަމަވެސް އެ ބޭފުޅުންނާ ދެކޮޅަށް ހެކި ބަސްދިނުމަށް ދައުލަތުން ހުށަހެޅި ހެކީންގެ ތެރޭގައި ހިމެނޭ ކުރީގެ ޕޮލިސް ކޮމިޝަނަރު އަހްމަދު ފަސީހާއި ކުރީގެ ޑެޕިއުޓީ ޕޮލިސް ކޮމިޝަނަރު އިސްމާއިލް އަތީފާއި ކާނަލް ވައިސް ވަހީދު ރާއްޖޭގައި ނޫޅުއްވާ ކަމަށް މައްސަލަ ބައްލަވާ ފަނޑިޔާރުންގެ މަޖިލީހުން އިއްޔެ ވަނީ ވިދާޅުވެފަ އެވެ. މޫސާ އަލީ ޖަލީލާއި ކުރީގެ ޕޮލިސް ކޮމިޝަނަރު އަހްމަދު ފަސީހް މަޖިލީހުގެ ގައުމީ ސަލާމަތާ ބެހޭ ކޮމިޓީގެ ބައްދަލުވުމުގައި؛ މޫސާ އަލީ ޖަލީލާއި ދެކޮޅަށް ކުރާ ޓެރަރިޒްމްގެ ދައުވާ ތަކަށް ހެކި ބަސްދިނުމަށް ފަސީހް ހާޒިރުކޮށްދޭން ދައުލަތުން އެދޭއިރު އޭނާ ހުންނެވީ ރާއްޖެއިން ބޭރުގައި،. ހަވީރު ފައިލް ފޮޓޯ މިހާރުގެ ޑިފެންސް މިނިސްޓަރު މޫސާ އަލީ ޖަލީލާ ދެކޮޅަށް ކުރާ ދައުވާގައި ހެކިބަސް ނެގުމަށް އިއްޔެ ބޭއްވި ޝަރީއަތުގައި މައްސަލަ ބައްލަވާ ބެންޗުގެ އިސް ފަނޑިޔާރު އަބްދުﷲ ދީދީ ވިދާޅުވީ އެ ބޭފުޅުން ރާއްޖޭގައި ނޫޅުއްވާތީ ހާޒިރު ނުކުރެވިގެން އުޅޭ ކަމަށެވެ. އަދި އެ ތިން ބޭފުޅުން ކޯޓަށް ހާޒިރުކުރުމަށް ބޭނުންވޭތޯ ދައުލަތާ ފަނޑިޔާރު އަބްދުﷲ ދީދީ ވަނީ ސުވާލު ކުރައްވާފަ އެވެ. ދައުލަތުން ބުނީ އެ ބޭފުޅުންނާ އިތުރު ބައެއް މީހުން ހާޒިރުކުރަން ބޭނުންވާ ކަމަށެވެ. އަދި ދައުލަތުން އުފުލި ދައުވާ ސާބިތު ކުރުމަށް އެ ބޭފުޅުން ކޯޓަށް ހާޒިރުކޮށްދިނުމަށް ޕީޖީ އޮފީހުން ވެސް މަސައްކަތް ކުރާ ކަމަށް ދައުލަތުގެ ވަކީލުން ވިދާޅުވި އެވެ. ނަޝީދުގެ އިތުރުން އެ ދައުވާ ލިބޭ ހުރިހާ އެންމެންގެ މައްސަލާގައި ވެސް ހެކި ބަސް ނެގުމަށް ފަސީހާއި އަތީފާއި ކާނަލް ވައިސް ވަހީދު ކޯޓަށް ހާޒިރުކޮށްދޭން ދައުލަތުން ވަނީ ހުށަހަޅާފަ އެެވެ. ނަޝީދު ސަރުކާރުގެ ހޯމް މިނިސްޓަރު ހަސަން އަފީފާއި ކުރީގެ ޕޮލިސް ކޮމިޝަނަރު އަހުމަދު ފަސީހާ އެކު އަތީފް ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގަންނަވަނީ:--ހަވީރު ފައިލް ފޮޓޯ މިހާތަނަށް ޝަރީއަތުގައި ހެކިންގެ ވާހަކަތަކަށް ބަލާއިރު އަބްދުﷲ ގާޒީ ހައްޔަރުކުރުމާއި ގުޅޭ ބައްދަލުވުމެއްގައި ފުލުހުންގެ އިސްވެރިންނާއެކު ނަޝީދު ވަނީ ބައްދަލުވުމެއް ބާއްވަވައިފަ އެވެ. އަދި އަބްދުﷲ ގާޒީ ހައްޔަރުކުރުމަށް ފަހު ވެސް ފުލުހުންނާ އެކު ނަޝީދު ވަނީ ބައްދަލުވުމެއް ބާއްވައި، އަބްދުﷲ ގާޒީގެ މައްސަލާގައި ވާހަަކަފުޅު ދައްކަވައިފަ އެވެ. އެ ބައްދަލުވުގައި ފުލުހުންގެ ތެރެއިން ބައިވެޑައިގެންނެވި މީހުންގެ ތެރޭގައި ފަސިހާއި އަތީފް ހިމެނިވަޑައިގަންނަވަ އެވެ. ނަޝީދާ ދެކޮޅަށް ރޭ ވެސް ދެ ފުލުހަކު ހެކި ބަސްދިނެވެ. ނަމަވެސް އަބްދުﷲ ގާޒީ ހައްޔަރުކުރަން އަމުރެއް ކުރެއްވި އަޑެއް އަދި އެފަދަ އަމުރެއް ނެރުނުކަން ވެސް އެ ދެ މީހުންނަށް އެނގިފައި ނުވާކަމަށް ވަނީ ބުނެފަ އެވެ. އަބްދުﷲ ދީދީގެ އިތުރުން ބެންޗްގައި ތިއްބަވަނީ އަބްދުލްބާރީ ޔޫސުފާއި ޝުޖާއު އުސްމާނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ