އިއްތިހާދުން ރިޔާސީ ކެންޑިޑޭޓެއް ނެރެވޭނީ ޕްރައިމަރީއެއް ބާއްވައިގެން: އުމަރު ނަސީރު

އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބަށް އިއްތިހާދުން ކެންޑިޑޭޓެއް ނެރެވޭނަމަ އެކަން ކުރެވޭނީ ޕްރައިމަރީއެއް ބާއްވައިގެންކަމަށް ވެރިކަން ކުރާ އިއްތިހާދުގައި ހިމެނޭ އެންމެވަރުގަދަ އެއް ޕާޓީކަމަށްވާ ޕީޕީއެމުގެ ނައިބު ރައީސް އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
ސީއެންއެމުން އަންގާރަ ދުވަހު ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ޕީޕިއެމްގެ އިންތިގާލީ ނައިބް ރައީސް އުމަރު ނަސީރު ވިދާޅުވީ މުޅި ދުނިޔެ ގަބޫލު ކުރާ ގޮތުގައި ވެރިކަން ކުރުމަށް ޝަރުތު ފުރިހަމަވުމަކީ އެއޮންނަ ޑިމޮކްރަޓިކް ޕްރޮސެސްގެ ތެރެއިން ކެންޑިޑޭޓަކު ހޮވުން ކަމަށެވެ. އެގޮތުން 2013 ގެ ރިޔާސީ އިންތިހާބުގައި ވާދަ ކުރާނެ ކެންޑިޑޭޓަކު ހޮވުމަށް މިހާރު ސަރުކާރު ހިންގާ ކޯލިޝަން ތެރޭގައި ޕްރައިމަރީއެއް ބާއްވަން ޖެހިއްޖެ ނަމަ އެކަން ކުރަން ވެސް ތައްޔާރަށް ތިބި ކަމަށް އުމަރު ވިދާޅުވިއެވެ.
މިހާރުގެ ސަރުކާރު ކޯލިޝަން ތެރޭގައި ހިމެނޭ ބައެއް ޕާޓީތަކުން 2013ގެ ރިޔާސީ އިންތިހާބުގައި ވަކިވަކިން ވާދަ ކުރުމުގެ ހިޔާލު ގެންގުޅެމުންދާ ކަމަށް ބައެއް ޕާޓީތަކުން ވަނީ ބުނެފަ އެވެ.
އުމަރު ނަސީރު ވިދާޅުވީ، ވަކި ޕާޓީތަކަށް ބަލާއިރު، މިވަގުތު އެންމެ ވަރުގަދަ ޕާޓީއަކީ ވެސް އަދި އެންމެ ޑިމޮކްރަޓިކް ޕާޓީއަކީ ވެސް ޕީޕީއެމް ކަމަށެވެ. އަދި ރިޔާސީ ރޭހުގައި ދެން ތިބި ކުދިޕާޓީތައް ގޮވައިގެން ނުކުތުމުގެ ގާބިލުކަން ވެސް ލިބިފައިވަނީ ޕީޕީއެމް އަށް ކަމަށް ވިދާޅުވި އެވެ.
މިހާރުގެ ސަރުކާރު ހިންގާ ކޯލިޝަނާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން އުމަރު ނަސީރު ވިދާޅުވީ، 2013 ގެ ރިޔާސީ އިންތިހާބުގައި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު ވަހީދު ހަސަން މަނިކު ނުކުމެވަޑައިނުގަންނަވާނެ ކަމުގެ ޔަގީންކަން އިއްްތިހާދަށް ދީފައިވާ ކަމަށެވެ.
ސަރުކާރު ކޯލިޝަންގައި ހިމެނޭ އެހެނިހެން ޕާޓީތަކަށް ބަލައިރު، މެމްބަރުން އެންމެ ގިނަ ޕާޓީ ޑީއާރޕީންވަނީ 2013 ގެ ރިޔާސީ އިންތިހާބުގައި ކެންޑިޑޭޓަކު ނެރޭނެކަން އިއުލާން ކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ