ކްރިކެޓް މެޗެއް ބެއްލެވުމުގެ ސަބަބުން ރަސްމީ ބައްދަލުވުމަކަށް ވަޑައިނުގެންނެވުނު ކަމަށް ޝަފީގު ވިދާޅުވާ ވިދާޅުވުމަށް ރައީސް މައުމޫން ގޮންޖައްސަވައިފި

ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޒު މައުމޫން އަބްދުލްގައްޔޫމު އޮސްޓްރޭލިއާ އަށް ކުރެއްވި ރަސްމީ ދަތުރުފުޅެއްގައި، ވަރަށް ދަންވަންދެން ކްރިކެޓް މެޗެއް ބައްލަވަން އިންނެވުމުގެ ސަބަބުން ހޭފުޅުނުލެއްވިގެން، ހެނދުނު އޮތް ރަސްމީ ބައްދަލުވުމަކަށް ވަޑައިނުގެންނެވުނު ކަމަށް، ތާރީހީ ލިއުންތެރިޔާ އަހުމަދު ޝަފީގު ލިއުއްވާފައިވާ ލިއުއްވުމަކީ "ބުހުތާނު ދޮގެއް" ކަމަށާއި "އެ ތުހުމަތު ސާބިތުކޮށްދެވޭނެ އެކަކު ވެސް ނުހުންނާނެ" ކަމަށް ރައީސް މައުމޫން ވިދާޅުވެއްޖެ އެވެ.ނަސަންދުރާގައި ބޭއްވި ހާއްސަ ރަސްމީޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު މިއަދު ނެރެދެއްވި "އަޙްމަދު ޝަފީޤުގެ ޙަޔާތުން ދުވަހެއް"ގައި ޝަފީގު ލިއުއްވާފައި ވަނީ "އެ ދުވަސްވަރު ކުރީގެ ރައީސް ވަނީ ސްޓޭޓް ވިޒިޓެއްގައި އޮސްޓްރޭލިއާ އަށް ވަޑައިގެންފަ އެވެ. އަޅުގަނޑަށް އެނގިފައިވާ ގޮތުގައި އެ ގައުމުން ރާއްޖެ އަށް ވަރަށް ގިނަ އެހީދެއްވަ އެވެ. އޭގެ ތެރޭގައި ކާޑުގެ ބާވަތްތަކާއި ޒުވާނުންނަށް ކިޔަވައިދިނުން ހިމެނެ އެވެ. ނަމަވެސް ރާއްޖެ ތަމްސީލްކުރަން މި ކުރެއްވި ދަތުރުފުޅު ނާކާމިޔާބުވި އެވެ. ސަބަބަކީ ކުރީގެ ރައީސް އެ ރޭ ކްރިކެޓް ބައްލަވައިފައި ރަސްމީޔާތު އޮތް ވަގުތުގައި ހޭފުޅުނުލެއްވި، ވަގުތު ފާއިތުވީ ކަމަށް އަޅުގަނޑަށް މައުލޫމާތު ލިބިފައިވުމާ އެކު އެ ވާހަކަ ވެސް ލިޔެފައިވާނެ އެވެ."ޝަފީގުގެ ޑައިރީގައި ލިއުއްވާފައި ވަނީ ކިހާވަރެއްގެ ހަގީގަތެއްތޯ ސަން އެފްއެމުން ދެންނެވުމުން ރައީސް މައުމޫން މިރޭ ވިދާޅުވީ އެއީ "ކަނޑައެޅިގެން ބުހުތާނު ދޮގެއް" ކަމަށާއި އެ މަނިކުފާނުގެ "ރައީސް ކަމުގެ 30 އަހަރުގައި، އެފަދަ އެއްވެސް ސަބަބަކާ ހެދި އެއްވެސް ރަސްމީޔާތަކަށް ހާޒިރުވެވަޑައިނުގަނެވިފައި ނޯންނާނެ" ކަމަށާއި "އެ ތުހުމަތު ސާބިތުކޮށްދެވޭނެ އެއްވެސް މީހަކު ނުހުންނާނެ ކަމަށް ޗެލެންޖްކުރައްވާ" ކަމަށެވެ."އަޙްމަދު ޝަފީޤުގެ ޙަޔާތުން ދުވަހެއް" ނެރެދެއްވުމުގެ ރަސްމީޔާތުގައި އެ ވާހަކަ އަށް އަލިއަޅުވާލައްވައި ރައީސް ނަޝީދު ވިދާޅުވީ މިސަރުކާރުން އޮސްޓޭރިއާއަށް ގޮސްފައި ފަތިހު ނުތެދުވެވިގެން ޖަލްސާއަކަށް ނުދެވޭނެ ގޮތަށް މިސަރުކާރުން ނުތިބޭނެ ކަމަށާއި އަދި އެމަނިކުފާނު ވަރަށް ގިނަ ދަތުރުތައް ކުރައްވާފައިވާނެ ކަމަށާއި އަދި އެހާމެ ފަތިހު ތެދުވެވަޑައިގެންފައިވާނެ ކަމަށް. އަދި އެއްވެސް ޖަލްސާއެއް އަދި އެއްވެސް ބައްދަލުވުމެއް ނަގާލާފައިނުވާނެ ކަމަށާއި ދިވެހި ރާއްޖެއަށް އަދި ދިވެހި ރައްޔިތުންނަށް ފައިދާ ހުރި ކަމެއް ކުރުމަށް އެބޭފުޅުން ކުރައްވާ މަސައްކަތެއްގައި އެބޭފުޅުންގެ އަމިއްލަ ޒާތީ އުފާވެރިކަން އޭގެ ތެރެއަށް ވައްދާ އެ މަސައްކަތްތައް ބުރޫ އަރާވަރުގެ އެއްވެސް ކަމެއް ނުކުރައްވާނެ ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ