ޖަމްޝީދަކީ ވަރަށް އިތުބާރު ކުރެވޭ ބޭފުޅެއް: އުމަރު

ފުލުހުންގެ އިންޓެލިޖެންސް ޑައިރެކްޓަރޭޓްގެ މަގާމުން ވަކިކޮށްފައިވާ، އެސިސްޓެންޓް ކޮމިޝަނަ އޮފް ޕޮލިސް މުހައްމަދު ޖަމްޝީދަށް، ވަރަށް ބޮޑަށް އިތުބާރު ކުރައްވާ ކަމަށް، ރައީސްގެ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވުމުގެ ތަހުގީގުކުރާ ކޮމިޝަންގެ އިސް ވެރިޔަކަށް ހުންނެވި ހޯމް މިނިސްޓަރު އުމަރު ނަސީރު މިއަދު ވިދާޅުވެއްޖެ އެވެ. ފުލުހުންގެ އިންޓެލިޖެންސްގެ އެންމެ އިސް ވެރިޔާގެ މަގާމުން ޖަމްޝީދު ވަކިކުރިއިރު، އޭނާ އަކީ ރައީސް އަބްދުﷲ ޔާމީންގެ ލޯންޗްކޮޅުގައި އެއްޗެއް ގޮއްވައިލި ހާދިސާގެ ތަހުގީގަށް އެކުލަވައިލި ނެޝަނަލް އިންކުއަރީ ކޮމިޝަންގެ ވެސް މެމްބަރެކެވެ. އިންޓެލްގެ ހެޑް ކަމުން ޖަމްޝީދު ވަކިކުރި ނަމަވެސް އިންކުއަރީ ކޮމިޝަނުގައި އަދިވެސް އޭނާ އިންނަވަ އެވެ. ޕޮލިސް އިންްޓެލްގެ އިސް ވެރިޔާގެ މަގާމުން ޖަމްޝީދު ވަކިކުރީ އޭނާ އެ މަގާމާ ހަވާލުވެވަޑައިގެންނެވިތާ ފަސް މަސް ފަހުންނެވެ. ޖަމްޝީދު އެ މަގާމަށް އައްޔަން ކުރެއްވީ މިދިޔަ ޖޫން 29ގަ އެވެ. ޕޮލިސް އިންޓެލްގެ އިސްވެރިއަކަށް އިއްްޔެ ހަމަޖެއްސެވި އަރީފް. ޕޮލިސް އިންޓެލްގެ މަގާމަށް އިއްޔެ އައްޔަން ކުރެއްވީ އެސިސްޓެންޓް ކޮމިޝަނަރު އަހްމަދު އަރީފެވެ. އޭނާއަކީ ޖަމްޝީދުގެ ކުރިން ވެސް، އިންޓެލް ހެޑަކަށް ހުންނެވި ބޭފުޅާ އެވެ. އަލުން އިންޓެލްގެ ހެޑްގެ މަގާމާ އަރީފް އައްޔަން ކުރައްވަންދެން އޭނާ ހުންނެވީ ޑިވެލޮޕްމަންޓް ޑައިރެކްޓްރޭޓުގެ ވެރިޔާގެ މަގާމުގަ އެވެ. އިންޓެލްގެ ވެރިޔަކަށް އަރީފް އެންމެ ފުރަތަމަ ހަމަޖެއްސީ ޑިސެމްބަރު 2013ގަ އެވެ. އެއީ އޭރު އެ މަގާމުގައި ހުންނެވި އެސިސްޓެންޓް ކޮމިޝަނަ އޮފް ޕޮލިސް އަބްދުﷲ ފައިރޫޝްގެ ބަދަލުގަ އެވެ. ފައިރޫޝް އޭރު ބަދަލުކޮށްފައި ވަނީ ސާވިސަސް ޑައިރެކްޓަރޭޓްގެ ވެރިޔަކަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ