މަންޑޭލާ އަކީ ދުނިޔެ ދުށް އެންމެ ވަރުގަދަ ސިޔާސީ ޝަހުސިއްޔަތު: ރައީސް ޔާމީން

މިދިޔަ ބުރާސްފަތިދުވަހުގެ ރޭ އަވަހާރަވި ދެކުނު އެފްރިކާގެ ކުރީގެ ރައީސް ނެލްސަން މަންޑޭލާ އަކީ ދުނިޔެ ދުށް އެންމެ ވަރުގަދަ ސިޔާސީ ޝަހުސިއްޔަތު ކަމަށް ރައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ. ރައީސް ޔާމީން މިހެން ވިދާޅުވީ މަންޑޭލާގެ ހަނދާނުގައި މިއަދު ހެނދުނު 9:00 ގައި ފޮރިން މިނިސްޓްރީގައި ހުޅުވި ތައުޒިޔާގެ ދަފްތަރުގައި ސޮއިކުރައްވައި، އެ ދަފްތަރުގައި ލިއުއްވި ތައުޒިޔާގެ މެސެޖުގަ އެވެ. ތައުޒިޔާގެ މެސެޖުގައި ރައީސް ވިދާޅުވީ މިނިވަންކަން ހާސިލްކުރުމަށް މަންޑޭލާ ކުރެއްވި ދިގު ދަތުރުގެ އިތުރަށް މަންޑޭލާގެ ހިތްވަރާއި ކެރުމާއި ހަމަހަމަ ކަމުގެ އުސޫލު ދެމެހެއްޓުމަށް ކުރެއްވި މަސައްކަތަކީ ދުނިޔޭގެ އެތައް މިލިއަން ރައްޔިތުންނަށް ހުރި އަލިގަދަ ދަންމަރެއް ކަމަށެވެ. އަދި ގައުމިއްޔަތާއި އިންސާނީ ކަރާމާތް ހިމާޔަތްކުރުމަށް މަންޑޭލާ ކުރެއްވި މަސައްކަތަކީ އަންނަން އޮތް ޖީލުތަކަށް ވެސް ދެމިގެންދާނެ، ހަނދާނުން ނުފުހެވޭނެ މަސައްކަތްތަކެއް ކަމަށް އެ މަނިކުފާނު ލިއުއްވި އެވެ. "ދިރިއުޅުމުގަ އާއި މަރުވުމަށް ފަހު ވެސް އޭނާ އަކީ ޝައްކެއް ނެތް ގޮތުގައި ވަރުގަދަ ޝަހުސިއްޔަތެކެވެ،" ރައީސްގެ މެސެޖުގައިވެ އެވެ. ރައީސް ޔާމީނަށް ފަހު ނައިބު ރައީސް މުހައްމަދު ޖަމީލް އަހުމަދާއި ރައީސް އޮފީހުގެ މިނިސްޓަރު އަބްދުﷲ އަމީންގެ އިތުރުން ދެކުނު އެފްރިކާ އިން ރާއްޖެ އަށް ކަނޑައަޅާފައި ހުންނަވާ އޮނަރަރީ ކައުންސެލް ގްރާންޓް ބެކްސްޓަ ވެސް ދަފްތަރުގައި ލިއުއްވި އެވެ. ފޮރިން މިނިސްޓްރީން ބުނި ގޮތުގައި ދެ ދުވަހުގެ މުއްދަތަށް ބާއްވާ ތައުޒިޔާގެ ދަފްތަރު ހުޅުވާފައި އޮންނާނީ ހެނދުނު 9:00 އިން މެންދުރު 12:00 އަށް އަދި މެންދުރުފަހު 1:00 އިން ހަވީރު 3:00 އަށެވެ. މަންޑޭލާ އަވަހާރަވުމުގެ ހިތާމައިގައި މިދިޔަ ހޮނިހިރުދުވަހުން ފެށިގެން ތިން ދުވަހަށް ދިވެހި ދިދަ ބައިދަނޑި އަށް ތިރިކޮށްފައިވެ އެވެ. އަދި މަންޑޭލާގެ ޖަނާޒާގައި ރާއްޖޭގެ ފަރާތުން ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ހުސެއިން ޝަރީފް ބައިވެރިވެވަޑައިގަތުމަށް ރައީސް ޔާމީން ވަނީ ނިންމަވާފަ އެވެ. އުމުރުން 95 އަހަރުގައި އަވަހާރަވި މަންޑޭލާ އަށް އިހުތިރާމް އަދާކުރުމުގެ ގޮތުން ދުނިޔޭގެ ގިނަ ގައުމުތަކެއްގެ ވެރިން ދަނީ ދެކުނު އެފްރިކާ އަށް ޖަމާވަމުންނެވެ. މަންޑޭލާ އަށް އިހުތިރާމް އަދާކުރުމުގެ ރަސްމީ ހަފުލާ އިއްޔެ ބާއްވާފައިވާ އިރު އޭނާ ފަސްތާނުލުމަށް ހަމަޖެހިފައިވަނީ ރަސްމީ އިއްޒަތުގައި އަންނަ އާދިއްތަދުވަހު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ