ސިޔާމްގެ މައްސަލަ އިސް ގާޒީ އަބްދުﷲ މުހައްމަދު ބައްލަވަން ފަށްޓަވައިފި

ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދުގެ މައްޗަށް ދައުލަތުން ކުރާ ބަނގުރާ އެތެރެކުރުމުގެ ދައުވާގެ މައްސަލަ ކުރިން ބައްލަވަމުން ގެންދެވި ގާޒީ އަތުން އެ މައްސަލަ ނެގުމަށް ފަހު ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު (އަބްދުﷲ ގާޒީ) އެ މައްސަލަ މިއަދު ބައްލަވަން ފަށްޓަވައިފި އެވެ. ސިޔާމް 2012 ގައި ރާއްޖެ ވަޑައިގަތް އިރު ސިޔާމްގެ ލަގެޖުން ރާ ފުޅިއެއް ފެނުނު ކަމަށް ބުނާ މައްސަލަ ކުރިން ބައްލަވަމުން ގެންދެވީ ގާޒީ އަހުމަދު ސަމީރު އަބްދުލްއަޒީޒެވެ. ނަމަވެސް އެހެން ގާޒީއަކާ އެ މައްސަލަ ބެލުން ހަވާލުކޮށްދިނުމަށް ސުޕްރީމް ކޯޓުގައި ސިޔާމް އެދިވަޑައިގަތުމާ އެކު އެ މައްސަލަ ގާޒީ ސަމީރު އަތުން ވަނީ ނަގައިފަ އެވެ. ސިޔާމްގެ މައްސަލަ ބެއްލެވުމާ އަބްދުﷲ ގާޒީ ހަވާލުވެވަޑައިގެން މިއަދު ވަނީ ފުރަތަމަ އަޑުއެހުން ބާއްވައިފަ އެވެ. މިއަދުގެ އަޑުއެހުމުގައި ސިޔާމްގެ ފަރާތުން ދައުވާ އަށް ޖަވާބުދާރީވި އިރު ސިޔާމްގެ ފަރާތުން ކުރި ބައެއް ސުވާލުތަކަށް ދައުލަތުން ވަނީ ޖަވާބު ދީފަ އެވެ. އެގޮތުން އެ މައްސަލައިގެ ލިޔުންތަކަކީ ސައްހަ އެއްޗެއްތޯ އާއި އެ ލަގެޖް ފާސްކުރީ ސިޔާމްގެ ހާޒިރުގައިތޯ އާއި އެ ލަގެޖް ހުރީ ތަޅުލާފައިތޯ އާއި ސިޔާމް އެ ތަނުގައި ހުރިތޯ ސިޔާމްގެ ވަކީލް އަލީ ޝާހު ދައުލަތާ ސުވާލު ކުރެއްވި އެވެ. ޖަވާބުގައި ދައުލަތުން ބުނީ އެ ލަގެޖް ފާސްކުރީ ސިޔާމްގެ ހާޒިރުގައި ނޫން ކަމަށް ހެކިންގެ ބަޔާންތަކުން އެނގޭ ކަމަށާއި އަދި އެ ލަޖެގް ހުރީ ތަޅުލާފައި ނޫންކަން ވެސް ހެކިންގެ ބަޔާންތަކުގައިވާ ކަމަށެވެ. އަދި އެ ލަޖެގުން ރާ ފުޅިއެއް ނެގީ ސިޔާމްގެ ހާޒިރުގައި ނޫން ކަމަށް ވެސް ދައުލަތުން ބުންޏެވެ. ނަމަވެސް އެ މައްސަލައިގެ ލިޔުންތަކަކީ ފުލުހުން ފޮނުވި ލިޔުންތައް ކަމަށްވާތީ އެ ލިޔުންތައް ސައްހަވާނެ ކަމަށް ދައުލަތުގެ ވަކީލް ވިދާޅުވި އެވެ. މިއަދުގެ އަޑުއެހުމުގައި ދައުލަތުން ވަނީ ސިޔާމާ ދެކޮޅަށް ފަސް މީހަކު ހެކިންގެ ގޮތުގައި ހުށަހަޅައިފަ އެވެ. އެގޮތުން ރާ ފުޅި ފެނުނު ކަމަށް ބުނާ ލަގެޖާ ހަވާލުވެ ހުރި މީހާ އާއި ކަސްޓަމްސްގެ ދެ އޮފިސަރެއްގެ އިތުރުން ރާ ފުޅި ތަހުލީލު ކުރި މީހާ އާއި ތަހުލީލު ކުރިއިރު ހާޒިރުގައި ހުރި މީހާ ވެސް ދައުލަތުން ހެކިންގެ ގޮތުގައި ހުށަހެޅި އެވެ. ސިޔާމްގެ ފަރާތުން ހުށަހަޅާނެ ދިފާއީ ހެއްކެއް ނެތް ކަމަށް ސިޔާމްގެ ވަކީލް ވިދާޅުވި އެވެ. އެ މައްސަލަ ބައްލަވާ އަބްދުﷲ ގާޒީ ވިދާޅުވީ ދެން އޮންނަ އަޑުއެހުމެއްގައި ދައުލަތުން ހުށަހެޅި ހެކިންގެ ހެކިބަސް ނަގާނެ ކަމަށެވެ. މިއަދުގެ އަޑުއެހުމަށް ވެސް ސިޔާމް ކޯޓަށް ހާޒިރުވީ ކޯޓުގެ ފަނޑިޔާރުންނާއި މުވައްޒަފުން ބޭނުން ކުރުމަށް ޚާއްސަ ދޮރުންނެވެ. ކޯޓަށް ވަނުމަށް ފަހު ވެސް ޝަރީއަތް ފެށުމާ ހަމައަށް ސިޔާމް ހުންނެވީ ކޯޓުގެ އެތެރޭގެ ސަރަހައްދެއްގަ އެވެ. މީގެ ކުރިން ބޭއްވި އަޑުއެހުމަށް ވެސް ސިޔާމް ކޯޓަށް ވެންނެވީ އެ ދޮރުންނެވެ. ސިޔާމް ކޯޓަށް ހާޒިރުވެ އިންނެވި ވަގުތަކީ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ވެސް ކްރިމިނަލް ކޯޓަށް ހާޒިރުކޮށްފައި އިން ވަގުތެއް ނަމަވެސް އިންތި އިންނެވީ ކޯޓަށް ހާޒިރުކުރާ އެހެން މީހުން ވެސް ތިބޭ ސަހަރައްދު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ