ކޯނީގެ ރިޕޯޓު ދިރާސާ ކުރުމަށް ސަރުކާރުގެ މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމެޓީން ކުރަމުން ގެންދާ މަސައްކަތްތަކަށް ކޯޕަންހޭގަން ޔުނިވާސިޓީގެ ޕްރޮފެސަރު އެންޑާސް ހެންރިކްސަންގެ ފަންނީ އެހީތެރިކަން ދެން ނުހޯއްދަވާނެ ކަމަށް އެކޮމެޓީގެ މުގައްރިރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.
ސީއެންއެމަށް މައުލޫމާތު ދެއްވަމުން އަލީ ވަހީދު ވިދާޅުވީ ފަންނީ އެހީތެރިކަން ހޯދުމަށް ނިންމާފައިވަނީ ކޮމެޓިގެ މަސައްކަތްތައް ވީއެންމެ ރަނގަޅަކަށް ގެންދިއުމަށް ކަމަށެވެ. ނަމަވެސް ވަކި ފިކުރެއްގެ ބަޔަކާ އެކަން މަތިކޮށްގެން ކުރެވޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.
ކޮމެޓީއަށް ފަންނީ ލަފާ ހޯދުމަށް ނިންމާފައިވާ އެންޑާސް ހެންރިކްސަންއަކީ މީގެ ކުރިން ފެބްރުއަރީ ހަތެއްގައި ވެރިކަން ބަދަލުވީ ގާނޫނާ ހިލާފަށް ކަމަށް ބުނެ ރިޕޯޓެއް ނެރުއްވާފައިވާ ބޭފުޅެކެވެ.
"އަޅުގަނޑުމެން މިމަސައްކަތް ކުރަނީ ވީއެންމެ ރަނގަޅަށް މިމަސައްކަތް ކުރިއަށް ގެންދަން، ކޯނީއަށް ހެދިހެން ކަނޑައެޅިގެން އެނގި ތިބެ އިސްމާއިލު ޝަފީއާއި އެހެން ބޭފުޅުން ލެއްވިހެން އަޅުގަނޑުމެން ނުހަދާނަން. އާއްމު ފަރާތަކުންވަނީ އެކަން އަޅުގަނޑުމެންގެ ސަމާލު ކަމަށް ގެނެސްފައި،" އަލީ ވަހީދު ވިދާޅުވިއެވެ.
އަލީ ވަހީދު ވިދާޅުވީ ފަންނީ ލަފާ ހޯދުމާ ދޭތެރޭ އަދި ރަސްމީކޮށް ވަކި ގޮތެއް ނިންމާފައި ނުވާ ކަމަށެވެ. ނަމަވެސް މާދަމާ ބާއްވާ ކޮމެޓީގެ ބައްދަލުވުމުގައި އެކަމާ މެދު ގޮތެއް ނިންމާނެ ކަމަށެވެ.
ކޯނީގެ ރިޕޯޓު ދިރާސާ ކުރުމަށް ފަންނީ ލަފާ ހޯދަން އިއުލާނުކޮށް ވަކި ފަރާތެއް ކަނޑައެޅި ނަމަވެސް އަދި އެމަސައްކަތް ފަށާފައެއް ނުވެއެވެ. މަޖިލީހުގެ އިދާރާއިންވަނީ މިވަގުތު ފަންނީ އެހީތެރިކަން ހޯދުމަށް މީހަކު އައްޔަން ކުރުމަށް ބަޖެޓުގައި ފައިސާ ނެތް ކަން ވެސް އަންގާފައެވެ.
ކޮމެޓީގެ މަސައްކަތްތަކަށް އެންޑާސް ހެންރިކްސަންގެ ފަންނީ އެހީތެރިކަން ނުހޯދާނެ: އަލީ ވަހީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ