ފޭދޫ ދާއިރާގެ މައްސަލަ ބަލައިގަތުމަށް ފަނޑިޔާރުންގެ މަޖިލީހުން ނިންމައިފި

މިދިޔަ މަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ އިންތިޚާބު ބާތިލްކޮށް ދިނުމަށް އެދި ހުށަހެޅި މައްސަލަ ބަލައިނުގަތުމަށް ހައި ކޯޓުގެ ރެޖިސްޓްރާ ނިންމެވި ނިންމެވުމުން ބަދަލުކޮށް، އެ މައްސަލަ ބަލައިގަތުމަށް އެ ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ނިންމައިފި އެވެ. ފޭދޫ ދާއިރާގެ އިންތިޚާބު ބާތިލްކޮށް ދިނުމަށް އެދި ހުށަހެޅުއްވީ އިދިކޮޅު އެމްޑީޕީން އެ ދާއިރާއަށް ވާދަކުރެއްވި މުހައްމަދު ނިހާދެވެ. މައްސަލަ ބަލައިނުގަތުމަށް ހައި ކޯޓުގެ ރެޖިސްޓްރާ ކުރިން ނިންމެވި ނަމަވެސް އެ ނިންމުން ބަދަލު ކުރުމަށް، ފަނޑިޔާރުންގެ މަޖިލީހުން ނިންމީ ނިހާދުގެ ފަރާތުން، ފަނޑިޔާރުންގެ މަޖިލީހުގައި އެކަން އިސްތިއުނާފް ކުރުމުންނެވެ. ހައި ކޯޓުގެ ގަވާއިދު ބުނާ ގޮތުން ރެޖިސްޓްރާގެ ނިންމުންތަކާ މެދު ހިތްހަމަނުޖެހޭނަމަ، އެ ނިންމުމެއް އަލުން ބަލައި ދިނުމަށް އެދި ފަނޑިޔާރުންގެ މަޖިލީހަށް ހުށަހެޅިދާނެ އެވެ. މިދިޔަ މަހުގެ 22 ގައި ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާ ގުޅިގެން، ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މިދިޔަ ހުކުރު ދުވަހުގެ ރޭ ބަންދުވިއިރު ޖުމްލަ 16 މައްސަލައެއް ހައި ކޯޓަށް ވަނީ ހުށަހަޅައިފަ އެވެ. ނަމަވެސް އޭގެ ތެރެއިން ހަތަރު ދާއިރާއެއްގެ މައްސަލަ ބަލައިނުގަތުމަށް ކޯޓުން ކުރިން ނިންމި ނަމަވެސް ފޭދޫ ދާއިރާގެ މައްސަލަ ބަލައިގަތުމާ އެކު އެ އަދަދު މިހާރު ވަނީ ތިނަކަށް ދަށްވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ