އެމްޑީޕީން އަށް މިލިއަން ޑޮލަރާއި ސަރުކާރުގެ 35 ޕަސެންޓް ހުށަހެޅި: ގާސިމް

ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގައި އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ނަޝީދަށް ތާއިދުކުމަށް އެދި އެމްޑީޕީން ރިޝްވަތުގެ ގޮތުގައި އަށް މިލިއަން ޑޮލަރުގެ އިތުރުން ސަރުކާރުގެ 35 ޕަސެންޓް ދިނުމަށް ހުށަހެޅި ކަމަށް އިންތިހާބުގެ ފުރަތަމަ ބުރުން ބަލިވި ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓް ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ. ޖޭޕީގެ މައި މާލަމް، ކުނޫޒުގައި ބޭއްވި ނިއުސް ކޮންފަރެންސްގައި އެ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް ވިދާޅުވީ އެމްޑީޕީގެ ހުށަހެޅުމުގައި ސަރުކާރާއި ރައްޔިތުންގެ މަޖިލީހުގެ އަދި ކައުންސިލްތަކާއި ސަރުކާރުގެ ކުންފުނިތަކުގެ 35 ޕަސެންޓް ޖޭޕީއަށް ދިނުމަށް ހުށަހެޅިއިރު، ޕީޕީއެމުން ހުށަހެޅުން ވެސް އޮތީ އެފަދަ ގޮތަކަށް ކަމަށެވެ. ޕީޕީއެމް އިން ހުށަހަޅާފައިވަނީ ސަރުކާރުގެ 33 ޕަސެންޓް ޖޭޕީއަށް ދިނުމަށެވެ. އިންތިހާބުގެ ދެ ވަނަ ބުރުގައި ރާއްޖޭގެ އެންމެ ބޮޑު އެއް މަހްޖަނު ގާސިމުގެ ތާއިދު ހޯދުމަށްޓަކައި އެމްޑީޕީން ފައިސާ ހުށަހެޅި ކަމަށް ގާސިމް ވިދާޅުވި ނަމަވެސް ޕީޕީއެމުން ފައިސާ ހުށަނާޅާކަމަށް ވިދާޅުވި އެވެ. "އަޅުގަނޑަށް ބުރީފް ކޭސް ހިފައިގެން އައިސް ފައިސް ދިން. އަށް މިލިއަން ޑޮލަރު ދިން،" ގާސިމް ވިދާޅުވި އެވެ. "އަޅުގަނޑަކީ މާއްދިއްޔަތަށް ގަނެލެވޭނެ މީހެއް ނޫންކަން އެނގެން ޖެހޭނެ. އެންމެ ކުޑައިރުން ފެށިގެން ވެސް މަސައްކަތް ކުރީ އެގޮތަށް. މަރުވެގެން ދާނީ ވެސް އެގޮތުގައި،" ފައިސާ ހުށަހެޅި މީހެއް ގާސިމް ވިދާޅެއް ނުވެ އެވެ. ނަމަވެސް ވަގުތު ޖެހުމުން އެއީ ކާކުކަން ވެސް ހާމަކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ޕީޕީއެމްގެ ކޯލިޝަން ދެމި އޮންނާނެކަމަށް ގަބޫލުކުރައްވަންތޯ ސުވާލު ކުރެއްވުމުން އެކަން ދެމިގެން ދިޔަސް ނުދިޔަސް، ޕީޕީއެމަށް ތާއިދުކުރެއްވީ އާދާއިގެ ހާލަތެއްގައި ގައުމު މިހާރު ނެތުމުން ކަމަށް ގާސިމް ވިދާޅުވި އެވެ. "މިއަދު މިއޮތީ އާދައިގެ ހާލަތެއް ނޫން... ގައުމުގެ ދަރަނި އޮތީ ކޮން ހިސާބެއްގައި ކަން ޓްރެޒަރީ ބިލަށް ފައިސާ ނަގަނީ ކިހާ އިންޓްރެސްޓެއް ދީގެން ކަން ތިއެއްޗެހިންނަކަށް، ތިކުދިންނަކަށް ނޭނގޭނެ،" ނޫސްވެރިންނަށް އިޝާރަތް ކުރައްވައި ގާސިމް ވިދާޅުވި އެވެ. ޕީޕީއެމްގެ ސަރުކާރެއްގައި، ސަރުކާރުގެ މަގާމެއްގައި ނުހުންނަވާނެ ކަމަށް ގާސިމް ވިދާޅުވި އެވެ. ނަމަވެސް ހާލަތު ނިޔާކުރާ ގޮތަކުން މަގާމެއްގައި ހުންނަވަން ޖެހިދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ގާސިމް ވިދާޅުވީ ނަޝީދުގެ ކެމްޕޭނަށް ބޭރުގެ ފަރާތްތަކުން ފައިސާ ދޭ ކަމަށާއި ރާއްޖޭން ބޭރުން އަންނަ އެމްބެސަޑަރުން ވެސް މަސައްކަތް ކުރަނީ އޭނާއަށް ވެރިކަން ހޯދައި ދިނުމަށް ކަމެވެ. އަދި ބޭރު ގައުމުތަކުގެ މަންދޫބުން ދިވެހިރައްޔިތުންނާމެދު ހެޔޮ އެދޭ ނަމަ އެމްޑީޕީއަށް ފައިސާ ދިނުމުގެ ބަދަލުގައި ދައުލަތަށް ފައިސާ ދޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެމްޑީޕީން ބޮޑެތި ހުށަހެޅުންތަކެއް އައި ނަމަވެސް ޕާޓީގެ ކައުންސިލުން ޕީޕީއެމަށް ދިއުމަށް ތާއިދުކުރީ އެ ޕާޓީގެ މެނިފެސްޓޯ އާއި ހުށަހެޅުން ރަނގަޅުވުމުން ކަމަށް ގާސިމް ވިދާޅުވި އެވެ. މިހާރު ގައުމަށް ކުރިމަތިވެފައިވާ މައްސަލަތަށާއި މިގައުމު މިނިވަންކަން މަތީ ބާއްވައި ދިނުމަށް އަދި އިސްތިގުލާލު ސަލާމަތްކުރުމަށްޓަކައި "ރަނގަޅު ޗޮއިސްއަކީ ޔާމީން" ކަމަށް އޭނާ ވިދާޅުވި އެވެ. ކައުންސިލުން ޔާމީނަށް ތާއިދުކުރީ ވެސް އެހެންވެ ކަމަށާއި ކައުންސިލްގެ އެ ނިންމުމާ އެއްގޮތަށް މަސައްކަތް ކުރައްވާނެ ކަމަށް 2008 ގައި ނަޝީދު ވެރިކަމަށް ގެންނެވުމަށް މަސައްކަތް ކުރެއްވި ގާސިމް ވިދާޅުވި އެވެ. "މިހާރު ހުރި ދެ ކެންޑިޑޭޓުންގެ ދެމެދުގައި ހާހަކާއި ސުމަކާ ދެމެދުގެ ތަފާތު އެބަހުރި،" ކުރިން ޔާމީނަށް ވެސް ވަރަށް ބޮޑަށް ފާޑުވިދާޅުވި ގާސިމް ޔާމީނަށް ތާއުރީފުކުރެއްވުމުގެ ގޮތުން ވިދާޅުވި އެވެ. މިހާރު ދައުލަތް އޮތީ ބޭންކްރަޕްޓް ވެފައިކަމަށާއި ޔާމީނަށް ތާއިދު ކުރަނީ ގައުމު އިގްތިސާދު ރަނގަޅުކޮށް، ހަރުމުދާ ބޭރު ފަރާތްތަކަށް ވިއްކާނުލުމަށާއި ގައުމުގެ ހަމަޖެހުމަށާއި އިސްތިގުލާލަށް ކަމަށް ގާސިމް ވިދާޅުވި އެވެ. އެމްޑީޕީން ޖުޑިޝަރީ އިސްލާހުކުރާ ވާހަކަ ދައްކާއިރު ޖުޑިޝަރީގައި ވެސް މައްސަލައެއް ނެތް ކަމަށާއި ނުބައެއް އޮތްނަމަ އޮތީ ނަޝީދުގެ މައްސަލަ ހައްލުނުވުން ކަމަށް ވެސް ޖޭއެސްސީގެ ކުރީގެ މެމްބަރު ގާސިމް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ