މި ވަގުތަށް ގޭގައި މަޑުކުރުމުން ފުދޭނެ!

އަމިއްލައަށް ގޭގައި "ލޮކްޑައުން" ވެގެން ތިބޭކަށް ބޭނުމެއް ނުވެ އެވެ. އެކަމަކު މާލެ ލޮކްޑައުން ކުރަން ވެސް އެދެ އެވެ. އަދި މަގު މައްޗަށް ނުކުމެ ހޭލަމޭލައަށް އުޅެން ވެސް ބޭނުންވެ އެވެ. ޑަބްލިޔޫއެޗްއޯ އާއި ސަރުކާރުތަކާއި އެހެނިހެން ސިއްހީ އިދާރާތަކާއި ސިއްހީ މާހިރުންނާއި ޑޮކްޓަރުންގެ ހުރިހާ ވެސް ވާހަކައަކީ މިވަގުތަށް އެންމެވެސް ގެއަށް ވަދެ ގޭގައި މަޑުކޮށްލުމެވެ. ކޮންމެހެން ނުކުންނާން ޖެހިއްގެ ހާލަތެއްގައި ނޫނީ ބޭރަށް ނުކުމެ ނޫޅުމެވެ.
އެއީ މިވަގުތު ދިވެހި ދައުލަތަށްޓަކައި ދިވެހިންނަށް ކޮށްލައި ދެވިދާނެ ކުޑަކުޑަ އެކަމަކު ބޮޑު ކަމެކެވެ.
މާލެ އަކީ ފުރިފައިވާ ވެރިރަށެވެ. ކޮވިޑް-19 އާ ގުޅުގިން އަދިވެސް މުޅީން ލޮކްޑައުންއަކަށް މާލެ ގެންގޮސްފައެއް ނުވެއެވެ. މާލޭގައި އެއްވެސް ކަހަލަ ކާފިއުއެއް ވެސް ނެތެވެ. މުޅި މާލެ ލޮކްޑައުންއަކަށް ގެންގޮސް ކާފިއު ހިންގައިފިނަމަ ފުރިފައިވާ ރަށުގައި އުޅޭ ދެލައްކައެއްހާ މީހުނަށް ކިހާ އުދަނގުލެއް ވާނެ ހެއްޔެ؟
މިހާރުވެސް ރައްކާތެެރި ކަމަށްޓަކައި ވަރަށް ގިނަ ހިދުމަތްތައް ހުއްޓުވާފައިވާ މާލެ، ވަގުތަށްވުރެ ކުރިން ލަކްޑައުންއަކަށް ދާން މަޖުބޫރުވާ ގޮތަށް އަމަލުތައް ބެހެއްޓުމުގެ ބޭނުމެއް ނެތެވެ.
އެހެން ނަމަވެސް މާލޭގެ މަގުތައް މިހާރުވެސް ފެންނަނީ ކާރޫބާރު ބޮޑުކޮށެވެ. ދިމަ ދިމާއިން މީހުން ނުކުމެ ބުރުޖަހައި ތަންތަނަށް އެބައެއްވެ އެވެ. ޓެކްއަވޭގެ ގޮތުގައި ކޮފީ ނަގައިގެން ގޮސް ބަންދު ކޮށްފައިވާ ޕާކުތަކަށް ޖަމާވެ އެވެ. އެކަކުވެސް ގޭގައި މަޑެއް ނުކުރާކަށް އަދިވެސް ނޫޅެ އެވެ.
ރާއްޖޭގައި ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން ބަޔަކު ރަނގަޅުވެއްޖެ އެވެ. އަދި އިތުރު މީހަކު ފަހުން ބައްޔަށް ޕޮޒިޓްވެގައި ނުވާތީ ފަރުވާ ކުޑަކޮށްލާފައި ބޭރަށް ނުކުމެ ގަތުމަކީ ކުރާން ހެޔޮވާވަރުގެ ކަމެއް ނޫނެވެ. އިތުރު މީހަކަށް ބަލި ނުޖެހި ދިގުލަމުން ދިޔައަސް މާލޭގެ މަގުތަކަށް "އީދު" ގެންނާކަށް އަދި ނުވެއެވެ.
މިވަގުތު ސޯޝަލް ޑިސްޓެންސިންއަށް ބާރު އަޅަންޖެހެނީ ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް ވައިރަސް ފެތުރިގެން ގޮސްފައި ވަނީ ކުއްލިއަކަށް ކަމަށްވާތީ އެއީ ފިލާވަޅެއް ކަމަށް ބަލައިގެނެވެ. ކޮވިޑް-19 އަކީ ވަރަށް ފަސޭހައިން ގައިން ގަޔަށް ދަތުރުކުރާ ބައްޔެކެވެ. މާލޭ ތެރެއަށް ނުކުމެ އުޅޭ މީހަކަށް އެ ބަލި ޖެހިފައިވާނަމަ، އިތުރު ބަޔަކަށް އެ ބަލި ޖެހުމުގެ ފުރުސަތު ވަރަށް ބޮޑު ވާނެ އެވެ. އަދި ފުރި ބާރުވެފައިވާ މާލޭގައި ހުރި މީހެއްގެ ގައިން ބަލި ފެނުނަސް ކޮންޓެކްޓް ޓްރޭސިންގް ހެދުމުގައި ކުރިމަތިވާނެ ގޮންޖެހުން ވަކީން ބޮޑުވާނެ އެވެ.
އެން ކަމުން ދައުލަތަށް އެހީތެރިވެ ދިނުމުގެ ގޮތުން އެއްވެސް މީހަކު މިވަގުތު މާ ބޮޑު ކަމެއް ކުރާކަށް ނުޖެހެ އެވެ. ކޮށްދޭންވީ ހަމައެކަނި ގޭގައި މަޑުކޮށްލައި ދިނުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ