ސުޕްރީމް ކޯޓުގެ ބެންޗާ މެދު ފިޔަވަޅު އަޅަން އެމްޑީޕީން ޖޭއެސްސީގައި އެދިއްޖެ

ސިވިލް ކޯޓުގެ ގާޒީ މަރިޔަމް ވަހީދަށް ފަނޑިޔާރުކަން ކުރުމުގެ ހައިސިއްޔަތު ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން ނިންމި ނިންމުމާ ގުޅިގެން އުއްތަމަ ފަނޑިޔާރާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާ މެދު ފިޔަވަޅު އަޅައިދޭން އެދި އެމްޑީޕީން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހަޅައިފި އެވެ.
ވ. ބޮޑުމޮހޮރާގެ އެއްބަސްވުމުގައި ސޮއިކުރަން ދައުލަތުގެ މައްޗަށް ކޮށްފައިވާ ހުކުމެއް ތަންފީޒު ކުރަން ގާޒީ މަރިޔަމް ވަހީދު ކުރެއްވި ހުކުމާ ގުޅިގެން މިދިޔަ ބުރާސްފަތި ދުވަހު ސުޕްރީމް ކޯޓުން އަމުރުކުރީ އެއްވެސް ކޯޓެއްގައި ޝަރީއަތް ކުރުމުގެ ހައިސިއްޔަތެއް ގާޒީ މަރިޔަމަށް ނެތް ކަމަށެވެ.
އެކަމަކު ސުޕްރީމް ކޯޓުގެ އެ އަމުރުގައި އެ ކޯޓުގެ އެއްވެސް ފަނޑިޔާރެއްގެ ސޮޔެއް ނެތެވެ.
އެ މައްސަލާގައި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ހަތަރު ފަނޑިޔާރުންނާ މެދު ފިޔަވަޅު އަޅައިދޭން އެދި އެމްޑީޕީން ޖޭއެސްސީ އަށް ފޮނުވި ސިޓީގައި ވަނީ ފަސް ފަނޑިޔާރުންގެ އަމަލު ގާނޫނު އަސާސީއާ ޚިލާފް ކަމަށެވެ. ފަނޑިޔާރުންނާ މެދު ފިޔަވަޅު އެޅުމަކީ ޖޭއެސްސީގެ މަސްއޫލިއްޔަތެއް ކަމަށް ވާއިރު އެއް ފަނޑިޔާރަކު އަނެއް ފަނޑިޔާރަކާ ދެކޮޅަށް ފިޔަވަޅު ނޭޅޭނެ ކަމަށް އެ ސިޓީގައިވެ އެވެ.
މީގެ އިތުރުން ސުޕްރީމް ކޯޓުގެ އެ އަމަލަކީ ގާނޫނުލް އުގޫބާތުގެ ދަށުން ކުށެއް ކަމަށް ވެސް، ޖޭއެސްސީގެ ނައިބު ރައީސް މުހައްމަދު ފައިސަލަށް އެމްޑީޕީން ފޮނުވި ސިޓީގައިވެ އެވެ.
އެ މައްސަލާގައި މީގެ ކުރިން އެމްޑީޕީން ވަނީ ކަންބޮޑުވުން ފާޅުކޮށް، އެއީ ފަނޑިޔާރުންނަށް ދިން އިންޒާރެއް ކަމަށް ބުނެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ