ޓްރަމްޕުގެ އިސްތިއުނާފް ކޯޓުން ގަބޫލެއް ނުކުރި

ވޮޝިންޓަން (ފެބްރުއަރީ 5) - މުސްލިމް ހަތް ގައުމެއްގެ މީހުން އެމެރިކާ އަށް ވަނުން މަނާކުރުމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ނެރުއްވި އަމުރު ވޮޝިންޓަނުގެ ކޯޓަކުން ހުއްޓުވާފައިވާ މައްސަލަ އިސްތިއުނާފް ކުރުމުން ކޯޓުން ބަލެއް ނުގަތެވެ.
ޖަސްޓިސް ޑިޕާޓްމަންޓުން މައްސަލަ އިސްތިއުނާފް ކުރި އިރު ހޯމްލޭންޑް ސެކިއުރިޓީ ޑިޕާޓްމަންޓުން ވަނީ ކޯޓު އަމުރަށް ތަބާވާނެ ކަމަށް ބުނެފަ އެވެ. ވޮޝިންޓަންގެ ޑިސްޓްރިކްޓް ޖަޖް ޖޭމްސް ރޮބާޓުގެ ވަގުތީ އަމުރު ހުކުރު ދުވަހުން ފެށިގެން އެމެރިކާގެ ހުރިހާ ސްޓޭޓެއްގައި ވެސް ހިނގާނެ އެވެ.
ޓްރަމްޕުގެ އިމިގްރޭޝަން ސިޔާސަތަށް މިދިޔަ ހަފުތާގައި ބަދަލު ގެނައި ފަހުން 60،000 ވިސާ ކެންސަލްކޮށްފައިވާ ކަމަށް ސްޓޭޓް ޑިޕާޓްމަންޓުން ވަނީ ބުނެފަ އެވެ. ޓްރަމްޕު ނެރުއްވި ރިޔާސީ ގަރާރުގައި ވަނީ ސީރިއާ، އިރާގު، އީރާން، ލީބިއާ، ސޮމާލިއާ، ސޫދާން އަދި ޔަމަނު މީހުން އެމެރިކާ އަށް އެތެރެވުން 90 ދުވަހަށް މަނާކޮށްފަ އެވެ. އަދި ރެފިއުޖީ އެޑްމިޝަން ޕްރޮގްރާމް ވަނީ 120 ދުވަހަށް ހުއްޓާލައިފަ އެވެ.
ކޯޓު އަމުރު އިސްތިއުނާފް ކުރަމުން އެމެރިކާ ސަރުކާރުން ބުނެފައި ވަނީ އިމިގްރޭޝަން ސިޔާސަތަށް ބަދަލު ގެނައި އެމެރިކާގެ ހިމާޔަތަށް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ