އިންޓަ-ސްކޫލް މުބާރާތުން ހޮވާލެވޭ ކުޅުންތެރީން ގައުމީ ވޮލީ ޓީމަށް!

އިންޓަ ސްކޫލް ކޮލެޖް އަދި ޔުނިވާސިޓީ ވޮލީބޯޅަ މުބާރާތުން ހޮވާލެވޭ މޮޅެތި ކުޅުންތެރީންނަށް ރާއްޖޭގެ އެކި އުމުރު ފުރާ ތަކުގެ ގައުމީ ވޮލީ ޓީމުތަކުގައި ޖާގަ ދިނުމަށް ނިންމާފައިވާކަމަށް ވޮލީބޯޅަ އެސޯސިއޭޝަންގެ ރައީސް މުހައްމަދު ލަތީފް ވިދާޅުވެއްޖެއެވެ. އިންޓަރ ސްކޫލް ވޮލީ މުބާރާތުގައި ވާދަކުރާ ޓީމުތަކަށް ޖާޒީ ދިނުމަށް މިއަދު މެންދުރު ޒުވާނުންގެ މަރުކަޒުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ލަތީފް ވިދާޅުވީ، މި މުބާރާތުން ހޮވާލެވޭ ކުޅުންތެރީންނަށް، ރާއްޖޭގެ އެކިއެކި އުމުރުފުރާ ތަކުގެ ގައުމީ ޓީމު ތަކުން ފުރުޞަތު ދިނުމަށް އެ އެސޯސިއޭޝަނުން ނިންމާފައިވާކަމަށެވެ. "އެ މުބާރާތް ނިމުމުން 14 އަހަރުން ދަށް 16 އަހަރުން ދަށް އަދި 19 އަހަރުންދަށުގެ އެލީޓް ޓީމު ތަކަށް ކުޅުންތެރީން ނަގާނަން. އަޅުގަނޑުގެ ވިސްނުމަކީ އަބަދުވެސް ވިއްސަކަށް ކުޅުންތެރީން އަބަދުވެސް ޓްރޭނިންގެ ކުރިއަށް ގެންދިޔުން،" ލަތީފް ވިދާޅުވިއެވެ. ލަތީފް ވިދާޅުވީ، އެލީޓް ޓިމުތައް އެކިއެކި އުމުރުފުރާއިން ނަގައިގެން ތަމްރީނުތައް ކުރިއަށް ގެންދެވޭނެ ގޮތުގެ ޕްލޭންތައް ހަދަމުންދާކަަމަށާއި ސްޕޮންސަރަކު ހަމަޖައްސައިގެން މި މަސައްކަތް ކުރިއަށް ގެންދިޔުމަށް ރާވަމުންދާކަމަށެވެ. މިދިޔަ އަހަރު ވީއޭއެމްގެ ރައީސް ކަމުގެ މަގާމާ ހަވާލުވެ ލެއްވުމަށްފަހު ޔޫތު ޑިވެލޮޕްމަންޓް ޕްރޮގްރާމް ތަކަށް އިސްކަމެށް ދެއްވާނެކަމަށް ލަތީފް ވަނީ ވިދާޅުވެފައެވެ. އަދި މިއަދުވެސް އޭނާ ވަނީ އެ ވާހަކަ ތަކުރާރުކުރައްވައިފައެވެ. "ޔޫތް ޑިވެލޮޕްމަންޓް ޕްރޮގްރާމްތައް ވަަރަށް ބާރަށް ކުރިއަށް ގެންދިޔުމަށް މަސައްކަތް ކުރަމުން މިދަނީ. ސްކޫލުތަކުގައި ވޮލީ މިހާރަށް ވުރެ ހަރުދަނާ ކުރެވޭނީ ވައިޑީޕީ ޕްރޮގްރާމްތައް ކުރިއަށް ގެންގޮސްގެންކަން އަޅުގަނޑު ޤަބޫލުކުރަން،" ލަތީފް ވިދާޅުވިއެވެ. ލަތީފް ވިދާޅުވީ، އަތޮޅު ތެރޭގެ ޓީމުތަކުން އެލީޓް ޓީމުތަކަށް ހޮވޭ ކުޅުންތެރީން ކިޔެވުން ދޫކޮށްލާފައި މާލެ އަންނަން ނުޖެހޭނެކަމަށާއި ސަރުކާރު މެދުވެރިކޮށް އެކުދީންނަށް ކިޔެވުމާ އެކު ކުޅުން ކުރިއަށް ގެންދެވޭނެ މަގު ފަހި ކޮށްދޭން މަސައްކަތް ކުރާނެ ކަމަށެވެ. "ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން، ޅަ އުމުރުގައި ކުޅިވަރުގެ ހުނަރު ހުރި ކުޅުންތެރީންނަށް އެބަ ފުރުޞަތުދޭ ސްކޮލަޝިޕްގެ އެހީގައި. މާލޭގައި ކިޔެވުމާ އެކު ކުޅުން ކުރިއަށްގެންދަން. އަޅުގަނޑު ޤަބޫލުކުރަނީ އެފަދަ ފުރުޞަތުތައް ވޮލީ ކުޅޭ ކުޅުންތެރީންނަށްވެސް ސަރުކަރުގެ ތެރެއިން އެފަދަ ފުރުޞަތުތައް ލިބިގެންދާނެކަމަށް،" ލަތީފް ވިދާޅުވިއެވެ. އިންޓަ ސްކޫލް އަދި ކޮލެޖް ޔުނިވާސިޓީ ވޮލީބޯޅަ މުބާރާތުގައި ޖުމްލަ 44 ޓީމަކުން ވަނީ ބައިވެރިވެފައެވެ. މިމުބަރާތުގައި ހަމަ އެކަނި ސްކޫލްތަކުން ވެސް ޖުމުލަ 408 ކުޅުންތެރީން ވާދަކުރާއިރު ވޮލީ އެސޯސިއޭޝަނުން ބުނީ މިއީ މިހާތަނަށް ބޭއްވޭ އެންމެ ބޮޑު އިންޓަރ ސްކޫލް ކޮލެެޖް އަދި ޔުނިވާސިޓީ ވޮލީ ބޯޅަ މުބާރާތަށް ވެގެންދާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ