ކުރިއަށް އޮތް ތިން ދުވަހު މެދުރާއްޖެ ތެރެއާއި އުތުރަށް މޫސުން ގޯސްވާނެ

ކުރިއަށް އޮތް ތިން ދުވަހު މެދު ރާއްޖެ ތެރެއާއި އުތުރުގެ ސަރަހައްދަށް ވާރެވެހޭނެ ކަމަށް ލަފާކުރާ ކަމަށް މޫސުމާއި ބެހޭ އިދާރާ (މެޓް) އޮފީހުން ބުނެފިއެވެ.
މެޓް އޮފީހުން ވަނީ މިއަދު ހެނދުނު 06:15- 12:15 އަށް އެ ސަރަހައްދުތަކަށް ވައިޓް އެލާޓް ވެސް ނެރެފައެވެ.
އުތުރާއި މެދު ރާއްޖެ ތެރޭ ހިމެނޭ ލ އަތޮޅުން ފެށިގެން ހަ އަތޮޅާއި ދެމެދު ވާރެ ވެހޭނެ ކަމަށާއި ކުރިއަށް އޮތް ތިން ދުވަހު މޫސުން ގޯސްވާނެ ކަމަށް މެޓް އޮފީހުން ލަފާ ކުރެއެވެ.
"ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކުރާނެ އަދި ބައެއްރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވޭ. އާއްދިއްތަ ދުވަހު ކޮންމެވެސް ވަރަކަށް ރަނގަޅު ވާނެ" މެޓް އޮފީހުގެ އޮފިޝަލަކު ބުންޏެވެ.
މެދުތެރެއާއި އުތުރުގެ އަތޮޅުތަކަށް އުތުރާއި އިރު އުތުރުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި، އެހެން ހިސާބުތަކުގައި ހުޅަނގުއުތުރާއި އުތުރުން ގަޑިއަކު ފަސް މޭލާ 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް ވެސް މެޓް އޮފީހުން ބުނެއެވެ.
މެޓް އޮފީހުން ބުނީ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ