މަޖިލީހުގެ ނައިބު ރައީސް ހޮވާ ޖަލްސާ މާދަމާއަށް ފަސްކޮށްފި؛ ޕީއެންސީ ލީޑާޝިޕުން އަދި ގޮތެއް ނުނިންމާ

މަޖިލީހުގެ ނައިބު ރައީސްއަށް ޕީއެންސީ ތެރެއިން ގެންނާނެ ބޭފުޅަކު ފައިނަލް ނުވެ، މިއަދު މެންދުރަށް ތާވަލު ކުރި މަޖިލިސް ޖަލްސާ މާދަމާއަށް ފަސްކޮށްފި އެވެ.
ވީ ކިިހިނެއް؟ - މަޖިލީހުގެ ނައިބު ރައީސްގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމް ވަކިކުރަން ޕީއެންސީން މަޖިލީހަށް ހުށަހަޅާފައި ވަނިކޮށް، އޭނާ އަމިއްލައަށް މިއަދު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
ތަފްސީލު - ނާޒިމް ވަކިކުރުމާ ގުޅޭ ޖަލްސާ އޮތީ މިއަދު 9 ޖެހިއިރު އެވެ. ނަމަވެސް ޖަލްސާ ފެށެން ކުޑަ ވަގުތުކޮޅެއް އޮއްވާ އޭނާ ވަނީ، ތުހުމަތުތަކަށް އިންކާރުކުރައްވައި މަގާމުން އިސްތިއުފާ ދެއްވާފަ އެވެ. އެހެންވެ މިއަދުގެ ޖަލްސާ އިތުރަށް ކުރިއަށް ނުގެންގޮސް ނިންމާލި އެވެ.
ޖަލްސާ ނިންމާލައްވަމުން ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުރަހީމް އަބްދުﷲ ވިދާޅުވީ، މިއަދު މެންދުރު 1 ޖަހާއިރު އިތުރު ޖަލްސާއެއް ބާއްވާނެ ކަމަށެވެ. އެ ޖަލްސާއަކީ ނައިބު ރައީސަކަށް ބޭފުޅަކު އިންތިހާބު ކުރުމަށް ބާއްވަން އުޅުނު ޖަލްސާ އެވެ.
ނަމަވެސް މަޖިލިސް އިދާރާއިން މިހާރު ވަނީ މެންދުރުގެ ޖަލްސާ ނޯނާނެކަން މެންބަރުންނަށް އަންގާފަ އެވެ.
މަޖިލިސް އިދާރާއިން މިހާރު ނެރެފައިވާ ނޯޓިސްގައިވާ ގޮތުން، ދެން ޖަލްސާ ބާއްވާނީ މާދަމާ ހެނދުނު 9 ޖަހާއިރު އެވެ.
އެނގިފައިވާ ގޮތުގައި، އެ ޖަލްސާގައި މަޖިލީހުގެ ނައިބު ރައީސަކަށް މެންބަރަކު އިންތިހާބު ކުރާނެ އެވެ.
"އަދި ލީޑާޝިޕުން ނުނިންމާ ނައިބު ރައީސަކަށް ގެންނާނެ މީހަކު،" ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕުގެ މެންބަރަކު 'ދައުރު'އަށް ވިދާޅުވި އެވެ.
ފާހަގަކޮށްލެވޭ ކަމެއް - މަޖިލީހުގެ ނައިބު ރައީސްއަށް ގެންނާނެ ބޭފުޅަކު އަދި ޕީއެންސީ ތެރެއިން ނިންމާފައި ނުވާއިރު، މިހާތަނަށް މި މަގާމަށް އަންނާނެ ކަމަށް ބެލެވޭ ހަތަރު ބޭފުޅަކު އެބަތިއްބެވި އެވެ. އެއީ:
ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު
މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ތޯރިގް (ޓޮމް)
ޕީޖީ ލީޑަރު، އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު
އޭދަފުށި ދާއިރާގެ މެންބަރު އަހްމަދު ސަލީމް (ރެޑްވޭވް ސަލީމް)
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ