މަޖިލިހުގެ ނައިބު ރައީސް ހޮވުމުގެ ޖަލްސާ މާދަމާ އަށް ފަސްކޮށްފި

ރައްޔިތުންގެ މަޖިލިހަށް އާ ނައިބު ރައީސަކު އިންތިހާބު ކުރުމުގެ ޖަލްސާ މާދަމާ އަށް ފަސްކޮށްފި އެވެ. 
މަޖިލިހުގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި އަހުމަދު ނާޒިމްގެ އިތުބާރު ނެތްކަމުގެ މައްސަލަ މިއަދުގެ ހެނދުނުގެ ޖަލްސާ އަށް ތާވަލް ކޮށްފައި ވަނިކޮށް، ޖަލްސާ ފެށުމުގެ ކުޑައިރުކޮޅެއް ކުރިން އޭނާ އިސްތިއުފާ ދެއްވުމާ އެކު، އެ މަގާމު ވަނީ ހުސްވެފަ އެވެ. 
އެހެންވެ، މަޖިލިހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ހެނދުނު ޖަލްސާގައި އިއުލާން ކުރެއްވީ މިއަދުގެ މެންދުރު އެކެއް ޖަހާއިރު ޖަލްސާއެއް ބާއްވާނެ ކަމަށެވެ. ނަމަވެސް މަޖިލިހުގެ އިދާރާ އިން އިއުލާންކުރި ގޮތުގައި ޖަލްސާއެއް ދެން ބާއްވާނީ މާދަމާގަ އެވެ. 
ޖަލްސާގެ އެޖެންޑާ އިއުލާން އަދި ނުކުރެ އެވެ. ނަމަވެސް ރައްޔިތުންގެ މަޖިލިހުގެ ސުޕަމެޖޯރިޓީ ޕާޓީ ޕީއެންސީގެ އިސް މެމްބަރަކު ވިދާޅުވީ، އިތުރު ޖަލްސާއެއް ބާއްވަނީ މަޖިލިހަށް އާ ނައިބު ރައީސަކު އިންތިހާބު ކުރާށެވެ. 
މޭ 28، 2024 އިން ފެށިގެން ރައްޔިތުންގެ މަޖިލިހުގެ ނައިބު ރައީސްގެ މަގާމުގެ ޒިންމާ އަދާކުރައްވަމުން ގެންދަވާ ނާޒިމްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ޕީއެންސީގެ ޕާލަމެންޓްރީ ގުރޫޕުގެ 73 މެމްބަރަކު ސޮއިކުރައްވައި ހުށަހެޅީ މަޖިލީހުގެ މަސްލަހަތު ނަގާލުން ހިމެނޭ ގޮތުން ބޮޑެތި ތުހުމަތުތަކެއް ކުރެވޭތީ ކަމަށް އެ މައްސަލައިގެ ގަރާރުގައި ވެ އެވެ.
އޭގެ ތެރެއިން އެއް ސަބަބަކީ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ނަގާ ކަމުގެ ތުހުމަތެވެ. އަދި ދެވަނަ ތުހުމަތަކީ މަޖިލީހުގެ މަސްލަހަތު ނަގާލަން ހިތްވަރުދީ ޒިންމާއިން ބަރީއަވުން ކަމަށް އެ ގަރާރުގައިވެ އެވެ.
The most trusted news source in the Maldives
ނަމަވެސް މަޖިލިހުގެ ނައިބު ރައީސްގެ މަގާމުން އިސްތިއުފާ ދެއްވައި ނާޒިމް ނެރުއްވި ބަޔާނުގައި ވަނީ އެ ހުރިހާ ކަމަކަށް އިންކާރު ކުރައްވައި ދޮގު ވެސް ކުރައްވައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ