އާޓެޓާ އަށް ވިސްނުނީ އާސެނަލް އަދިވެސް ލެވަލް މަތިކުރަން ޖެހޭކަން

ބުޑަޕެސްޓް، ހަންގޭރީ (މެއި 31) - ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ރޭ ޕެނަލްޓީ ޖަހައިގެން ޕީއެސްޖީ އަތުން ބަލިވުމާއި މުޅި މެޗަށް ބަލާއިރު ކަންތައްތައް ދިޔަ ގޮތުން ޔަގީންވި ކަމަކީ ޓީމުގެ ލެވަލް މަތިކުރަން ކުރަންޖެހޭ ކަންކަން އަދިވެސް އާސެނަލުން އިތުރުކުރަން ޖެހޭކަން ކަމަށް އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ ބުނެފި އެވެ. 
މެޗަކުން ބަލިނުވެ، މި ފަހަރުގެ ޗެމްޕިއަންސް ލީގުގެ ފައިނަލަށް އާސެނަލުން ދަތުރުކުރިއިރު، 20 އަހަރު ކުރިން ކުޅުނު ޗެމްޕިއަންސް ލީގުގެ ފައިނަލެކޭ އެއްގޮތަށް ރޭގެ މެޗުގައި ވެސް އެ ޓީމުން ލީޑުނެގި އެވެ. އެކަމަކު، ދެ ވަނަ ހާފުގައި ޕީއެސްޖީން ނަތީޖާ ހަމަަހަމަކޮށް މެޗު އިތުރު ވަގުތުގެ ދެ ހާފު ކުޅެން ޖެހުނެވެ. އެ އަށް ފަހު ވެސް ނަތީޖާ ނުނެރެވިގެން ޕެނަލްޓީ ޖަހައިގެން 4-3 އިން ޕީއެސްޖީން ވަނީ އާސެނަލް ބަލިކޮށް ޗެމްޕިއަންސް ލީގުގެ ތަށި ދިފާއުކޮށްފަ އެވެ. 
ފައިނަލުގައި ޕެނަލްޓީ ޖަހައިގެން 4-3 އިން އާސެނަލް ބަލިކޮށްލައި، ޕީއެސްޖީން ޔޫރަޕްގެ އެންމެ ބޮޑު ކްލަބް ފުޓްބޯޅަ މުބާާރާތް، ޔުއެފާ ޗެމްޕިއަންސް ލީގުގެ ތަށި ވަނީ ދިފާއުކޮށްފައި. އާސެނަލުން މުބާރާތުގެ ފައިނަލަށް ދެ ފަހަރު ދިޔައިރު، ދެ ފަހަރު ވެސް ވަނީ ބަލިވެފައި. ޕީއެސްޖީން ތިން ފައިނަލު ކުޅެ ދެ ފަހަރު މި ވަނީ ޗެމްޕިއަންކަން ހޯދައިފައި
މެޗަށް ފަހު އާސެނަލްގެ ކޯޗު އާޓެޓާ ވަނީ ޕީއެސްޖީ އަށް މަރުހަބާ ކިޔައި، އެ ޓީމަކީ ދުނިޔޭގެ އެންމެ މޮޅު ޓީމު ކަމަށް ބުނެފަ އެވެ. 
"އެ މީހުން (ޕީއެސްޖީ) ޓީމެއްގެ ގޮތުގައި ބޯޅަ ހިފަހައްޓައިގެން، އިންޑިވިޖުއަލީ ބެލިޔަސް އެ ކުޅޭ ކުޅުމަކީ މީގެ ކުރިން އަހަންނަށް ފެނިފައި ހުރި ކަމެއް ނޫން. އަހަރެމެންނަށް ބޯޅަ ނުލިބި ތިބެ، ކުޅެން ޖެހުނީ މީގެ ކުރިން ވިސްނާފައި ވެސް އޮތް ގޮތަކަށް ނޫން. އެހެންވީމަ، ޕީއެސްޖީ އެ ކުރަނީ ވަރަށް މޮޅު މަސައްކަތެއް،" އާޓެޓާ ބުންޏެވެ. 
"މިދިޔަ އަހަރުތަކުގައި އަހަރެމެން ކުރި މަސައްކަތް އިތުރަށް ރަނގަޅުކުރަން ޖެހޭނެ. އަދި، އަހަރެމެންގެ ލެވަލް ވެސް ކޮންމެ އަހަރަކު އިތުރަށް ވަރުގަދަކުރަންޖެހޭކަން މި އެނގެނީ،" 
ބާވީސް އަހަރަށް ފަހު، އާސެނަލަށް އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ލިބުނީ މި ސީޒަނުގަ އެވެ. ޗެމްޕިއަންސް ލީގުގެ ތަށި ހޯދަން ނޫނީ ޔޫރަޕްގެ ފުޓްބޯޅައިގައި ކާމިޔާބެއް ހޯދަން އާސެނަލުން ކުރާ މަސައްކަތް އަނެއްކާ ވެސް ދިގުލަައިދިޔައީ އެެެވެ. އާޓެޓާ ބުނީ، ލިބޭ ތަޖުރިބާތަކުން ހިތްވަރު ހޯދައި، އިތުރަށް މަސައްކަތް ކުރާނެ ކަމަށެވެ. 
"މިރޭ (މި ފައިނަލުން ބަލިވުމުން) މި ލިބޭ ހިތާމަ އިން ވެސް ކަންކަން ދަސްކުރެވޭނެ. މިކަންކަން ހަޖަމުކޮށް، މިކަމުން އާދަޔާހިލާފު ރޫހެއްގައި ދެން އަންނަ އަހަރު އެހެން ލެވަލަކަށް ގެންގޮސްގެން، ޔޫރަޕްގައި ވާދަކުރަންވީ،" އާސެނަލް ކޯޗެއްގެ ގޮތުގައި ހަތް ވަނަ އަހަރު ފުރިހަމަކުރުމާ ގާތުގައި ހުރި އާޓެޓާ ބުންޏެވެ. 
އޭނާ ވަނީ ރޭގެ މެޗުގެ އިތުރު ވަގުތުގެ ހާފުގެ ތެރޭގައި، އާސެނަލްގެ ނޯނީ މަޑުއޭކޭ އަށް ޕީއެސްޖީގެ ނޫނޯ މެންޑޭސް ކުރި ފައުލަށް ޕެނަލްޓީއެއް ދޭން ޖެހޭ ކަމަށް ބުނެފަ އެވެ. އަދި، ޕެނަލްޓީ ނުދޭން  ރެފްރީގެ އެ ނިންމުމާ މެދު ހިތްހަމަނުޖެހުން ފާޅުކުރުމުން އޭނާ އަށް ރީނދޫ ކާޑެއް ދެއްކިއިރު، އާޓެޓާ ބުނީ އެއީ ކުރަން ޖެހޭ އެޕީލެއް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ