ޔޫއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ރޭ އާސެނަލް ބަލިކޮށް ޖެހިޖެހިގެން ދެވަނަ ފަހަރަށް ޕީއެސްޖީން ތަށި ހިއްލާލައިފި އެވެ.
މީގެ ކުރިން ޖެހިޖެހިގެން ދެފަހަރަށް ޗެމްޕިއަންސް ލީގުގެ ތަށި ހިއްލާލާފައިވަނީ ރެއާލް މެޑްރިޑުން އެކަންޏެވެ. އެއީ 2016-2018 އަށް ޖެހިޖެހިގެން 3 ފަހަރު ރެއާލުންނެވެ. އެހެންކަމުން މިމޮޅާއެކު ޕީއެސްޖީން މިވަނީ ޗެމްޕިއަންސް ލީގުގެ ތާރީހުން ޖާގަ ހޯދައިފަ އެވެ.
އެއީ 1993 ގެ ފަހުން ޗެމްޕިއަންސް ލީގަށް ބަދަލުވީ ފަހުންކަން ފާހަގަކޮށްލެވެ އެވެ. މުޅި މުބާރާތުގެ 71 އަހަރުވީ ދިގު ތާރީހުގައި ޕީއެސްޖީއަކީ މިކާމިޔާބު ހޯދި ދިހަވަނަ ޓީމެވެ.
ޕީއެސްޖީން ރޭގެ ފައިނަލް ކާމިޔާބުކުރީ އާސެނަލް ރޮއްވާލާ ޕެނަލްޓީގައި 5 - 4 ން ކުރިހޯދައިގެންނެވެ. ރޭގެ މެޗުގައި ފުރަތަމަ ލަނޑުޖެހީ އާސެނަލުންނެވެ. މެޗު ފެށިގެން 6 ވަނަ މިނެޓުގައި ކައި ހަވާޓްސް އެޓީމަށް ލީޑު ނަގައިދިނެވެ.
އާސެނަލުން ގިނަވަގުތު ލީޑުވެސް ހިފަހައްޓައިގެން ކުޅުނުއިރު އެޓީމުން ވަނީ ޑިފެންސިވް މޮޅު ކުޅުމެއް ދައްކާފަ އެވެ. މެޗުގެ އޮއިވަރު އެނބުރުނީ 65 ވަަނަ މިނެޓުގައި އާސެނަލުން ޕީއެސްޖީގެ ކްވަރަޝްކީލިއާ ކުރި ފައުލަކާ ގުޅިގެން ދިން ޕެނަލްޓީއާ ހިސާބުންނެވެ. ޕެނަލްޓީ ކާމިޔާބުކޮށް އުސްމާނޭ ޑެމްބެލޭ ޕީއެސްޖީއަށް ނަތީޖާ އެއްވަރުކޮށްދިނެވެ.
އިތުރު ވަގުތަށް މެޗު ދިޔައިރު ވެސް ނަތީޖާއެއް ނުނެރެވުމުން ނަތީޖާ ނެރުނީ ޕެނަލްޓީ ޖަހައިގެންނެވެ. ޕެނަލްޓީ ޝޫޓްއައުޓް ޕީއެސްޖީން ކާމިޔާބުކުރީ 4 - 3 ންނެވެ. ޝޫޓްއައުޓްގައި ޕީއެސްޖީގެ ނޫނޯ މެންޑޭސް ޕެނަލްޓީ ބޭރަށް ދިޔައިރު އާސެނަލް ބަލިވީ އެބާޗީ އެޒޭއާއި ގެބްރިއަލްގެ ޕެނަލްޓީ ނާކާމިޔާބުވުމުންނެވެ.
ރޭގައި ޕީއެސްޖީގެ ފުރަތަމަ 11 ގައި ކުޅުނު ކުޅުންތެރިންގެ ތެރެއިން ދިހަ ކުޅުންތެރިޔަކު މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ވެސް އިންޓަރ މިލާނާ ދެކޮޅަށް ކުޅުނުއިރު އާ ކުޅުންތެރިޔަކަށް ހުރީ ހަމައެކަނި ކީޕަރު މަޓްވޭ ސަފޮނޯވް އެވެ. ކުރީ ސީޒަނުގައި ކުޅުނު ޖިއަންލުއިޖީ ދޮންނަރުމާ ވަނީ މި ސީޒަން ފެށުމުގެ ކުރިން ސިޓީއަށް ބަދަލުވެފަ އެވެ.
ވޭތުވެދިޔަ ދެއަހަރު ދުވަހުގެ ތެރޭގައި ލުއިސް އެންރީކޭގެ ޓީމުން މިވަނީ އެޓީމު ވާދަކުރި ހުރިހާ މުބާރާތެއް ޑޮމިނޭޓްކޮށްފަ އެވެ. މިދިޔަ ސީޒަން ފެށުނީއްސުރެ ޕީއެސްޖީއަށް ކާމިޔާބުކުރެވެން އޮތް ދިހަ ތަށީގެ ތެރެއިން 8 ތަށި އެޓީމުން ކާމިޔާބުކުރި އެވެ. ހަމައެކަނި ނާކާމިޔާބުވީ މިދިޔަ ސީޒަނުގެ ކުލަބް ވޯލްޑް ކަޕާއި މިއަހަރުގެ ފްރެންޗް ކަޕެވެ.
އެހެންނަމަވެސް އަދިވެސް 1956 - 1960 އާ ދެމެދު 5 ޔޫރަޕިއަން ކަޕު ކާމިޔާބުކޮށް ރެއާލުން ހެދި ރެކޯޑް ދުއްވާލުމުގެ ފުރުސަތު ޕީއެސްޖީއަށް އެބައޮތެވެ.
އާސެނަލް ރޮއްވާލާ ޖެހިޖެހިގެން ދެވަނަ ފަހަރަށް ޕީއެސްޖީ ޔޫރަޕުގެ އެންމެ އުހަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ