ސިވިލް ކޯޓުގެ ޤާޒީ މަރްޔަމް ވަޙީދު ރާއްޖޭގެ އެއްވެސް ކޯޓެއްގައި ޤާޟީކަން ކުރުމުގެ ޙައިޞިއްޔަތު ސްޕްރީމް ކޯޓުން ނިގުޅައިގަތުމަކީ މުސްތަޤިއްލުކަމާއެކު ފަނޑިޔާރުކަން ކުރައްވާ ފަނޑިޔާރުންނަށް ދެއްވި ނުރައްކާތެރި އިންޒާރެއްކަމަށް އެމްޑީޕީން ބުނެފިއެވެ.
ގާޒީ މަރީއަށް ރާއްޖޭގެ އެއްވެސް ކޯޓެއްގައި ގާޒީކަން ނުކުރެވޭނެ ކަމަށް ސުޕްރީމް ކޯޓުން އަމުރު ނެރުމާއި ގުޅިގެން އެމްޑީޕީން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ އިންސާފާއި ތަހުޒީބުގެ ހަމަތަކުގެ މައްޗަށް ބިނާވެގެންވާ އެއްވެސް ޤައުމެއްގައި މިހާތަނަށް ޢަމަލުކޮށްފައިނުވާ ޢަމަލަކުން ފަނޑިޔާރެއްގެ ކިބައިން ޝަރީޢަތްކުރުމުގެ ޙައިޞިއްޔަތު ނިގުޅައިގަނެފައިވާކަމަށެވެ.
ޤާޒީ މަރިޔަމް ވަހީދާއަށް ލިބިފައިވާ ޝަރީޢަތްކުރުމުގެ ޙައިޞިއްޔަތު ނިގުޅައިގަނެފައި ވަނީ ބޮޑުމޮހޮރާގެ މައްސަލާގައި އޭނާ ކުރެއްވި ތަންފީޒީ ޙުކުމެއްގެ ސަބަބުންކަމަށާއި، އެނޫން އެއްވެސް ސަބަބަކާހުރެ ނޫން ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.
"އެހެންކަމުން އެއީ، އޭނާގެ ކުށަކާނުލައި އޭނާއަށް ދީފައިވާ އަދަބެއްކަން އެނގެއެވެ. ޤާޟީ މަރްޔަމް ވަޙީދުގެ މައްޗަށް އެވަރުގެ ހަރުކަށިކަމެއް ދައްކާފައި އެވަނީ ރައީސް ޢަބްދުﷲ ޔާމިނުގެ ސަރުކާރު ނުރުހޭގޮތަކަށް މައްސަލައެއް ނިންމެވީތީ، އެކަމުގައި ސީދާ ރައީސް ޢަބްދުﷲ ޔާމިން ނުފޫޒު ހިންގަވައިގެންކަމަށް ދެކެމެވެ". އެމްޑީޕީން ނެރުނު ބަޔާނުގައި ވެއެވެ.
ޤާޒީ މަރިޔަމް ވަހީދު އާއި މެދު ހަރުކަށި ފިޔަވަޅެއް އެޅިގެން ނުވާނެ ކަމަށާއި އެގޮތުން ގާޒީ މަރްޔަމް ވަޙީދާމެދު ފިޔަވަޅުއަޅާފައިވަނީ އޭނާ ޤާޟީކަމުގައި ދެމިހުންނަވަނިކޮށް އޭނާގެ މައްޗަށް އެއްވެސް ތަޙްޤީޤެއް ކުރެވި، ދަޢުވާއެއް އުފުލެވި، އަދި ޝަރީޢަތެއް ހިންގުމެއް ނެތި، އަދި އޭނާއަށް ދިފާޢުވުމުގެ ފުރުސަތެއް ވެސް ނުލިބިކަން އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
އަދި މަރްޔަމް ވަޙީދާމެދު ފިޔަވަޅުއަޅާފައިވަނީ ޤާޒީއަކާ މެދު ފިޔަވަޅު އެޅުމަށް ޤާނޫނު އަސާސީގައި ބަޔާންކުރާ ހަމައެކަނި ދެ މުވައްސަސާ ކަމުގައިވާ ޖުޑިޝަލް ސަރވިސް ކޮމިޝަން ނުވަތަ ރައްޔިތުންގެ މަޖިލިސްގެ އެއްވެސް ދައުރެއްނެތިކަމަށް ވެސް ވަނީ ފާހަގަކޮށްފައެވެ.
މީގެ އިތުރުން ސިވިލް ކޯޓުން އިއްވި ޙުކުމުގެ މައްސަލަ ދައުލަތުގެ ފަރާތުން ހައިކޯޓަށް އިސްތިއުނާފަށް ހުށަހެޅުމަށްފަހު ދައުލަތުން އެ މައްސަލަ އަނބުރާ ގެންގޮސްފައިވާއިރު، އެ ކޯޓުން އެންމެ ފުރަތަމަ ނިންމި ތަންފީޒީ މައްސަލަ ވެސް ދައުލަތުން ހައިކޯޓަށް ހުށަހެޅުމަށްފަހު އަނބުރާ ގެންގޮސްފައިވާކަން އެނގެން އޮންނަކަމަށް ވެސް އެ ބަޔާނުގައި ވެއެވެ.
އެހެންކަމުން، ސިވިލް ކޯޓުގު ޤާޒީ މަރްޔަމް ވަޙީދު ރާއްޖޭގެ އެއްވެސް ކޯޓެއްގައި ޤާޟީކަން ކުރެއްވުމުގެ ޙައިޞިއްޔަތު ސްޕްރީމް ކޯޓުން ނިގުޅައިގަނެފައިވަނީ އިންސާފާއި ތަހުޒީބުގެ ހަމަތަކުގެ މައްޗަށް ބިނާވެގެންވާ އެއްވެސް ޤައުމެއްގައި، އަދި ދިވެހިރާއްޖޭގައި ވެސް މިހާތަނަށް ޢަމަލުކޮށްފައިނުވާ ގޮތަކަށްކަމަށް އެމްޑީޕީގެ ބަޔާނުގައި ވަނީ ބުނެފައެވެ.
ގާޒީ މަރިޔަމް މަގާމުން ދުރުކުރުމަކީ ފަނޑިޔާރުންނަށް ދިން އިންޒާރެއް - އެމްޑީޕީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ