ފެބުރުއަރީ މަހުގެ އެއްވަނަ ދުވަހު ސަރުކާރު ވައްޓާލަން އިދިކޮޅު ބައެއް ފަރާތްތައް އަޑިގައި ތިބެ ސްޕްރީމް ކޯޓު މެދުވެރިކޮށް ގެންނަން އުޅުނު ކަމަށް ސަރުކާރުން ބުނާ ބަޣާވާތުގެ އެންމެ ބޮޑު ބާގީއަކީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމު ކަމަށް ފޭދޫ ދާއިރާގެ މެމްބަރު އިބްރާހިމް ދީދީ ސިފަ ކުރައްވައިފިއެވެ.
ރޭ ޕީޕީއެމުން ލ.އަތޮޅުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އިބްރާހީމް ދީދީ ވިދާޅުވީ އެކެއް ފެބުރުއަރީގައި ގެންނަން އުޅުނު ބަގާވާތުގެ ހުރިހާ ބާގީންގެ ބައްޕައަކަށް ރައީސް މައުމޫން ހުންނެވީތީ ހިތާމަ ކުރައްވާ ކަމަށެވެ. އަދި އެ ބަޣާވާތަށް ހަރަދު ކުރީ ރައްޔިތުންގެ މާލިއްޔަތުން މުއްސަނދިވެފައި ހުރި ގާސިމް އިބްރާހީމް ކަމަށާއި، ދައުލަތަށް ދައްކަން ޖެހޭ ފައިސާ ނުދައްކާ އެ ފައިސާ ހަރަދު ކުރީ ބަޣާވާތަށް ކަމަށް ވެސް އިބްރާހީމް ދީދީ ވިދާޅުވިއެވެ.
ދައުލަތަށް ދައްކަން ޖެހޭ ފައިސާ ގާސިމް ބޭނުން ކުރީ ދިވެހި ރައްޔިތުންނާއި އިސްލާމް ދީނާ ދެކޮޅަށް ކަމަށް ވެސް އިބްރާހީމް ދީދީ ވިދާޅުވިއެވެ.
އިބްރާހީމް ދީދީ ވިދާޅުވީ އެމްޑީޕީން ކުރިން ބާގީން ކަމަށް ބުނެ ގޮވި ހުރިހާ އެންމެން ވެސް ތިބީ މިހާރު އެމްޑީޕީއާއެކު ކަމަށެވެ.
ސަރުކާރު ވައްޓާލަން އުޅުނު މައްސަލާގައި ޓެރަރިޒަމްގެ ދައުވާ ކުރީގެ ރައީސް މައުމޫނަށް ކޮށް ޝަރީއަތް ނިމެންދެން އެމަނިކުފާނުވަނީ ބަންދުކޮށްފައެވެ.
ފެބުެރުއަރީ އެކެއްގައި ގެންނަން އުޅުނު ބަޣާވާތަށް ހަރަދު ކުރީ ގާސިމް ކަމަށް ޕީޕީއެމުން ތުހުމަތު ކުރާ އިރު އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދަށް ރިޝްވަތު ދިނުމުގެ ތުހުމަތުގައި ގާސިމްގެ ދަރިކަލުން ސިޔާދު ގާސިމްގެ މައްޗަށް ވެސް ވަނީ ދައުވާކޮށްފައެވެ.
އެކެއް ފެބުރުއަރީގެ އެންމެ ބޮޑު ބާގީއަކީ މައުމޫން ކަމަށް އައިބީ ސިފަކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ