ދިވެހިންނަށް ޝުކުރުއަދާކުރަން ފަލަސްތީން ރައްޔިތުން ދިވެހި ދިދަ ވިހުރުވާލައިފި

އިސްރާއީލުން ހިފާފައިވާ ފަލަސްތީންގެ ބިންތަކަށް އަނބުރާ ފަލަސްތީން ރައްޔިތުން ގެނައުމަށް ގޮވާލާ ގާޒާގައި ކުރިއަށް ގެންދިޔަ މުޒާހަރާއެއްގައި ދިވެހި ދިދަ ވިހުރުވާލައިފި އެވެ.
ފަލަސްތީނު ރައްޔިތުން އުޅެމުންދާ ހިތްދަތި ދިރިއުޅުން އަންގައިދިނުމަށް ދިވެހިންގެ ބަޔަކު ހިންގާ " ފްރެންޑްސް އޮފް ޕެލަސްޓައިން އިން މޯލްޑިވްސް" އިން ބުނީ ފަލަސްތީނު ރައްޔިތުން ދިވެހި ދިދަ ހިފައިގެން އިސްރާއީލުގެ އަނިޔާވެރި ސިފައިންނާއި ދެކޮޅަށް މުޒާހަރާކުރީ ފަލަސްތީން ރައްޔިތުންގެ ހިތްދަތި ދިރިއުޅުމަށް ހައްލެއް ހޯދައިދިނުމަށް ދިވެހިން ކުރަމުންދާ މަސައްކަތްތައް ބަލައިގަނެ ޝުކުރު އަދާކުރުމުގެ ގޮތުން ކަމަށެެވެ.
އިސްރާއީލްގެ ލާއިންސާނީ ހަމަލާތަކުގައި ފަލަސްތީންގެ އެތައްހާސް ރައްޔިތުން ޝަހީދުކޮށްލާފައިވާއިރު ދިވެހިން ގެންދަނީ ފަލަސްތީންގެ ރައްޔިތުންނަށް އެހީތެރިވުމަށް ދޭތެރެދޭތެރެއިން ގައުމީ ފެންވަރުގައި ހަރަކާތްތައް ހިންގަމުންނެވެ. އެގޮތުން އެންމެ ފަހުން މިފަދަ ހަރަކާތެެއް ހިންގުނީ 2014 ވަނަ އަހަރުގެ ތެރޭގަ އެވެ. އެފަހަރު ވެސް މުޅި ރާއްޖޭގައި ވަނީ ފަލަސްތީންގެ ރައްޔިތުންނަށް އެހީވުމަށް ފައިސާ ހޯދުމަށް ހާއްސަ ހަރަކާތްތަކެއް ހިންގާ، އެތައް މިލިއަން ރުފިޔާއެއް ފަލަސްތީން ރައްޔިތުންނަށް އެހީގެ ގޮތުގައި ހަދިޔާކޮށްފަ އެވެ.
މީގެއިތުރުން ފަލަސްތީން ރައްޔިތުންގެ ދިފާއުގައި އާއި ފަލަސްތީނުގެ ނަމުގައި މިނިވަން ދައުލަތެއް ގާއިމުކޮށްދިނުމަށް ދިވެހި ސަރުކާރުން ގެންދަނީ ބައިނަލްއަގްވާމީ ހުރިހާ މައިދާނެއްގައި އަޑުއުފުލަމުންނެެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ