ރައީސް މައުމޫނު މިއަދުވެސް ދައުވާއަށް އިންކާރު ކުރައްވައިފި

އަދުލުއިންސާފު ގާއިމް ކުރުމަށް ހުރަސްއެޅުއްވި ކަމަށް ކުރީގެ ރައީސް މައުމޫންގެ މައްޗަށް ދައުލަތުން އުފުލި ދައުވާއަށް އެމަނިކުފާނު މިއަދުވެސް އިންކާރު ކުރައްވައިފިއެވެ.
މިއަދު ކްރިމިނަލް ކޯޓުގައި ކުރިއަށްގެންދިޔަ 5 ގަޑިއިރަށް ދެމިގެންދިޔަ ޝަރީއަތުގެ އަޑުއެހުމުގައި ގާޟީ ދެއްވި ފުރުސަތުގައި ވާހަކަފުޅު ދައްކަވަމުން މައުމޫން ވިދާޅުވީ، އެމަނިކުފާނަކީ ޖިނާއީ އެއްވެސް ކުށެއް ކުރައްވާފައިވާ ބޭފުޅެއް ނޫން ކަމަށެވެ. މިހާރު އުފުލާފައިވާ ދައުވާއަކީ ސިޔާސީ ބޭނުމެއްގައި ކުރާ ދައުވާއެއް ކަމަށް ވިދާޅުވެ ދައުވާއަށް އިންކާރު ކުރައްވާ ކަމަށް ވިދާޅުވިއެވެ.
ކުރީގެ ރައީސް މައުމޫން ވިދާޅުވީ، އެމަނިކުފާނާ ދެކޮޅަށް ދައުވާތައް ކުރަމުންދަނީ އެމަނިކުފާނާމެދު ދިވެހި ރައްޔިތުން ދެކޭގޮތް ބަދަލުކުރުމުގެ ބޭނުމުގައި ކަމަށެވެ.
އަދުލުއިންސާފު ގާއިމް ކުރުމަށް ހުރަސްއެޅުއްވި ކަމުގެ ދައުވާ މައުމޫންގެ މައްޗަށް އުފުލާފައިވަނީ، 1 ފެބްރުއަރީގެ ސުޕްރީމް ކޯޓުން ނެރުނު ހުކުމާއިގުޅިގެން ތުހުމަތު ކުރެވޭ މައްސަލަތަކެއްގައި އެމަނިކުފާނުގެ ފޯނުގައި ހެކިތަކެއް ހުރިކަމަށް ބެލެވިފައިވަނިކޮށް އެފޯނުތައް ތަހުގީގަށް ހަވާލު ކުރެއްވުމަށް ދެކޮޅު ހެއްދެވި ކަމަށް ބުނެ ކުރާ ދައުވާއެވެ.
ކުރީގެ ރައީސް މައުމޫންގެ އިތުރުން، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދުއާ ދެކޮޅަށްވެސް، އަދުލު އިންސާފު ގާއިމު ކުރުމަށް ހުރަސްއެޅުއްވިކަމަށް އުފުލާފައިވާ ދައުވާގެ ޝަރީއަތުގެ އިބްތިދާއީ އަޑުއެހުމުގެ ކަންކަން މިއަދު ވަނީ ނިންމާލާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ